ޝާހު އެންމެ ކުޅެން ބޭނުންވި ކަހަލަ ރޯލެއް 30 އަހަރު ފަހުން ލިބިއްޖެ
ޝާހު އެންމެ ކުޅެން ބޭނުންވި ކަހަލަ ރޯލެއް 30 އަހަރު ފަހުން ލިބިއްޖެ

ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ޝާހްރުކް ޚާން، އެންމެ ބޭނުންވާ ކަހަލަ ރޯލެއް ކުޅެލުމުގެ ފުރުސަތު ލިބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 30 އަހަރުވީ ފަހުން ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވަނީ ޝާހު ބޮލީވުޑްގައި މަސައްކަތްކުރާތާ 30 އަހަރުވެފަ އެވެ. އޭނާ ފިލްމީ ދާއިރާ އަށް ނިކުތީ އުމުރުން 26 އަހަރުގަ އެވެ. މިހާރު 56 އަހަރުގައި ވެސް ބޮލީވުޑްގައި އޭނާ އަންނަނީ ރަސްކަންކުރަމުންނެވެ.

އިންސްޓަގްރާމް ލައިވްއެއްގައި ޝާހު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ.

ހަތަރު އަހަރަށް ފަހު ޝާހު އެނބުރި އަންނަ "ޕަތާން" ފިލްމު އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ޝާހު ބުނީ ބޮލީވުޑަށް ނިކުތްސުރެ އޭނާ އިންތިޒާރުކުރަމުން އައީ އެ ކަހަލަ ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބޭނެ ދުވަހަކަށް ކަމަށެވެ.

ޝާހު ބުނީ އެކްޝަން ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ އެކްޝަން ސީނެއް އެ ފިލްމުގައި ހުންނާނެ ކަމަށާއި ބެލުންތެރިންނަށް ވަރަށް ބޮޑަށް ފިލްމު ކަމުދާނެ ކަމަށެވެ.

އެއާ އެކު ޝާހު ވަނީ "ޕަތާން"ގެ ދެވަނަ ބައެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. ބެލުންތެރިންނަށް ފިލްމު ކަމުގޮސްފި ނަމަ، އޭގެ ދެވަނަ ބައެއް އަންނާނެ ކަމަށް ބުންޏެވެ.

އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ނެރޭ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމުގައި ޝާހުއާ އެކު ދީޕިކާ ޕަޑުކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ.