ހިގުއައިން ލިވަޕޫލަށް ބަދަލުވަނީތަ؟
ހިގުއައިން ލިވަޕޫލަށް ބަދަލުވަނީތަ؟

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އިތުރު ފޯވާޑެއް ގެންނާނެ ކަމަށް ބެލެވިފައިވާއިރު، އެ ޓީމުން ނަޕޯލީ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ވެބްސައިޓް ބެއިން ސްޕޯޓްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން ލިވަޕޫލުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހިގުއައިންއާ އެކު އެއްބަސްވުމަކަށް އަންނާނެ އެވެ. އެހެން ނަމަވެސް މިކަން ލިވަޕޫލާއި ނަޕޯލީން ވެސް ކަށަވަރުކޮށްދީފައިނުވެ އެވެ.

ކޮޕަ އެމެރިކާގައި އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގައި ހިގައިންގެ ކުޅުން ބަލަން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ގޮސް ހުއްޓެވެ. އޭނާއާ އެކު ހިގުއައިންގެ ބޭބެ އަދި އޭޖެންޓް ނިކޮލަސް ހިގުއައިން ވެސް ދަނޑުގައި ހުއްޓެވެ.

މެޗުގެ 74 ވަނަ މިނިޓްގައި ހިގުއައިންގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެރުވުމާ އެކު ކްލޮޕް ދަނޑުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން ހިގުއައިން ބުނީ މި ވަގުތު ސަމާލުކަން ދެނީ ކޮޕަ އެމެރިކާ އަށް ކަމަށެވެ.

އުމުރުން 28 އަހަރުގެ ހިގުގައިން އަކީ މިިދިޔަ ސީޒަނުގައި އިޓަލިއަން ލީގުގެ އެންމެ މޮޅު ފޯވާޑެވެ. އޭނާ ވަނީ 35 މެޗުން 36 ލަނޑު ޖަހައިފަ އެވެ. ހިގުއައިން ވިއްކާލާނެ ކަމަށް ނަޕޯލީ އިން ކިޔާ އަގަކީ 40 މިލިއަން ޕައުންޑެވެ. އޭނާ ކްލަބް ދޫކޮށްލައިފިނަމަ ނަޕޯލީން ފާރަލާނެ ކުޅުންތެރިޔަކީ އެވަޓަންގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.