ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް: މެޓް
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް: މެޓް

ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު އެންމެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. އަދި އެންމެ ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ކަމަށެވެ.

"ހޯމަ ދުވަހާ ހަމައަށް ވަރަށް ވިއްސާރަކޮށް އުޅެނީ. އަންގާރަ ދުވަހު ކެރި މަޑުކޮށްލާނެ ކަމަށް ލަފާކުރެވޭ،" މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ވ. ރަކީދު އަށެވެ. އެ ރަށަށް އިއްޔެ 75 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރިކޯޑްކުރެވިފައި ވަނީ ހދ. ހަނިމާދު އާއި ކ. ގުރައިދޫ އަދި އައްޑޫ ގަމަށެވެ.

އެ އޮފީހުން މިއަދު ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

އެ އެލާޓުގައި ބުނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.