25 ޖޫން 2022 - 17:04

އދ. ވަކަރުފަޅީގައި ތަރައްގީ ކޮށްފައިވާ ވަކަރުފަޅި އައިލެންޑް ރިސޯޓުގެ ނަން "ނޯވާ މޯލްޑިވްސް" އަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.

ނޯވާ މޯލްޑިވްސްގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭހެން 76 ވިލާ ހުރެ އެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ ވިލާތަކާއި ރެޒިޑެންސާއި ޕޫލް އަދި ޖަކޫޒީ ވިލާތައް ހިމެނެ އެވެ.
އެ ރިސޯޓު 2015 ވަނަ އަހަރު ހުޅުވީ ދިވެހި ކުންފުންޏެއް ކަމަށްވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުންނެވެ. މިއީ ޓޫރިޒަމް އިންވެސްޓްމަންޓް ކުންފުނި، ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑުން ހިންގާ ކުންފުންޏެކެވެ. މި ރިސޯޓު ޕަލްސް ހޮޓެލްސްއާ ހަވާލުކުރީ އެ ރިސޯޓު ހިންގަމުން އައި ލަންކާގެ ކުންފުނި، ލެވެނިއާ ހޮޓެލް އިން ދޫކޮށްލުމުންނެވެ.
މި ރިސޯޓު ރީބްރޭންޑް ކުރުމަށް ފަހު ހުޅުވަން އެންމެ ފަހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެހެން ނަމަވެސް އެ ރިސޯޓު ހުޅުވުން ވަނީ އެކި ސަބަބުތަކާ ހެދި ލަސްވެފަ އެވެ.
ފްލަސް ހޮޓެލްސް އިން މި ރިސޯޓުގެ އިތުރުން ކަނޑިމާ މޯލްޑިވްސް އާއި ނޯޓިލަސް މޯލްޑިވްސް އިން އަންނަނީ ހިންގަމުންނެވެ.