26 ޖޫން 2022 - 01:07

ޔުނިކްސް ސްޕޯޓްސް އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބޭއްވި، ފައިގަތަޅާ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފި އެވެ.
ފިރިހެން ޗެމްޕިއަންކަން ހޯދީ އިސްލާމިކް ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ) އެވެ.
މުބާރާތުގެ އެންމެ ވަރުގަދަ ކޮށް ފެނުނު ޓީމުތައް ކަމަށްވާ، އާރްޑީސީ، އާއި އެޗްޑީސީ އަދި މިފްކޯ ޔޫތު ކްލްބްގެ ފަދަ ޓީމުތައް ފަހަތައް ޖައްސާލުމަށް ފަހު ފައިނަލުގެ ޖާގަތައް ހޯދީ ކަސްޓަމާއި އައިޔޫއެމްއެސްޔޫގެ އިތުރުން މިޑިއާ ނެޓާއި އައިޔޫއެމް ސްޓާފް ކްލަބެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމް ހޯދީ މިޑިއާނެޓްގެ ޓީމުގެ މައްޗަށް 27-19 އިން ކުރި ހޯދައިގެންނެވެ. ފިރިހެން ބައިގެ ފައިނަލުގައި އައިޔޫއެމްއެސްޔޫ އާ ދެކޮޅަށް ނުކުތީ އެ ޔުނިވަސިޓީގެ މުވައްޒަފުންގެ ޓީމު، އައިޔޫއެމް ސްޓާފް ކްލަބެވެ. އައިޔޫއެމްއެސްޔޫ ޗެމްޕިއަންކަން ހޯދީ 25-11 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ސަރަހައްދުގައި އަތިމައްޗާ ކައިރީ ބަސް ސްޓޭޝަނާ ދިމާލުގައި ތައްޔާރުކޮށްފައިވާ ފައިތަޅާ ކޯޓްގައި މިރޭ ކުޅުނު ފައިނަލުގެ މެޗުތަކަށް ފަހު ޓީމުތަކަށް އިނާމު ދެއްވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ވެސް ދިނެވެ.
ޖުމުލަ 38 ޓީމު ވާދަ ކުރި މުބާރާތަށް ލިބުނު ތަރުހީބާއެކު، ބޮޑު އީދު ތެރޭގައި ވެސް ފައިގަތަޅާ މުބާރާތެއް ބާއްވަން ޔުނިކްސް ސްޕޯޓިން އިން ދަނީ ތައްޔާރު ވަމުންނެވެ.
މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ އެޗްޑީސީ އާއި އާރްޑީސީގެ އެހީތެރި ކަމާއެކު އެވެ.