އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު
އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު

ރާއްޖޭގައި އާންމުކޮށް ކުރިއަށް ގެންދާ ގުރުއާން ޙިފްޡް ޕްރޮގްރާމުތަކާ މި ޕްރޮގްރާމު ތަފާތުވާ ސަބަބުތައް ބައިވަރެވެ؛ ކީރިތި ގުރުއާން ހިތުދަސްކުރުމަށް ސައުދީ އަރަބިއްޔާގެ ހާފިޒަކު ބޭނުންކުރައްވާ މެތަޑެއްގެ ޓެސްޓް ބުރު ރާއްޖޭގައި ކާމިޔާބުވެ އެ ޕްރޮގްރާމު މިހާރު ކުރިއަށް ދަނީ 500 އަށް ވުރެ ގިނަ ބައިވެރިންނާ އެކުގަ އެވެ.

އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު
އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު

އެ ޕްރޮގްރާމުގެ ފަހަތުގައި ހުންނެވީ އަޒްހީލް އަހުމަދެވެ. އޮސްޓްރޭލިއާ އިން 2009 ވަނަ އަހަރު މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި ރާއްޖެ ވަޑައިގެންނެވި ގޮތަށް އެކި ދާއިރާތަކުގެ މަގާމުތައް އޭނާ ފުރުއްވި އެވެ. އެކަމަކު ހިލޭ ސާބަހަށް އެތައް ބަޔަކަށް ގުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް ފެއްޓެވީ ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރުމުން ގޭގައި ދަރިންނަށް ގުރުއާން ކިޔަވައިދޭން ޖެހުނު ދަނޑިވަޅުގަ އެވެ.

އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު
އަޒްހީލްގެ ގުރުއާން ހިތުދަސްކޮށްދިނުމުގެ އާ ތަޖުރިބާ ކާމިޔާބު

އޭނާ ވިދާޅުވި ގޮތުގައި ދަރިންގެ ސަމާލުކަން ލިބޭ ގޮތަކަށް ކިޔަވައިދިނުމަށް އިތުރު 15 ކުދިން ބައިވެރިކޮށްގެން ފެށި "ކީރިތި ގުރުއާން ކިޔެވުމުގައި އަޑާއި ރާގު ހުނަރު" ޕްރޮގްރާމު ފުޅާވެ ކާމިޔާބުކުރެވިދާނެ ކަމުގެ މަންޒަރު ފެނުނީ އެވެ. އެހެންވެ މިދިޔަ ޑިސެމްބަރުގައި ޕްރޮގްރާމު ފުޅާކޮށް ކުރިއަށް ގެންދާއިރު އަޒްހީލް ވިދާޅުވީ އުމުރުން އަށް އަހަރުން ފެށިގެން 65 އަހަރުން މަތީގެ އެތައް ބަޔަކު އެ ޕްރޮގްރާމުގައި ބައިވެރިވެގެން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ބައިވެރިވި އެވެ.

"އަޅުގަނޑަކީ އަބަދުވެސް ގުރުއާނަށް ވަރަށް ލޯބިކުރާ މީހެއް. އެހެންވެ ދަސްކުރަންވެގެން ގިރާތު ކޯހެއް ވެސް ހަދައިގެން ހުއްޓާ ލޮކްޑައުން އައީ. ދެން އެ ދުވަސްވަރު ދަރިންނަށް ކިޔަވައިދޭންވީމާ އަޅުގަނޑަކީ ބައްޕަވީމަ އެކުދިން އެހާ ސަމާލުކަމެއް ނުދޭ. އެހެންވެ ތަންކޮޅެއް ގާތްކުދިންތަކެއް ލައިގެން ކިޔަވައިދޭން ފެށީ އެ ކުދިން ވެސް ސަމާލުކަން ދޭނެ ގޮތަކަށް ކުރިއަށް ގެންދަން ވެގެން،"

"މިހާރު 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ޙިފްޒު ޕްރޮގްރާމު ކުރިއަށް އެބަދޭ. މުޅިން ވަކިން ހިންގާ އަޑާއި ރާގު ކްލާސްތަކުގައި ވސް 50 އަށް ވުރެ ގިނަ ކުދިން އުޅޭ،" އަޒްހީލް ވިދާޅުވި އެވެ.

