27 ޖޫން 2022 - 07:04

މުޖުތަމައުގައި އޮންނަ ތަފާތު އެކި މައްސަލަތަކުގެ މައްޗަށް ލިޔެފައިވާ ސްކްރިޕްޓްތަކަށް އަބަދު ވެސް މަސައްކަތްކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑް ރޯލު ކުޅުނު އެކްޝަން ފިލްމު "އަނޭކް" ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފި އެވެ.
ފުރަތަމަ ފަހަރަށް އަޔޫޝްމަން ސިފައިންގެ މީހެއްގެ ރޯލުން ފެންނަ އެ ފިލްމު ރިލީޒްކުރިތާ މަސް ދުވަސް ފަހުން މިއަދު ވަނީ ނެޓްފްލިކްސް މެދުވެރިކޮށް އެ ފިލްމު ސްޓްރީމްކުރަން ފަށައިފަ އެވެ.
އަނުބަމް ސިންހާ ޑައިރެކްޓްކުރި އެ ފިލްމަކީ ނޯތު އީސްޓް އިންޑިއާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ މީހެއްގެ ގޮތުގައި އަޔޫޝްމަން އުޅޭއިރު އޭނާ އަށް ދިމާވާ އެކި ކޭސްތަކުގައިވާ ގޮތް ދައްކާ ފިލްމެކެވެ. ސިފައިންގެ މީހެއްގެ ގޮތުގައި އޭނާ އެކި މިޝަންތަކަށް ގޮސް އުޅޭ މަންޒަރު އެ ފިލްމުގައި ފެންނާނެ އެވެ.
ޓައިމްސް އޮފް އިންޑިއާގެ ކްރިޓިކުން ވަނީ އެ ފިލްމަށް ހަތަރު ތަރީގެ ރޭޓިންއެއް ދީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
އިންޑިއާގެ ގައުމީ އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނިކުތް "ޗަންދީގަރު ކޭ އާޝިގީ" އިންނެވެ.