ނަކަލު
ނަކަލު

ބުދަ ދުވަހާ ގުޅޭ

"އަހަރެން ކިޔަވަން ފަށަނީ." މަންމަ ބުންޏެވެ.

"އުހުނ!" ބައްޕަ އެއްބަހެއްނުވިއެވެ. "އަދި ނޭނގެއެއްނު ކާކަށްކަމެއް ކިޔަވަންވީ. މި އުޅެނީ ތަނެއް، ދޮރެއް، ތަންޑެއް، މަކުޑިއެއް ވަކިނުވެގެން."

"އެކަމަކު ކޮންމެވެސް މީހަކު ކަމެއް ކޮށްބަލަ!" ބިރުން ހުރެ އަހަރެން ބުނީމެވެ. "އަހަރެންނަކަށް ދެ ކުދިންނެއް ނުބެލޭނެ. ދެކުދިންނެއް ވެސް ނޫން. ޑަބަލް!"

އަހަރުމެން ވާހަކަދައްކަން ތިއްބައި، އަހަރެން އުރައިގެން ހުރި ނާވީއަށް ރަނގަޅަށް ހޭލެވުނެވެ. ބައްޕަ އުރައިގެން ހުރި ނާވީއަށް ބަލައިލިއެވެ.

"ކީއްވެ ކާކަ ލޯގަނޑެއް ހިފައިގެން އެހެރީ؟" އިނގެރޭސިބަހުން ނާވީ އެހިއެވެ.

ނާވީ އެހެން ބުނީ ބައްޕަ އުރައިގެން ހުރި ނާވީއާއި އަހަރެންގެ ދަރިފުޅާ އެއްވެސް ތަފާތެއް ނެތީމައެވެ. އެހެނަސް، ދެ ކުދިން ކުރަނީ އެއްކަމެއް ނޫނެވެ. ދައްކަނީ އެއް ވާހަކައެއް ވެސް ނޫނެވެ.

"އެއީ ލޯގަނޑެއް ނޫނޭ ދަރިފުޅާ!" އަހަރެން އިނގެރޭސިބަހުން ޖަވާބުދިނީމެވެ.

"އެކަމަކު އަހަރެން މީނީ މި ތާނގައެއްނު. ދެން ކީއްވެ އެ ތަނުން ފެންނަނީ؟" އަހަރެން އުރައިގެން ހުރި ނާވީ އެހިއެވެ.

އަހަރުމެން ތިން މީހުން ކުރެ އެކަކަށް ވެސް އޭގެ ޖަވާބެއް ނޭނގުނެވެ.

"ކުރީ ދުވަހު ދަރިފުޅު އެޅުވީމެއްނު ޔޫޓިއުބް ވީޑިޔޯއެއް،" ބައްޕަ ބުންޏެވެ. "އޭތި އަޅުވަބަލަ!"

"ބައްޕާ! މީ ޔޫޓިއުބް ވީޑިޔޯ ބަލަންވީ ގަޑިއެއް ނޫނެއްނު!" އަހަރެން ބުނީމެވެ.

"އުހުނ! އަޅުވަބަލަ އަޅުވަބަލަ!" ބައްޕަ އެދުނެވެ. "ނާވީއާ އެއްކޮށް އަހަރެން ވެސް އެ ވީޑިޔޯ ބެލީމޭ! އަޅުވަބަލަ!"

އަހަރެން އެ ބުނާ އެއްޗެއް އެޅުވީމެވެ. އެއީ އިނގެރޭސި ދަސްކޮށްދޭ ފިލާވަޅެކެވެ. އޭގައި ސީ އަކުރު ކިޔައިފައި ދައްކަނީ ބުޅަލެކެވެ. ބުޅާ ދައްކާ އިރު އެ ބުޅާ މޮއްގަނޑުގައި ދޫހާކައި، ކަންފަތްކަހައި ހަދައެވެ.

"ދެން ބަލާބަލަ މި ކޮޅު." ބައްޕަ ބުންޏެވެ.