"އަޅުގަނޑު ޙިފްޡް ކުރުމަށް މި ބޭނުންކުރާ މެތަޑަކީ ސައުދީގެ ހާފިޒަކު ހިތުދަސްކުރުމަށް އަދި އެހެން މީހުންނަށް ހިތުދަސްކޮށްދޭން ބޭނުންކޮށްފައިވާ މެތަޑެއް. އަޅުގަނޑު ބޭނުންވީ އެ މެތަޑަށް ކިޔަވައިދީގެން ދިވެހިންނަށް ކިހާ ފަސޭހަތޯ ޓެސްޓްކޮށްލަން،"

އޭނާ ވިދާޅުވި ގޮތުގައި އެ މެތަޑް ކާމިޔާބުވާކަމުގެ ހެއްކަކީ ކުދިންނަށް ވަރަށް އަވަހަށް ޙިފްޡްވުމެވެ. އެ ޕްރޮގްރާމުގެ ބައިވެރިންނަށް ދުވާލަކު 4-6 ސަފްހާގެ އަދަދެއް ހިތުދަސްވާނެ ކަމަށާއި އެއީ އަށް މަހުން މުޅި ގުރުއާން ހިތު ދަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުރުއާން ހިތުދަސްކުރަން ބައެއް މީހުންނަށް އަހަރުތައް އެބަ ހޭދަވޭ. އެކަމަކު މި މެތަޑުގެ ކާމިޔަބުކަމަކީ ކުދިންނަށް 4-6 ފަސް ސަފުހާ އެބަ ދުވާލަކު ދަސްވޭ. އޭރުން އަށް މަހުން ގުރުއާން ދަސްވާނެ. މިހާރު މުޅި ގުރުއާން ހިތުދަސްކޮށް ނިމެން ކައިރިވެފައިވާ ކުދިން އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.

އަޒްހީލް ވިދާޅުވީ އޭނާ ކުރިއަށް ގެންދާ ޕްރޮގްރާމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހިތުން ދަސްކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ފުރަތަމަ އަށް ދުވަހުގެ ޓްރެއިނިންއަކީ ވަރަށް އަވަހަށް ސޮފުހާތައް ބަލައި ދަރިވަރުންގެ ވިޝުއަލް މެމޯރީއަށް ނަގައިގަތުމަށް ދެވޭ ތަމްރީނެކެވެ.

އޭގެ ފަހުގައި ދެން އޮންނާނީ ސްކޭން ރީޑިން އެވެ. އެއީ ނުކިޔަވައި ގުރުއާނުގެ ދެލިގަނޑަށް ބަލައި އާޔަތްތައް އަތުރާލާފައިވާ ގޮތްތައް ސާފުކުރުމަށެވެ. އެ ޓާސްކް ވެސް ތިން ހަފްތާ ވަންދެން މުޅި ގުރުއާން އަށް ބުރަށް ސްކޭން ރީޑް ކުރިއަށް ދާނެ އެވެ.

އޭގެ ފަހުގައި އޮންނާނީ އިނީޝިއަލް މެމޮރައިޒޭޝަން އެވެ. އެއީ ކޮންމެ އާޔަތެއް ބަލާފައި ހިތުން ކިޔަން މަސައްކަތް ކުރުމެވެ. އެގޮތަށް މުޅި ގުރުއާން ދިހަ ބުރަށް ނިންމާނެ އެވެ.

އެ ހިސާބަށް ދާއިރު ހުންނާނީ ވަރަށް ބޮޑަށް ދެލިގަނޑު ނަގައިގަނެވިފައި. އެހެންވީމަ ދެން ޙިފްޡްކުރަން ފަށާނީ. ދުވާލަކު ހަތަރު ސަފްހާއިން. ބައެއް ކުދިން 15 މިނެޓުން ސަފްހާއެއް ހިތުދަސްކޮށްލާ،" އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ހަމައެކަނި ގުރުއާން ކިޔަވާ ގޮތަކަށް ނޫނެވެ. އާންމުކޮށް ތަޖްވީދުގެ ހަމަތައް ދަންނަ ކުދިން އެ ޕްރޮގްރާމުގައި ބައިވެރިވިޔަސް ތިން ވަނަ ހަފްތާއިން ފެށިގެން ކުދިންނަށް އަޑާއި ރާގު ގެންގުޅޭނެ ގޮތުގެ ތަމްރީނުދެ އެވެ. ތަޖްވީދުގެ ކޮންމެ ހަމައަކަށް ވަކިވަކިން އަޑާއި ރާގު ހިމެނޭ ގޮތަށް ތަމްރީނުދެ އެވެ.

"އޭރުން ވަރަށް ބޮޑަށް ފަސޭހަވޭ. ހިތު ދަސްކުރަން ފަށާއިރު ވަރަށް ބޮޑަށް ތަޖުވީދަށް ވެސް ހޭނިފައި އޭރުން ތިބޭނީ."

އެއަށް ފަހު ތަޖްވީދުގެ ފިލާވަޅުތައް ނަގައިދޭން ފަށައެވެ. އެ ތަމްރީނުތަކުގެ ބައިތައް ގެންގޮސްދެނީ ގިރާތުން މާސްޓާސް ހަދައި ގުރުއާނާ ބެހޭ މަރުކަޒުގެ ވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އަޒްހީލްގެ ދައްތައެކެވެ.

