ޕޮގްބާގެ ބޭޭބެ ފްލޮރެންޓިން އިންޑިއާގެ މޯހަން ބަގާނަށް
ޕޮގްބާގެ ބޭޭބެ ފްލޮރެންޓިން އިންޑިއާގެ މޯހަން ބަގާނަށް

މޯހަން ބަގާން (ޖޫން 26) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އެއްބަނޑު އެއްބަފާ ބޭބެ ފްްލޮރެންޓިން ޕޮގްބާ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ މޯހަން ބަގާނަށް ސޮއިކޮށްފި އެވެ.

ޕޮގްބާގެ ބޭޭބެ ފްލޮރެންޓިން އިންޑިއާގެ މޯހަން ބަގާނަށް
ޕޮގްބާގެ ބޭޭބެ ފްލޮރެންޓިން އިންޑިއާގެ މޯހަން ބަގާނަށް

އިންޑިއަން ސުޕަ ލީގުގެ އަންނަ ސީޒަނަށް ތައްޔާރުވާން ފަށާފައިވާ މޯހަން ބަގާނަށް، އުމުރުން 31 އަހަރުގެ ޑިފެންޑަރު ޕްލޮރެންޓިން ބަދަލުވީ ކުރިން ކުޅެމުން އައި ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކްލަބް ސޮޝޯ މޮންޓްބެލިއާޑް އާއެކު ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވަ އެވެ.

މޯހަން ބަގާން ވަނީ މިއަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާޔާ އާއި އިންޑިއާގެ ގޯކުމް ކެރެލާ އަދި ބަންގްލަދޭޝްގެ ބަަޝުންދަރާ ކިންގްސް ފަހަތަށް ޖައްސާލައި ގުރޫޕްގެ އެއްވަނައާ އެކު އިންޓަ ޒޯން ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި ސެޕްޓެމްބަރު މަހު ފަށަން ހަމަޖެހިފައިވާ އޭއެފްސީ ކަޕް ސެމީ ފައިނަލް މެޗުން ފެށިގެން މޯހަން ބަގާނަށް ފްލޮރެންޓިން ގެ ބޭނުން ހިފުމުގެ ފުރުސަތު ލިބޭނެ އެވެ.

ފްލޮރެންޓިން އަކީ ޕައުލް ޕޮގްބާގެ ކުރިން އޭނާގެ މަންމަ އާއި ބައްޕައަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެކަކެވެ. ފްލޮރިންޓެންގެ އެއްމާބަނޑު ބޭބެ މެތިއަސް އަކީ ފޯވާޑެކެވެ. ޕޮގްބާއާ ހިލާފަށް ފްލޮރެންޓިން އުފަންވީ ގިނީ އަށެވެ. އަދި އޭނާ އަކީ ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 31 މެޗު ކުޅެދީފަ އެވެ. މެތިއަސް ވަނީ މީގެ ކުރިން ފްލޮރެންޓިން އާއެކު ގައުމީ ޓީމަށް ކުޅެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ހާމަކުރާ ގޮތުގައި ފްލޮރެންޓިން ޓީމަށް ގެނައީ އޭނާގެ މަޝްހޫރު ކަމަށް ބަލައިގެންނެއް ނޫނެވެ. އެޓީމަށް ގެންދަން ގިނަ ކުޅުންތެރިންތަކެއް ޝޯޓްލިސްޓު ކުރި ނަމަވެސް ފްލޮރެންޓިން ގެންނަން ނިންމީ އޭނާގެ ގާބިލްކަމުގެ ސަަބަބުން ކަމަށް ވެސް އިންޑިއާ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އިންޑިއަން ސުޕަ ލީގުގައި މީގެ ކުރިން ވަނީ ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނެއް ކުޅެފަ އެވެ. މޯހަން ބަގާނަށް ބަދަލުވުމަށް ފަހު ފްލޮރެންޓިން ބުނީ، ފްރާންސްގެ ނިކޮލަސް އަނެލްކާ އާއި ރޮބާޓް ޕިރޭޒް ފަދަ ކުޅުންތެރިންގެ ފަރާތުން އިންޑިއާ ލީގުގެ ވާހަކަތައް ވަރަށް ގިނައިން އަޑު އިވޭކަމަށާއި އިންޑިއާ ލީގުގެ ކަންކަން އޭނާ އަމިއްލައަށް ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މޯހަން ބަގާނަކީ އޭޝިއާގައި ވެސް ގުނާލެވޭ ކުލަަބަކަށް ވެފައި، އެޓީމުގެ ދަނޑުގައި 70،000 އެތައް ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅެން ކެތްމަދުވެފައި ހުރިކަމަށް ވެސް ފްލޮރެންޓިން ބުނެ އެވެ.

ފްލޮރެންޓިން އިންޑިއާ ލީގަށް ބަދަލުވުމާ އެކު އޭނާގެ ކޮއްކޮ ޕައުލް ޕޮގްބާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައި، ފްލޮރެންޓިން އަށް އޭނާގެ އާ ކުލަބް އޭޓީކޭ މޯހަން ބަގާނުގައި ފުރިހަމަ ކާމިޔާބަށް އެދި ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ.

ޕައުލް ޕޮގްބާ، 29، ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަމަވުމުން އަނެއްކާ ވެސް ހިލޭ ޓްރާންސްފާގައި އަންނަ ސީޒަނަށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފަ އެވެ.

ފްރާންސްގެ ދެވަނަ ޑިވިޝަނުގައި ސީނިއާ ކެރިއަރު ފެށުމަށް ފަހު އޭނާ ވަނީ އެގައުމުގެ ލީގު ރެކޯޑް 10 ފަހަރު ހޯދާފައިވާ ސެއިންޓް އެޓިއަނީ އަށް ފަސް ސީޒަނުގައި 99 މެޗު ކުޅެދީފަ އެވެ. އަދި ތިން ސީޒަނުގައި ޔޫރޮޕާ ލީގު ވެސް ކުޅުނު އިރު، އެޓީމާ އެކު 2016/17 ގެ ޔޫރޮޕާ ލީގުން ކެޓީ އޭނާގެ ކޮއްކޮ ޕައުލް ޕޮގްބާ ކުޅެމުން ދިޔަ މެންޗެސްޓާ ޔުނައިޓެޑް އަތުން ނޮކައުޓް ބުރުގައި ބަލިވުމުންނެވެ.

އެއަށް ފަހު ފްލޮރެންޓިން ވަނީ ތުރުކީގެ ސުޕަ ލީގުގައި ކުޅެ، އެމެރިކާގެ މޭޖާ ލީގް ސޮކާ ގެ އެޓަލާންޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އޭނާ އެނބުރި ޔޫރަޕަށް އައިސް ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކްލަބް ސޮޝޯއާ ގުޅުނީ މެއި 2020 ގައި ތިން އަހަރުދުވަހަަށެވެ.