ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކޭނީ ރާއްޖެއަށް މިނިވަންކަން ލިބުމުން: އަބްދުއްރަހީމް
ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކޭނީ ރާއްޖެއަށް މިނިވަންކަން ލިބުމުން: އަބްދުއްރަހީމް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކޭނީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށްފަހު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ވާހަކަ ދެއްކޭނެ މާހައުލެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އެކަން ކުރެވެން އޮތީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ މަސައްކަތެއް ނޫން. ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރެވޭ ފަދަ ހާލަތެއްގައެއް ނޫން ގައުމު މި އޮތީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމާ މެދު ވެސް ޝައްކު ކަމަށް ވިދާޅުވެ، އޭނާގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ އިންޑިއާއަށެވެ.

"އިންޑިއާގެ ސަފާރާއިން ނިންމަންވީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމެއް ނެތޭ. އެ ހިސާބުން އެކަން ނިމުނީ. އެހެންވީމަ އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައި އޮތް ބާރު އަލުން އަނބުރާ އަތަށް ގެންނަން. އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ އަތަށް އަނބުރާ ގެންނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

"އޭގެފަހުގައި 2023 ގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކެން އޮތީ." ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ،

އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ރާއްޖޭގެ މިނިވަންކަން ހޯދަން މަސައްކަތް ކުރަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު ރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދުވަސްވަރަށް ވުރެ ވެސް ގޯސް ހާލަތެއްގައި ކަމަށާއި އިންޑިއާގެ ނުފޫޒު އޮތް މިންވަރު ނޭނގޭހާ ބޮޑަށް ނުފޫޒު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އޮތް ނުރައްކަލަކީ އަޅުގަނޑުމެންނަަކަށް ނޭނގެ އިންޑިއާ ސިފައިން ތިބީ ކިހާ ވަރަކަށް ކަމެއް. ތިބީ ކޮން ތާކު ކަމެއް، ކޮން ނަން ނަމެއްގައި ކަމެއް. ތިބީ ވަޒީފާއެއްގައި ކަމެއް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރިޔަސް، ޔާމީން ފިޔަވައި އެހެން ސިޔާސީ ބޭފުޅަކު އެކަމާ ދެކޮޅަށް ބަސް ނުބުނާ ކަމަށެވެ. އަދި އިންޑިއާ އައުޓް އެކަމާ ދެކޮޅަށް ސަރުކާރުން ގަރާރު ނެރުނަސް، އެއީ ގާނޫނާ ޚިލާފް ގަރާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.