26 ޖޫން 2022 - 20:45

ދިވެހިން އެދޭ ރާއްޖެ އަދިވެސް ހޯދައިދެވޭނީ އެމްޑީޕީއަށް ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ފަސް ނުޖެހި މަސައްކަތްކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ 17 ވަަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ހަފްލާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެތެރޭގެ ކޯޅުން ބޮޑުވެ ފެކްޝަން ހެދިފައިވާ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ހަފްލާއިން ގިނައިން ފެނުނީ ނަޝީދުގެ ފެކްޝަންގައި ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިދިޔަ މަހުގެ 23 ގައި ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފައްޔާޒު އިސްމާއިލް ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން މިވަގުތު މާލެއަކު ނޫޅުއްވަ އެވެ.

ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފައްޔާޒް ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދުކަމުގައިވާ، ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް މާލެ މީހުންނަށް ހާއްސަކޮށްގެން ގޯއްޗަށް އެދުމަށް ހުޅުވާލުމުން، ޕާޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިއަދު ހަވީރު ބޭއްވި ހަފްލާގައި ދިދަ ނެންގެވުމަށް ފަހު ނަޝީދު ވަނީ ޔޯގާ ދުވަސް ފާހަގަކުރުމުން އުފެދު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ގައުމުގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ނުވަތަ ކަސްރަތު ކުރުމަކީ އިސްލާމް ދީނާ ހިލާފު ކަމެކޭ ބުނެ ވާހަކަދައްކައި އާއްމު ދިރިއުޅުމަށް ބުރުއަރަން ފަށައިފި ނަމަ އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ޔޯގާ ހެދުން ހަރާމް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއެއް ވަނީ އާންމުވެފަ އެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވަން މިނިސްޓްރީން ފުލުހުންގެ ކިބައިން އެދިފައިވެ އެވެ.

ނަޝީދު ވިދާޅުވީ ހަލާކުގެ އައްސޭރިއަށް ގޮސްފައިވާ ގައުމުތައް ފެނިވަޑައިގެންފައިވާ ކަމަށާއި އެ ގައުމުތައް ބާކީވެ އެކަހެރިވެގެން ގޮސްފައިވާތަން ވެސް ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ އެ ހާލަތަށް ދިއުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން އެދޭ ފަދަ ރާއްޖެއެއް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދު ވެސް އަމާޒެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެ އަމާޒު ހާސިލްކޮށްދޭނީ އެމްޑީޕީ ކަމާއި އަދި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން، އެ މަނިކުފާނު ވަނީ މިއަދު ވެސް ތަކުރާރުކުރައްވައިފަ އެވެ.