އަހަރެން ދެކުދިންނަށް ބެލީމެވެ. ބުޅާ ހަދާ ގޮތަށް ހަދަނީ، އަހަރެން އުރައިގެން ހުރި ނާވީއެވެ. ބައްޕަ ބުނި ގޮތުގައި، އެ މަންޒަރުތައް ބަލާ ކޮންމެ ފަހަރަކު ނާވީ އެ ވައްތަރުތައް ޖައްސައެވެ. އެއީ އަސްލު ކުއްޖާއެވެ. ބައްޕަ ނިންމީ އެ ގޮތަށެވެ.

"މީނަ އެހެނެއް ނަހަދައެއްނު!" ބައްޕަ ބުންޏެވެ. "އެހެންވީމަ މީ މައްސަލައަކީ."

އެހެން ބުނެފައި، ބައްޕަ އުރައިގެން ހުރި ކުއްޖާ އެނދުމަތީގައި ބޭންދިއެވެ. ހަމަ ބައިންދާ އިރަށް އޭނަ ވެސް އެ ވައްތަރުތައް ޖައްސަން މަސައްކަތްކުރަން ފަށައިފިއެވެ. ނާވީ ހަދާހެން ހަދަން ފަށައިފިއެވެ. ތަފާތަކީ އޭނަގެ ނުފަރިތަކަމެވެ.

"ދެން ތި ފާޑަށް ނޫޅޭ!" އޭނަޔާ ދިމާއަށް ބައްޕަ ބުންޏެވެ. "އަހަރުމެން މީ މޮޔައިންނެއް ނޫނޭ!"

ބައްޕަ އެހެން ބުނާ އިރަށް އެ ނާވީ ހުއްޓައިލިއެވެ. އަހަރެންނާ ދިމާއަށް ބައްޕަ އެނބުރުނެވެ.

"ކިޔަވަން ފަށާ!" ބައްޕަ ބުންޏެވެ.

"އަހަންނަށް ވުރެ ރަނގަޅަށް ކިޔަވާނެ މަންމަ،" އަހަރެން ބުނީމެވެ. "މަންމަ ކައިރީގަ ބުނެބަލަ! އަހަންނަކަށް ނޭނގެ ކިޔަވަންވީ އެއްޗެއް ވެސް."

"މާ ބައިވަރު އެއްޗެއް ކިޔަވާނެކަމެއް ނެތޭ!" ބައްޕަ ބުންޏެވެ. "ކުރުސި ކިޔާ!"

އަހަރެން ކުރުސިކިޔަވަން ފެށީމެވެ. ދެ ކުދިން ވެސް އަހަންނަށް ބަލަހައްޓައިގެން ތިއްބެވެ. އިތުރު އެއްވެސް ހަރަކާތެއް ނުކުރެއެވެ. ބައްޕަ އެދުނީ ތަކުރާރުކޮށް ކުރުސިކިޔުމަށެވެ. އަހަރެން ދެވަނަ ފަހަރު ކިއީމެވެ. ތިންވަނަ ފަހަރު ކިޔާ ނިންމާ އިރަށް، އަހަރެންގެ އުރުގައި އިން ދަރިފުޅު، ނިކަން ހިނިއައިސްފައި ކުރުސިކިޔަން ފެށިއެވެ. އާންމުކޮށް އޭނަ ކިޔާ ގޮތަށެވެ. ބައެއް އަކުރުތައް އޭނައަކަށް ނުކިޔޭނެއެވެ. އެ ވަގުތު، އެނދުމަތީގައި އިން ނާވީއަށް އުނދަގޫވާން ފެށިއެވެ. ހީވަނީ ފިޓުޖެހެން އުޅޭހެންނެވެ. އަވަސްއަވަހަށް އެސްފިޔަޖަހައި، ކުއްލިކުއްލިއަށް ނޭވާލާން ވެސް ފެށިއެވެ.

"އާނ! ތި ދެބަފައިން ދޯ ނާވީ ނިންދެވީ؟" މަންމަ ބުންޏެވެ. "ނިދުމުގެ ކުރިން އޭނަ ކުރުސިކިއި ދޯ؟"

"އާނ! އެހެންވެގެން ދަރިފުޅު އުރަން އަނެއް ކުއްޖާ ނުދިނީ،" ބައްޕަ ބުންޏެވެ. "އަހަރުމެންނެއްނު ނާވީ ނިންދެވީ. އޭރު އޭނަ ކުރުސިކިޔެއްނު. ޖިންނިސައިތާނުން ކުރުސިއެއް ނުކިޔާނެ. އަޑެއް ވެސް ނާހާނެ."