އެ ޕްރޮގްރާމުގައި ކުދިންނަށް ހިތްވަރު ދިނުމަށް މޯޓިވޭޝަނަލް ސްޕީޗްތައް ވެސް ދެ އެވެ. ގުރުއާން ހިތުދަސްކުރަމުން ގޮސް މިއީ އެހެން މަސައްކަތުގައި އުޅެމުން ބުރަ ކަމަކަށް ހީވާތީ ހިތްވަރު އެލޭގޮތް ވިޔަ ނުދިނުމަށް އެތައް ނަސޭހަތެއްދެ އެވެ. އަޑާއި ރާގުގެ ބަޔާއި މެތަޑް ކިޔައިދިނުމާއި މޯޓިވޭޝަނަލް ސްޕީޗް ދިނުމަކީ އަޒްހީލްގެ މަސައްކަތެވެ.

އަޒްހީލް ވިދާޅުވީ ގުރުއާން ހިތުދަސްކުރުމުގެ ސަބަބުން ފިލާވަޅުތައް ދަސްކުރަން ފަސޭހަވާ ކަމަށް ދަރިވަރުން ފާހަގަކުރާ ކަމަށެވެ. ޕްރޮގްރާމުގައި ފަސް ވަގުތު ނަމާދުކުރަން ހޭލުމާއި ހެނދުނާއި ހަވީރުގެ ޒިކްރުތައް ކިއުމާއި ކަސްރަތުކޮށް ރަނގަޅު ކާނާ ކެއުމަށް ވެސް ބާރު އަޅާ ކަމަށެވެ.

ހިލޭ ސާބަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުން ކުރިމަގުގައި ވެސް ފީއެއް ނެގުމުގެ ވިސްނުމެއް އަޒްހީލް ނުގެންގުޅެ އެވެ. މިއީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަކަށް ގެންދާ ޕްރޮގްރާމެކެވެ.

"އަޅުގަނޑަށް ހަޔާތުގައި ކުރެވޭ އެންމެ ހިތްހަމަޖެހޭ މަސައްކަތް މިއީ އަމިއްލަ ދިރިއުޅުމުގެ ދެން ހުރި ކަންކަމަށް ވުރެ ވެސް. އަބަދުވެސް ގައުމާއި ދީނަށް ހިދުމަތް ކުރަން ބޭނުންވޭ،"

އެ ޕްރޮގްރާމުގައި ބައިވެރިވެގެން އުޅޭ އުމުރުން 10 އަހަރުގެ އައިޝަތު ނީމް އަހުމަދު ބުނި ގޮތުގައި ފެބްރުއަރީ މަހުން ފެށިގެން އެ ޕްރޮގްރާމުގައި ބައިވި ފަހުން ކޮންމެ ދުވަހަކު ހަތަރު ގަނޑު ހިތު ދަސްވެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ހަތް ފޮތް ހިތު ދަސްވިޔަސް އޭގެ ކުރިން ފަސް އަހަރުން ދަސްވީ ގުރުއާނުގެ އެންމެ ހަތް ފޮތް ކަމަށް އެ ކުއްޖާ ބުންޏެވެ.

އެ ޕްރޮގްރާމުގެ ބައިވެރިއެއް ކަމަށްވާ 58 އަހަރުގެ މަރިޔަމް އިބްރާހިމް ބުނީ 13 ވަނަ ފޮތް އޭނާ ހިތުދަސް ކުރަމުން އަންނައިރު މިހާރު 45 މިނެޓުން ސަފްހާއެއް ހިތު ދަސްވާ ކަމަށެވެ. އަދި 12 އަހަރުގެ އާލާ އިބްރާހިމް ޒިޔާދު ބުނި ގޮތުގައި ކުރިން ހިތު ދަސްކުރުމަށް މަސައްކަތްކުރިއިރަށް ވުރެ މިހާރު މާބޮޑަށް ފަސޭހަ އެވެ.

"ރޯދަ މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު ބައިވެރިވީ. ސަފްހާއެއް 20 މިނެޓާއި 30 މިނެޓުން ދަސްވޭ. ޕްރޮޖެކްޓްގައި ބައިވެރިވި ފަހުން ވަރަށް އަވަހަށް ދަސްވޭ،" އޭނާ ބުންޏެެވެ.

