27 ޖޫން 2022 - 10:31

ހަންގޭރީގެ ބުދަޕެސްޓުގައި ކުރިއަަށްދާ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ގައުމީ 10 ރެކޯޑެއް އާކޮށް، ރާއްޖޭގެ ފެތުންތެރިން މުބާރާތް ނިންމާލައިފި އެވެ.
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގައި ހިމެނެނީ ހަތަރު ފެތުންތެރިންނެވެ. އޭގެ ތެރެއިން އައިޝަތު ސައުސަން އާއި މުހައްމަދު އާން ހުސެއިން ގައުމީ ތިން ރެކޯޑެއް އާކުރި އިރު، މުބާލް އައްޒާމް އިބްރާހިމް ވަނީ ދެ ރެކޯޑް އާކޮށްފަ އެވެ. އަދި ހަމްނާ އަހުމަދު ވެސް ރެކޯޑެއް އާކުރި އެވެ.
އިންޑިވިޖުއަލް ރެކޯޑްތަކާ އެކު މިކްސްޑް ޓީމް އިވެންޓުން ވެސް ރާއްޖޭގެ ޓީމުން ވަނީ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.
ސައުސަން އެންމެ ފުރަތަމަ އާކުރީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. ސައުސަން މި އިވެންޓް ނިންމީ އެއް މިނިޓާއި 18.76 ސިކުންތުންނެވެ. އޭނާ ވަނީ މި މުބާރާތުގައި ދެވަނަ ފަަރަށް މި ރެކޯޑް އާކޮށްފަ އެވެ. ދެވަނަ ފަހަރަށް ރެކޯޑް އާކުރީ މެޑްލޭ ރިލޭ އިވެންޓުގައި އެއް މިނެޓާއި 18.58 ސިކުންތުން 100 މީޓަރު ބެކްސްޓްރޯކް ލެންތު ފުރިހަމަކޮށްގެންނެވެ.
ސަައުސަން ދެން އާކުރީ އަންހެން ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މި އިވެންޓް ނިންމީ ދެ މިނިޓާއި 53.55 ސިކުންތުން ފަތައިގެންނެވެ. ކުރިން ވެސް މި ރެކޯޑް އޮތީ ސައުސަން އަތުގަ އެވެ. އެއީ 2018 ގައި އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި ދެ މިނިޓާއި 57.90 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.
ރާއްޖޭގެ ޓީމުގައި ދެން ހިމެނޭ އަންހެން ފެތުންތެރިޔާ ހަމްނާ ގައުމީ ރެކޯޑް އާކުރީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގަ އެވެ. އޭނާ ވަނީ 34.53 ސިކުންތުން އިވެންޓް ނިންމައިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، 2019 ވަނަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގައި 35.41 ސިކުންތުން އިވެންޓް ނިންމި ސައުސަން އަތުގަ އެވެ.
އާން އެންމެ ފުރަތަމަ އާކުރީ ފިރިހެން ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ ވަނީ އެއް މިނިޓާއި 5.77 ސިކުންތުން އިވެންޓް ނިންމައިގެން، މިދިޔަ އަހަރު ކްރޮއޭޝިއާގައި ބޭއްވި ގޯލްޑެން އޯލެންޑޯ މުބާރާތުގައި އެއް މިނިޓާއި 9.07 ސިކުންތުން އިވެންޓް ނިންމި އަލީ އިމްއާން އަތުގައި އޮތް ރެކޯޑް އާކޮށްފަ އެވެ.
އާން ދެން ގައުމީ ރެކޯޑް އާކުރީ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކާއި 100 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުން އާން ރެކޯޑް އާކުރީ، 2019 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަލީ އިމްއާން ފެތި ވަގުތަށް ވުރެ 1.29 ސިކުންތު އަވަހަށް ނިންމައިގެންނެވެ. އާން އިވެންޓް ނިންމީ 29.57 ސިކުންތުންނެވެ.
ފިރިހެން ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާން އާކުރީ، އެންމެ ފަހުން މި ރެކޯޑް އާކުރިތާ 10 އަހަރު ފަހުންނެވެ. އާން ވަނީ 56.96 ސިކުންތުން މި އިވެންޓު ނިންމައިފަ އެވެ. އެންމެ ފަހުން މި ރެކޯޑް އާކުރީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް ގޭމްސްގައި އަހުމަދު ހުސާމެވެ. ހުސާމް ވަނީ އެ މުބާރާތުގައި 57.53 ސިކުންތުން އިވެންޓް ފުރިހަމަކޮށްފަ އެވެ.
މުބާލް ވަނީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް، ފަސް މިނިޓާއި 14.91 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެން ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ މި ރެކޯޑް އާކުރީ 2018 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި އޭނާ އިވެންޓް ނިންމި ވަގުތަށް ވުރެ 20.50 ސިކުންތުގެ ކުރިއެރުމެއް ހޯދައިގެންނެވެ.
މުބާލް ދެން އާކުރީ ފިރިހެން ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ މި އިވެންޓުން ރެކޯޑް އާކުރީ، 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން މިނިޓާއި 3.11 ސިކުންތުން އިވެންޓް ފުރިހަމަ ކުރި އަހުމަދު އަޒްޔާން ޒާހިދަށްވުރެ އަވަހަށް ނިންމައިގެންނެވެ. މުބާލް ރެކޯޑް އާކުރީ ދެ މިނިޓާއި 36.74 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.
ޓީމް އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑް އާކުރީ، ހަތަރެއް ގުނަ 100 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓުންނެވެ. ސައުސަން އާއި ހަމްނާ އަދި މުބާލް އާއި އާން ވާދަކުރި މި އިވެންޓުން ގައުމީ ރެކޯޑް އާކުރީ، ހަތަރު މިނިޓާއި 18.44 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.
މިއީ 2019 ވަނަ އަހަރުގެ ވޯލްށް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުން އާކުރި ރެކޯޑަށް ވުރެ 7.47 ސިކުންތު އަވަސް ވަގުތެކެވެ. އެއަހަރު ހަތަރު މިނިޓާއި 25.91 ސިކުންތުން އިވެންޓް ނިންމި ޓީމުގައި ވެސް ސައުސަން އާއި މުބާލް ހިމެނެ އެވެ. އެ ޓީމުގައި ދެން ހިމެނުނީ އަލީ އިމްއާން އާއި އައިޝަތު ސާޖިނާ އެވެ.