އެނދުމަތީގައި އިން ނާވީއަށް އިތުރު ގޮތްތައްވާން ފެށިއެވެ. އެނދުގައި އޮށޯވެ، ފަރާތްފަރާތަށް މޫނުއަނބުރަން ފެށިއެވެ. އެ ހިސާބުން މަންމަ ކިޔަވަން ފެށިއެވެ.

"ނާވީ ގޮވައިގެން ދުރަށްޖެހޭ!" ބައްޕަ ބުންޏެވެ.

އަހަރެން ދުރަށްޖެހުނީމެވެ. އެކަމަކު ވާނުވާ ނުފެންނަ ހިސާބަކަށް ނުދަމެވެ. މަންމަގެ ކިޔެވުން ބާރުވަމުން، އަވަސްވަމުންދިޔައެވެ.

"ކޮބާ މައްސަލައަކީ؟" އެނދުމަތީގައި އިން ކުއްޖާޔާ ބައްޕަ ސުވާލުކުރިއެވެ. "ކޯޗެއް ބޭނުންވެގެން މި ގެއަށް ތި އައީ؟ ކޯޗެއް ބޭނުމީ؟ ހަމަ ތިހެން ހިތަށްއަރާ އިރަށް ގޭގެއަށް ވަދެގެން ނުވާނެއްނު. އަހަރުމެން ވެސް ކަލޭމެންގެ ގޭގެއަކަށް ނުވަންނަމެއްނު."

އަހަރެން ބަލަބަލައި ހުއްޓައި އެ ކުއްޖާގެ ސިފަ ތަފާތުވާން ފެށިއެވެ. އަހަރެންގެ ދަރިފުޅާ ވައްތަރު ސިފަތައް ގެއްލެން ފެށިއެވެ. އޭނަގެ އިސްތަށިގަނޑުން ދުންއަރަން ފެށިއެވެ. އިރުކޮޅަކުން އޭނަގެ ގައިން ދުންއަރަން ފެށިއެވެ. އޮލަ ދުމެއް ނޫނެވެ. ވަރަށް ފަނޑު ދުމެކެވެ. އެ ތަން ފެނިފައި އަހަރެންގެ ދަރިފުޅު ހޭން ފެށިއެވެ.

"ދުންއަރަނީ! ދުންއަރަނީ ކާކާ!" އަހަރެންގެ ދަރިފުޅު އިނގެރޭސިބަހުން ބުންޏެވެ. "އަލިފާންނިވާ ފުޅިއެއް ގެނޭ!"

"ނާވީ ގޮވައިގެން އަހަރެން އަނެއް ކޮޓަރިއަށް ދަންތަ ބައްޕާ؟" އަހަރެން އެހީމެވެ.

"އާނ! އެކަމަކު އަޑުނީވޭ ހިސާބަށް ނުދާތި!" ބައްޕަ އެދުނެވެ.

ދަރިފުޅު ގޮވައިގެން އަހަރެން ބޮޑުކޮޓަރިއަށް ނުކުތީމެވެ. ސޯފާގައި އިށީނީމެވެ.

"ނޫން. ދުންއަރާ ކުއްޖާ ބަލަން އަހަރެން ބޭނުން." ދަރިފުޅު ބޮޑާހާކައިލައިފައި އިނގެރޭސިން ބުންޏެވެ.

"ސްމޯކިން ބޭބީ ބަލާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "މަންމަޔާ އެއްކޮށް މި ތާ އިނދޭ!"

"އައިއޭމް ސްލީޕީ މަންމާ!" ދަރިފުޅު ބުންޏެވެ.

