27 ޖޫން 2022 - 10:20

ކައިވެނި ހަފުލާތަކާއި އެކި ކަހަލަ އިވެންޓްތައް ބޭއްވުމަށް ފަރުކޮޅުފުށި އަންނަ މަހު އަލުން ހުޅުވާލަން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު ފަރުކޮޅުފުށި އަލުން ހުޅުވާލާއިރު، ވަރަށް އަވަހަށް އިވެންޓްތައް ބޭއްވުމަށް ފަރުކޮޅުފުށި ބުކްކުރަން ވެސް ހުޅުވާލާނެ ކަމަށެވެ.
ކުރިން ވެސް އިވެންޓްތައް ބާއްވަމުން އައި ފަރުކޮޅުފުށި ކޮވިޑް-19އާ ގުޅިގެން ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލަނީ އެތަން ވަރަށް ބޮޑަށް މަރާމާތުކުރުމަށް ފަހުގައި ކަމަށް އެޗްޑީސީން ބުންޏެވެ. މަރާމާތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް ބުންޏެވެ.
"ވަރަށް އަވަހަށް އެތަން ކުއްޔަށް ދޭ އުސޫލާއި އަގުތައް އިއުލާންކުރާނަން،" އެޗްޑީސީން ބުންޏެވެ.
ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އެތަން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވެސް ސަރުކާރުން ބޭނުންކުރި އެވެ.
ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ. އެޗްޑީސީން ޕްލޭންކޮށްފައި ވަނީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމެވެ. އެ މަސައްކަތް ވެސް މިހާރު އެބަ ކުރިއަށްދެ އެވެ.