26 ޖޫން 2022 - 10:55

ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައިވަނީ ހަގީގަތެއް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަލީމް އެހެން ވިދާޅުވީ، މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން އޭނާ ފެންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ސަލީމް ވިދާޅުވީ، އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށް ވާއިރު، އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ސަލީމްގެ ސިޓީގައި ވެ އެވެ.
ރާއްޖެ ޓީވީގެ އެއް ޑިރެކްޓަރު ސަލީމް ވިދާޅުވީ، އޭނާއާ މެދު ތުހުމަތު ކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރަން ވެސް ސަލީމް އެދިވަޑައިގަތެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ އާންމު ވެފަ އެވެ. އޭނާ އެ ރޭ ފުލުސް އޮފީހަށް ގެންގޮސް ވަނީ ސުވާލު ވެސް ކޮށްފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއަން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އެ ވީޑިއޯ ވެސް ވަނީ އާންމުކޮށްފަ އެވެ.