އެހެން ބުނެފައި ސޯފާގައި އޮށޯވެ ދަރިފުޅު ނިދިއެވެ. އަހަންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭރުން ވެސް އަނެއް ކުއްޖާޔާ ބައްޕަ ވާހަކަދައްކާ އަޑު އަހަންނަށް އިވެއެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރިއަށް ބޯދިއްކޮށްލީމެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އެނދުމަތީގައި އިނީ މުޅީން އެހެން ކުއްޖެކެވެ. އެ ކުއްޖާ އިންސާނަކާ ވެސް ވައްތަރެއް ނޫނެވެ. އެ ވަރުން ވެސް މަންމައާއި ބައްޕަ ބިރެއްނުގަނެއެވެ.

"ކަލޭ ކީއްކުރަންހޭ މި ގެއަށް އައީ؟" ބައްޕަ ރުޅިއައިސްފައި އެހިއެވެ. "ސަބަބެއް ނެތިއެއް ނާންނާނެ. ކަލޭމެން ކަމެއްކުރާނީ އެތައް ދުވަހެއް ވަންދެން ފާރަލާ ބަލާފަ."

"އަހަރެން ދޫކޮށްލާ!" އޭނަ ވާހަކަދައްކަން ފެށީ ކުޑަކުއްޖެއްގެ އަޑަކުން ނޫނެވެ.

"އައި ސަބަބު ބުނެފަ ނޫނީ ކަލެއަކަށް ނުދެވޭނެ،" ބައްޕަ ބުންޏެވެ. "ކަލޭ ތިއިނީ ހައްޔަރުވެފަ. ދެން އަނދާއަޅިއަށް ވާނީ. އޭގެ ކުރިން ބުނޭ. ކީއްވެހޭ މި ގެއަށް ކަލޭ އައީ؟"

"މަންމައެއް ބޭނުންވެގެން،" އޭނަ ޖަވާބުދިނެވެ. "މަ ބޭނުން މަންމައެއް. އަހަންނަށް ފެނޭ އެ ކުއްޖާ ގޮވައިގެން އޭނަ އުޅޭ ގޮތް. މަ ވެސް ބޭނުން އެ ކަހަލަ މަންމައެއް."

"ބަލަ ކަލޭގެ މަންމައެއް ނޫނެއްނު އެއީ،" ބައްޕަ ވަގުތުން ޖަވާބުދިނެވެ. "އެ ކުއްޖާގެ މަންމައެއްނު އެއީ. ކީއްވެ އޭނަ ފަހަތުން އަޅައިގަނެގެން ތި އުޅެނީ؟ ދަރިފުޅާ އައިސްބަލަ!"

އަހަރެން ގޮސް ބައްޕަ ކައިރީގައި ހުއްޓުނީމެވެ. އެނދުމަތީގައި އިން ކުއްޖާއަށް ނުބަލަން އަހަރެން މަސައްކަތްކުރީމެވެ.

"އެނދުމަތީގަ މީނީ ދަރިފުޅުގެ ދަރިއެއްތަ؟" ބައްޕަ ސުވާލުކުރިއެވެ.

"އުހުނ! އަހަރެންގެ ދަރިއެއް ނޫން." އެ ކުއްޖާއަށް ނުބަލާ އަހަރެން ބުނީމެވެ.

ދެން ބައްޕަ ސުވާލުކުރީ އެ ކުއްޖާޔާއެވެ. ކުއްޖާއޭ ބުންޏަސް އޭރު އޭނަ ކުއްޖަކަށް ވުރެ ބޮޑަށް ވައްތަރީ ކޮންމެވެސް އެހެން އެއްޗަކާއެވެ. ސިފަ ކިޔައިދޭން ވެސް އަހަންނަށް އުނދަގުލެވެ.

"މީ ކަލޭގެ މަންމަތަ؟" އޭނަޔާ ބައްޕަ ސުވާލުކުރިއެވެ.

"އުހުނ އަހަރެންގެ މަންމައެއް ނޫން،" އޭނަ ބުންޏެވެ. "އެކަމަކު އަހަރެން ބޭނުމީ އޭނަ އަހަރެންގެ މަންމައަށް ވާން."

