ތިން އަހަރު އެކުގައި އުޅުމަށް ފަހު ޗާރޫ އާއި ރާޖީވް ވަރިވަނީ
ތިން އަހަރު އެކުގައި އުޅުމަށް ފަހު ޗާރޫ އާއި ރާޖީވް ވަރިވަނީ

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން އާއި ޓީވީ ތަރި، ޗާރޫ އަސޯޕާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗާރޫ އާއި ރާޖީވް ކައިވެނިކުރީ 2019 ގަ އެވެ. އެމީހުންގެ ކައިވެނީގެ ކުރީކޮޅު ވެސް ގިނަ މައްސަލަތަކެއް ޖެހި އެކަން ސޯޝަލް މީޑިއާގައި ފެންމަތިވި އެވެ. އެކަމަކު ދެމީހުން އެކުގައި ނަގާފައިވާ ލޯބި ފޮޓޯތަކާ އެކު އެ އަޑުތައް އެ ފަހަރު ހިނދުނެވެ.

އެމީހުންނަށް މިދިޔަ އަހަރު ދަރިއަކު ވެސް ލިބިފައިވަނިކޮށް ކައިވެނި ރޫޅާލަން އުޅޭ ކަމަށްވެ އެވެ.

ޗާރޫ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހުރި ރާޖީވާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ޑިލިޓްކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުންގެ ގުޅުމާ މެދު ޗާރޫ މިހާރު އެހާ ހިތްހަމައެއް ނުޖެހެ އެވެ. އަދި ރާޖީވް ދަރިފުޅަށް ވެސް އެހާ ރަނގަޅު ނޫން ކަމަށްވެ އެވެ.

ބައްޕައިންގެ ދުވަސް ފާހަގަކުރި ދުވަހު ޗާރޫ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލަށް ވީޑިއޯއެއް ލައިފަ އެވެ. އަދި ދަރިފުޅަށް އެހާ ބޮޑު ސަމާލުކަމެއް ރާޖިވް ނުދޭތީ އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކިޔަސް ރާޖިވްގެ ނަމެއް ނުކިޔަ އެވެ.

އެހެންވެ ކޯޓަށް މައްސަލަ ހުށަހަޅައިގެން އެމީހުން ވަރިވާން ނިންމާފައިވާ ކަމަށްވެ އެވެ.

ޗާރޫ އަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ "މެރެ އަންގްނޭ މެއިން" ކަހަލަ ގިނަ ޓީވީ ޑްރާމާތަކުން ފެނުނު ތަރިއެކެވެ.