އުމުރު ޔަގީންކުރަން އިންސްޓަގްރާމް އިން އާ ފީޗާއެއް ޓެސްޓުކުރަނީ
އުމުރު ޔަގީންކުރަން އިންސްޓަގްރާމް އިން އާ ފީޗާއެއް ޓެސްޓުކުރަނީ

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އުމުރު ޔަގީންކުރުމަށް އާ ފީޗާއެއް ޓެސްޓުކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އުމުރު ޔަގީންކުރުމަށް، އައިޑީ ކާޑު އަޕްލޯޑްކުރުމުގެ އިތުރުން އަދިވެސް ދެ ގޮތެއް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ ވީޑިއޯ ސެލްފީއެއް އަޕްލޯޑްކުރުމުން މީހާގެ މޫނުގެ ފީޗާސްތަކަށް ބެލުމަށް ފަހު، ހާއްސަ ޓެކްނޮލޮޖީއެއްގެ އެހީގައި މީހެއްގެ އުމުރު އޭގެން ދެނެގަންނާނެ ކަމަށެވެ. އަދި ދެން އޮންނާނެ ގޮތަކީ މިއުޗުއަލް ތިން ފޮލޮވާސްގެ ހެކިވެރިންގެ ގޮތުގައި ބޭނުންކޮށްގެން އުމުރު ޔަގީންކުރުމެވެ. އެ މީހުން ވާންޖެހޭނީ އުމުރުން 18 އަހަރު މަތީގެ މީހުންނަށެވެ.

އުމުރު ޔަގީންކުރުމުގެ އާ ފީޗާ އެ ކުންފުނިން ހަދަނީ، އޭޖް ވެރިފިކޭޝަން ހެދުމުގައި މިހާރު މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޔޯޓީއާ ގުޅިގެންނެވެ.

އެ ފީޗާ މިހާރު ޓެސްޓްކުރަމުން އަންނަނީ އެމެރިކާގައި އެކަންޏެވެ.

އެ ކަހަލަ ފީޗާއެއް ތައާރަފުކުރަން އިންސްޓަގްރާމް އިން މަސައްކަތް ފެށީ، އުމުރު އޮޅުވާލައިގެން ވަރަށް ގިނަ ކުޑަކުދިން އެ ޕްލެޓްފޯމް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ އެވެ.