ބައިވެރިން ތިބީ ޕްރޮގްރާމު މެދުވެރިކޮށް އެމީހުންނަށް ލިބެމުންދާ ކުރިއެރުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

އެންމެ ފުރަތަމަ އަޒްހީލް ޕްލޭންކުރީ 30 އަކަށް މީހުން ނަގައިގެން ޕްރޮގްރާމު ފަށާށެވެ. އެކަމަކު އެ ޕްރޮގްރާމަށް އިއުލާންކުރުމާ އެކު 100 އަށް ވުރެ ގިނަ މީހުން ބައިވެރިވާން އެދުނެވެ. އެހެންވެ ވަކި ބަޔަކު ނަގާފައި ކުރިއަށް ގެންދަން އުނދަގޫވީ އެވެ. މިހާރު ޖުމްލަ 530 މީހުން އެ ޕްރޮގްރާމުގައި އެބަ ގުރުއާން ހިތު ދަސްކުރެ އެވެ.

އެހާ ގިނަ މީހުން ބައިވެރިކޮށްގެން ޕްރޮގްރާމު ކުރިއަށް ގެންދާއިރު އެއީ އެތައް ހަރަދެއް ވެސް ހިނގާ ކަމެކެވެ. އެކަމަކު އެ ފައިސާ ބައިވެރިންގެ އަތުން ނަގަން އޭނާ ބޭނުމެއް ނުވެ އެވެ. އެހެންވެ، ޓެލެކޮމިއުނިކޭޝަން ހިދުމަތް ހޯދާ ފަރާތްތަކުން އަގުހެޔޮ އިންޓަނެޓް ޕެކޭޖެއް ހޯދަން މަސައްކަތްކުރި ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮންލައިންކޮށް މި ޕްރޮގްރާމު ކުރިއަށް މި ގެންދަނީ. އިންޓަނެޓާއި އަދި ބޭނުންކުރާ ސޮފްޓްވެއާތަކުގެ ސަބަބުން ހަރަދު ހިނގާ ކަމެއް މިއީ. އަޅުގަނޑު ވާނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް ވެސް ސިޓީ ފޮނުވާފައި މިކަަމުގައި ދެވޭނެ އެހީއެއް ދޭން. އެކަމަކު އެމީހުން ބުނީ ނެތޭ އެހީވެވޭކަށް. އަޅުގަނޑަށް ފާހަގަވީ މިއުޒިކް ޝޯތަކާއި އީދު ކުޅިވަރުތަކަށް ވަރަށް ބޮޑެތި ހަރަދުކުރިޔަސް މިކަހަލަ ކަންކަމަށް އެހީވާން މީހުން ބޭނުން ނުވާކަން." އޭނާ ވިދާޅުވި އެވެ.

ޕްރޮގްރާމު މިހާ ފުޅާވުމުން ތަޙްފީޡިލް ގުރުއާނިލް ކަރީމްގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށް މެމްބަރުންގެ ޗަންދާ މެއި މަހުން ފެށިގެން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެ އެވެ. ޖަމިއްޔާގެ އެޑްވައިޒަރީ ބޯޑެއް އިންތިހާބު ކުރެވި ދީނީ ރޮނގުންނާއި ކީރިތި ގުރުއާނުގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާ އަދި އެހެނިހެން ދާއިރާތަކުގެ މަތީ ފާސް ނަންގަވާފައިވާ އިލްމީ ޓީމެއް އެ މަސައްކަތުގެ ފަހަތުގައި މިހާރު އޮތުމަކީ ވަރަށް ބޮޑަށް އުފާކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެ އެވެ.

ދަރިވަރުންގެ ކަންކަން ބެލުމަށް އެޑްމިން ސްޓާފުން ވެސް ނަގައިގެން އޭނާގެ މަސައްކަތްތައް ކުރަމުންދާނީ ފޭސްބުކްގައި ފަންޑު ހޯދުމުގެ މަސައްކަތްކުރެ އެވެ.

"ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ދޭތެރެއަކުން ލިބޭ ހަމަ. އޭގެން ބައެއް އަޅުގަނޑުމެން ބޭނުންކުރަނީ ސަދަގާތް ދިނުމާއި 80 މިސްކިތްތަކަށް ކޮންމެ މަހަކު އަތަރު ފޯރުކޮށްދިނުމަށް. ދިއްދޫ، ހުޅުމާލެ، މާލެ އަދި ފުވައްމުލައް ކަހަލަ އެކި ރަށްރަށުގެ މިސްކިތްތަކަށް އަތަރު ފޯރުކޮށްދީފައި ވާނެ."

ޖުލައި މަހުގެ ތެރޭގައި އާ ބެޗެއްގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އަޒްހީލްގެ އުއްމީދަކީ ވީހާވެސް ގިނަ ބަޔަކަށް އޭނާގެ ޕްރޮޖެކްޓް މެދުވެރިކޮށް ޙިފްޡްކޮށްދިނުމެވެ.