"ތިހެން ހަމަ ބޭނުންވިޔަކަސް ނުވާނެ،" ބައްޕަ ބުންޏެވެ. "ވިހާ މީހާ މަންމައަށް ވާނީ. މީ ކަލޭގެ މަންމައެއް ނޫން. މީ އަނެއް ކުއްޖާގެ މަންމަ. ކަލޭ ހަމަ އެ ސިފަ ޖެހިލާ އިރަށް ކަލޭ ތީ އެ ކުއްޖާއަކަށް ވެސް ނުވާނެ."

ކުއްލިއަކަށް އަލިގަނޑެއް އަރައިފައި އޭނަ ގެއްލުނެވެ. މުޅި ކޮޓަރިއަށް ހަމަހިމޭންކަން ވެރިވިއެވެ. އަހަރެން ހިތަށްއެރިއެވެ. އޭނަ އެ ދިޔައީ އަހަރެންގެ ދަރިފުޅު ކައިރިއަށް ހެއްޔެވެ؟ އަހަރެން ދުވެފައި ނުކުތީމެވެ. ނަސީބަކުން ނާވީ ވަރަށް ހަމަޖެހިލައިފައި ނިދާފައި އޮތެވެ. އަހަރެން ތަންކޮޅެއް ކައިރިއަށް ގޮސް ނާވީގެ މޫނަށް ބަލައިލީމެވެ. އެއީ ހަމަ އަހަރެންގެ ދަރިފުޅުތޯ ޔަގީންކުރުމަށް ޓަކައެވެ. އެއީ ހަމަ ނާވީއެވެ. އެ ވަގުތު މަންމައާއި ބައްޕަ ވެސް ކޮޓަރިން ނުކުތެވެ.

"ކޮބާ އޭނަ؟" އަހަރެން އެހީމެވެ. "ދެން ނާންނާނެތަ؟"

"އާނ! އޭނަ ދެން އެ ދިޔައީ،" ވަރަށް ޔަގީންކަމާ އެކުގައި ބައްޕަ ބުންޏެވެ. "އޭނައަށް ދަރިފުޅާ ނާވީޔާ މި ގޭގަ ސަކަރާތްޖަހާ ތަން ފެނިގެން، މަންމައެއް ބޭނުންވެގެން އެ އައީ."

އަހަރެން ފިނިވެގެންދިޔައެވެ. ހިތަށްއެރިއެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން ހެޔޮވިޔަކަސް، ތަނަކުން ފެންނަހާ އެއްޗެއްގެ މަންމައަކަށް އަހަރެން ހަދާކަށް ނުޖެހެއެވެ. އަދި އެއީ އިންސާނެއް ވެސް ނޫނެވެ.

"އެހެންވެޔޭ މި ބުނަނީ، އުނިގަހަށް ޖިންނި އަންނާނޭ، އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނާށޭ." މަންމަ ބުންޏެވެ.

"ތީ ދެން ހާދަހާ ބިރުވެރިކަމެކޭ!" އަހަރެން ބުނީމެވެ. "މިރޭ މަންމަ ކޮޓަރީގަ އަހަރެން އޮންނާނީ."

"އެކަމަކު ތި ދެމައިން ކިހިނެއް އެ އެނދުގަ އޮންނާނީ؟" މަންމަ އެހިއެވެ.

"އެކަމަކު މިރޭ އަހަރެން އެކަނި ނާވީ ކައިރީ އޮންނާކަށް ނުކެރޭނެ،" އަހަރެން ބުނީމެވެ. "ނާވީ އެކަންޏަކު ވެސް ނުބާއްވާނަން. އަހަރުމެން ކައިރީގަ އިތުރު ދެ މީހުން ޖެހޭނެ ތިބެން. މަންމަޔާ ބައްޕަޔާ."

އެނދުގައި މާ ބޮޑު ޖާގައެއް ނެތަސް، އެރޭ އަހަރުމެން ހަތަރު މީހުން ނިދީ އެއް އެނދުގައެވެ. އޭގެ ފަހުން އަހަރެން ހާމަފެންޑާއަށް ވަރަށް ނާރަމެވެ. އެރިޔަސް، ހަވީރު ހަޔެއް ނުޖަހަނީސް ގޭތެރެއަށް ވަންނަމެވެ.

ނިމުނީ