30 ޑިސެމްބަރ 2016 - 10:52

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭން ޗެމްޕިއަންކަން ހޯދަން ޓާގެޓް ކޮށްގެން ނުކުތް ނަމަވެސް މުބާރާތުގެ ތިން ވަނަ ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މި އަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ނިޒާރު އިބްރާހިމް ބުނެފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ރާއްޖޭން ފަސް މެޗެއް ކުޅުނުއިރު، މޮޅުވީ ލީގު ބުރުގައި އަފްގާނިސްތާން އަތުން އަދި ތިން ވަނަ ހޮވާ މެޗުގައި ނޭޕާލް އަތުންނެވެ.

"ރާއްޖެ ޓީމު އަޅުގަނޑު ސިފަކުރަނީ ވަރަށް މޮޅު ޓީމެއްގެ ގޮތުގައި. މި މުބާރާތުގައި ކުޅުނު އެންމެ މޮޅު ތިން ޓީމުގެ ތެރޭގައި ރާއްޖެ ހިމެނޭ. މި މުބާރާތުގައި ކަނޑައެޅި ޓާގެޓަށް ވާސިލްނުވުމުގައި ކުދިކުދި ކަންކަމަށް ކޯޗިން ސްޓާފުން ޒިންމާވާން އެބަޖެހޭ،" ނިޒާރު ބުންޏެވެ.
ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނިޒާރު ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރަށް ބަލާއިރު އުފާވެރި ކާމިޔާބެއް ކަމަށާއި އެހެން ނަމަވެސް ޓީމަށް އެންމެ ރަނގަޅު މުބާރާތެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ކޯޗިން ކެރިއަރުގައި ގައުމީ ސީނިއާ ޓީމާ އެކު ނުކުތް ފުރަތަމަ ފަހަރު ތިން ވަނަ ލިބުމަކީ އަޅުގަނޑަށް ލިބުނު އުފަލެއް. އަޅުގަނޑު ވޮލީ ކެރިއަރު ފެށީ ވެސް ތިން ވަނަ އިން. އެއީ 1991 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ތިން ވަނަ،" ނިޒާރު ބުންޏެވެ.
"ގައުމީ ވޮލީ ޓީމަށް ބަލާއިރު މިއީ ފަހަތަށް އެޅުނު އެއް ފިޔަވަޅު. އެއީ މި ޓީމަކީ މިދިޔަ ފަހަރު ފައިނަލުގައި ކުޅެފައި އޮތް ޓީމެއް. އެހެން ބަލާއިރު މި ޓީމު މިދިޔައީ ފަހަތަށް މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،"
އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށްޓަކައި ގައުމީ ވޮލީ ލީގަށާއި ގައުމީ މުބާރާތަށް ވަރަށް ގިނަ ބަދަލުތައް ގެނަ އެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުންތެރިން ކުޅެން ޖެހުނުއިރު، އަރާމްކުރަން ލިބުނީ މަދު ފުރުސަތެއްކަން ކުޅުންތެރިން ވެސް ފާހަގަކުރި އެވެ.
ނިޒާރު ބުނީ ރާޢްޖޭގެ ވޮލީބޯޅައިގައި އުޅޭ ހުރިހާ ފަރާތްތަކުން ވެސް ގައުމީ ޓީމަށް އިސްކަންދޭން ޖެހޭ ކަމަށެވެ
"ދިވެހިރާއްޖޭގެ ހުރިހާ ވޮލީ ކޯޗުން ވެސް އެބަޖެހޭ ގައުމީ ޓީމަށް އިސްކަންދޭން. ގައުމީ ޓީމެއް އެކުލަވާލެވިގެން މި އަންނަނީ ހުރިހާ ޓީމެއް އެކުވެގެން އެހެން ކަމަށް ބަލާއިރު އެބަޖެހޭ ހުރިހާ ކޯޗުން ވެސް އެކުވެގެން މަސައްކަތް ކުރަން،" ނިޒާރު ބުންޏެެވެ.
"ވޮލީ ކުރިއަރުވަން އެންމެންގެ އެއްބާރުލުން އެބަ ބޭނުންވޭ. މިއީ އެންމެންގެ އެއްބާރުލުމާ އެކު ކުރިއެރުން ހޯދޭނެ ކަމެއް. އަދި އެބަޖެހޭ ވޮލީގައި އުޅޭ ހުރިހާ ފަރާތްތަކުން އެ ވަގުތެއްގައި އޮންނަ އެސޯސިއޭޝަނަކަށް ވެސް އެއްބާރުލުން ދޭން."
އޭވީސީ މުބާރާތަށް ތައްޔާރުވުމަށް ސްރީލަންކާގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން ރާއްޖޭން ވަނީ ލަންކާގައި ދިގު މުއްދަތެއްގެ ޓްރެއިނިން ކޭމްޕެއް ކުރިޔަށް ގެންގޮސްފަ އެވެ. ނިޒާރު ބުނީ ޓްރެއިނިން ކޭމްޕްގެ ފައިދާ މުބާރާތުގައި ކުރި ކަމަށެވެ.
"ކޭމްޕްގައި މަސައްކަތްކުރި ދެ ކަންތަކުގެ ތެރެއިން ބްލޮކް މި މުބާރާތުގައި ވަރަށް ރަނގަޅު. އެހެން ފަަހަރުތަކާ އަޅާބަލާއިރު ރިސީވް ވެސް ރަނގަޅު. ހަގީގަތުގައި ގިނަ މީހުންނަށް އެނގޭނެ މި ޓީމުގެ މައްސަަލަ އަކީ ޑިފެންސްކަން. އެއީ މި ތިބެނީ ޑިފެންސް ކުރަން ތިން ކުޅުންތެރިން. އެއީ ހުޒާމް، ކާއްޓޭ އަދި ޝާއިން. މި ޓީމުގެ އެޓޭކް ވަރަށް ބަރާބަރު. އެކަމަކު ޑިފެންސް ނުކުރެވި ދަންޏާ އެތަން ވަރަށް ބޮޑަށް ދައްކާނެ،"
މި މުބާރާތުގައި ކުޅުނު ޓީމުތަކަކީ ރާއްޖެ އަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމުތަކެއް ނޫން ކަމަށް ނިޒާރު ބުންޏެވެ.
"ވަރަށް ކުޑަކުޑަ ތަފާތަކުން ރާއްޖެ ގިނަ މެޗުތަކުގައި ބަލިވެފައި މިހުރީ. ހަގީގަތުގައި އެއީ ޑިފެންސް ކުރަން ޖެހޭ ވަގުތުތަކުގައި ހެދިފައި ހުރި ކުދިކުދި މިސްޓޭކްސް ތަކުގެ ސަަބަބުން ސެޓުތައް ގެއްލުނީ. އެހެން ޓީމުތަކުން ބޭނުންކުރި އެޑްވާންޓޭޖަކީ އެމީހުންގެ ޑިފެންސް،" ނިޒާރު ބުންޏެވެ.
ގައުމީ ޓީމުގެ މެނޭޖްމަންޓް ކަންތައްތައް ވެސް ކުރިޔަށް ވުރެން މިހާރު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މުސްތަގުބަލުގައި ޓީމު މި ފަހަރަށް ވުރެން ރަނގަޅު ކާމިޔާބީ ހޯދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ނިޒާރު ވަނީ ބުނެފަ އެވެ.