ޔާމީން ވެރިކަމުގައި ވިނަރެސް ފްލެޓް ވިއްކަން އުޅުނީ ސަރުކާރު މަގާމުތަކުގައި ތިބި މީހުންނަށް
ޔާމީން ވެރިކަމުގައި ވިނަރެސް ފްލެޓް ވިއްކަން އުޅުނީ ސަރުކާރު މަގާމުތަކުގައި ތިބި މީހުންނަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކަން އުޅުނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ސިވިލް ސާވިސްގެ ދާއިމީ މަގާމުތަކުގައި ތިބި މީހުންނަށްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޔާމީން ވެރިކަމުގައި ވިނަރެސް ފްލެޓް ވިއްކަން އުޅުނީ ސަރުކާރު މަގާމުތަކުގައި ތިބި މީހުންނަށް
ޔާމީން ވެރިކަމުގައި ވިނަރެސް ފްލެޓް ވިއްކަން އުޅުނީ ސަރުކާރު މަގާމުތަކުގައި ތިބި މީހުންނަށް

ނޮވެމްބަރު 16، 2017 ގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ރައީސް އޮފީހުން ފޮނުވި ސިޓީގައިވާ ގޮތުން އޭރު ނިންމާފައި އޮތީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ސިވިލް ސާވިސްގެ ދާއިމީ މަގާމެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ފްލެޓް ދޭށެވެ.

އެ ކެޓަގަރީތަކާ ގުޅިގެން ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ މިނިސްޓްރީން ނޮވެމްބަރު 1، 2017 ގައި އިއުލާންކުރި މެދުފަންތީގެ ބޯހިޔާވަހި ކަމަށް ދޫކުރާ 1530 ފްލެޓް ވިއްކުމަށް ކަނޑައެޅި ކެޓަގަރީތަކުގައި ޖުޑީޝަރީ ފިޔަވައި، އެގްޒެކްޓިވްގެ ދަށުން ދައުލަތުގެ މުވައްސަސާތައް ހިމެނިއިރު ރައީސް އޮފީހާއި ރައީސްގެ ރަސްމީގެ އާއި ހިލާލީ ގޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ހިމަނާފައިނުވާ ކަމަށެވެ.

އެހެންވެ، އޭރުގެ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖްތާޒު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އެ ކެޓަގަރީތައް ވެސް ހިމެނުމަށް އެދިވަޑައިގެންފަ އެވެ.

"ވީމާ، މެދުފަންތީގެ ބޯހިޔާވަހިކަމަށް ދޫކުރެވޭ 1530 ފްލެޓް ވިއްކުމަށް ކަނޑައެޅުއްވި ކެޓަގަރީތަކުގެ ތެރެއިން މި ދަންނަވާ ދެ ކެޓަގަރީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއާއި ހިލާލީގޭގައި ވަޒީފާ އަދާކުރައްވާ ފަރާތްތަކަށް ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" އެ ސިޓީގައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ވަޒީފާ އަދާކުރާ މީހުންނަށް 450 ފްލެޓް، އަދި ސިވިލް ސާވިސްގެ ދާއިމީ ވަޒީފާއެއްގައި ތިބި މީހުންނަށް 450 ފްލެޓް ވަނީ ކަނޑައަޅައިފަ އެވެ. ބެލެވޭ ގޮތުގައި ބާކީ ފްލެޓްތަކަކީ އެ ސިޓީގައިވާ ގޮތަށް ރައީސް އޮފީހާއި ހިލާލީ ގޭގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކޮށްފައިވާ އަދަދެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ފްލެޓް ދޭން އޭރު ސަރުކާރުން ނިންމިއިރު އެތަންތަން ނިކަމެތިންނަށް ދޭން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ގޮވާލަމުންދާ އެއް ބަޔަކީ އޭރުގެ އިސްވެރިންނެވެ.

ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެ ފްލެޓްތައް އެޅުމުގެ މަސައްކަތް ފެށީ ވެސް އޭރުގެ ސަރުކާރުންނެވެ. އެހެން ނަމެއްގައި އެ މަޝްރޫއު ފެށި ނަމަވެސް މި ސަރުކާރުން "ވިނަރެސް" އަށް ބަދަލުކޮށްގެން ކުރިއަށް ގެންދާއިރު ފްލެޓް ދޭން ނިންމާފައި ވަނީ ވެސް އޭރު ނިންމި ގޮތަކަށް ނޫނެވެ.

މި ސަރުކާރުން ނިންމީ މާލޭގެ މީހުންނަށް އެތަނުން ބޮޑު ބައެއް ހާއްސަ ކުރާށެވެ. އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މާލޭގައި ރަޖިސްޓްރީކުރި ދުވަހުން ފެށިގެން 15 އަހަރުވެފައިވާ މީހުންނަށް އެ ފްލެޓަށް ކުރިމަތިލެވޭނެ އެވެ. އަދި މާލޭގައި ރަޖިސްޓްރީނުވެ އެކަމަކު މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ވެސް އޭގެ ތެރެއިން 100 ފްލެޓް ކަނޑައަޅާފައިވެ އެވެ.

ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ދެ ގޮތަކަށް ފްލެޓް ގަތުމުގެ ފުރުސަތު އޮތްއިރު ކުލި އުޅެނީ ގާތްގަނޑަކަށް 17000 އިން 20000 އާ ހަމައިގަ އެވެ.

އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ ކުރީގެ މިނިސްޓަރު މުއިއްޒު ވިދާޅުވީ ޔާމީން ފެށި 1530 ޔުނިޓްގެ މަޝްރޫއު 1،340 އަށް ކުޑަކޮށް "ވިނަރެސް" ގެ ނަންދީ އަތްނުފޯރާހާ އަގުބޮޑުކޮށް ވިއްކަން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ ސަރުކާރުން ނިންމީ 7000ރ. އަށް ފްލެޓް ދޭށެވެ.