ނެޓްފްލިކްސްގެ އިތުރު 300 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
ނެޓްފްލިކްސްގެ އިތުރު 300 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

މާލީ ހާލަތު ދަށްވަމުން ދާތީ ނެޓްފްލިކްސްގެ އިތުރު 300 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ނެޓްފްލިކްސް އިން ބުނީ ކުންފުނީގެ އާމްދަނީ ދަށްވެ، ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އަނެއްކާ ވެސް މުވައްޒަފުންތަކެއް ވަކިކޮށްފައިވާ ކަމަށެވެ.

މި ބުރުގައި 300 މުވައްޒަފަކު ވަކިކުރި އިރު، އެއީ އެ ކުންފުނީގެ ވޯކްފޯސްގެ ހަތަރު ޕަސެންޓެވެ. އެންމެ ގިނައިން ވަކިކޮށްފައި ވަނީ އެމެރިކާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިދިޔަ މަހު ވެސް އެ ކުންފުނިން 100 މުވައްޒަފަކު ވަކިކުރި އެވެ.

އެ ކުންފުނިން މުވައްޒަފުން ވަކިކުރަން ފެށީ މިދިޔަ އެޕްރީލް މަހު، ނެޓްފްލިކްސް ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށް އިއުލާންކުރުމަށް ފަހުގަ އެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން ނެޓްފްލިކްސް އިން މިހާރު އަންނަނީ އެޑް-ސަޕޯޓެޑް ހިދުމަތެއް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޕާސްވޯޑް ޝެއަރިންނަށް ދީފައި އޮންނަ ލުޔަށް ވެސް ބަދަލުތަކެއް ގެންނަން އެ ކުންފުނިން ވިސްނަ އެވެ.