24 ޖޫން 2022 - 14:19

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް އިންތިހާބުން ނާކާމިޔާބުވި ބައެއް މެމްބަރުން ޕީއެންސީގެ ކައުންސިލަށް އައްޔަންކޮށްފި އެވެ.
ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމާ އިސް ގުނަވަނަށް އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ މަގާމުތަކަށް 19 މެމްބަރަކު، ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ހޮވިއިރު، ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް ފެންނަ އެތައް ބަޔަކު ވަނީ ތަފާތު ބޮޑުކޮށް ނާކާމިޔާބުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ އިންތިހާބުން ނާކާމިޔާބުވި ގިނަ މެމްބަރުން އެ ޕާޓީގެ ކައުންސިލަށް އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ. ކޯލިޝަނެއްގެ ގޮތުގައި، އެއް އޮފީހެއްގައި ހިންގާ މި ދެ ޕާޓީގެ ތެރެއިން ޕީޕީއެމް ކައުންސިލަށް ނުހޮވުނު މީހުން ޕީއެންސީ ކައުންސިލަށް އައްޔަންކުރީ ޕާޓީ ބަދަލުކުރުމަށް ފަހު ކަމެއް ނޭނގެ އެވެ.
ޕީއެންސީގެ ކައުންސިލަށް މެންބަރުން އައްޔަންކުރުުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މުފީދް (ހިސްޓޯ) އައްޔަންކޮށްފަ އެވެ. އޭނާއަކީ ވެސް މީގެ ކުރިން ޕީޕީއެމްގެ ކައުންސިލްގައި ހިމެނުން މެމްބަރެކެވެ.
މިކަމާ ބެހޭ ގޮތުން ޕާޓީގެ ބައެއް އަދި ނުލިބެ އެވެ.
ޕީޕީއެމް އާއި ޕީއެންސީން ކައުންސިލް ބައްދަލުވުންތައް ދެ ޕާޓީގެ ކައުންސިލް އެއްކޮށްލައިގެން ބާއްވަ އެވެ. އެނގިފައިވާ ގޮތުގައި އެ ގޮތަށް ކައުންސިލް ބައްދަލުވުން ބާއްވާތީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވެސް އުފެދިފައިވެ އެވެ.
އިދިކޮޅު ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމުން ވަކިކުރުމަށް ފަހު އެ މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އޭރު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެގެން އުފެއްދި ޕާޓީއެކެވެ. ކޯޓު މަރުހަލާ ނިމި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ލިބުމުން ދެ ޕާޓީ ހިންގަމުން އަންނަނީ އެއްކޮށެވެ.