25 ޖޫން 2022 - 10:24

ކ. ގުޅީގައި ފެން ފޯރުކޮށްދިނުމަށް ދަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯ އިން އިތުރު އާރުއޯ ޕްލާންޓެއް އެ ރަށަށް ގެންގޮސްފި އެވެ.
އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދާ ސްޓެލްކޯއިން ބުނީ ގުޅީގައި މިހާރު ހުރި 40 ޓަނުގެ އާރުއޯ ދެ ޕްލާންޓުން އެކަށީގެންވާ ގޮތުގައި ފެން އުފައްދައި ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން ގުޅިއަށް ގެންދިޔައީ 50 ޓަނުގެ އާރުއޯ ޕްލާންޓެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އާ ޕްލާންޓާ އެކު މައްސަލަ ހައްލުވެ ރައްޔިތުންނަށް ހިދުމަތް ރަނގަޅުވާނެ އެވެ. އެ ޕްލާންޓް ކޮމިޝަންކޮށް، މި ހަފުތާ ތެރޭގައި ބޭނުންކުރަން ފަށާނެ އެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާ ސްޓެލްކޯއިން ހަވާލުވީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޔުޓިލިޓީސްގެ ހިދުމަތް އެއްފުރާޅެއްގެ ދަށުން ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ވަނީ ދާދި ފަހުން ކ. މާފުށީގެ ކުނި މެނޭޖްކުރުމާ ހަވާލުވެފަ އެވެ. އެއާއެކު ރާއްޖޭގައި ހުރިހާ ޔުޓިލިޓީސްގެ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކީ ވެސް ސްޓެލްކޯ އެވެ.
މާފުށީގައި ކުނި މޭނޭޖުކުރުމުގެ ހިދުމަތް ރަނގަޅަށް ފޯރުކޮށްދެވިއްޖެ ނަމަ، ގުޅީގައި ވެސް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.