ޔޫކްރޭން ބައިވެރިކުރުމާ މެދު ވިލާތުން ގޮތެއް ނިންމަނީ
ޔޫކްރޭން ބައިވެރިކުރުމާ މެދު ވިލާތުން ގޮތެއް ނިންމަނީ

ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު، އެ ޖަމާއަތުގެ ވެރިން މި ހަފުތާގައި ގޮތެއް ނިންމެވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، އެ އިއްތިހާދުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ވިލާތުގެ އިއްތިހާދުގައި މިހާރު ހިމެނޭ 27 ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުން، މިއަދާއި މާދަމާ ބްރަސެލްސްގައި ބާއްވާއިރު، އެންމެ ބޮޑަށް ބަހުސްކުރާނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި، ޔޫކްރޭނަށް ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދިނުމާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން ވިލާތުގެ އިއްތިހާދުގައި މޮލްޑޯވާ ބައިވެރިކުރުމާ މެދު ވެސް ބަހުސްކުރާނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިލާތުގެ އިއްތިހާދުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހުށަހެޅުމާ މެދު، ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިވުމާ މެދު މާބޮޑު މައްސަލައެއް އޮތް ކަމަކަށް ނުފެނެ އެވެ. އެއީ މިހާރު ގާތްގަނޑަކަށް ނިމިފައި އޮތް ކަމެއް ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވިލާތުގެ އިއްތިހާދުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށޭނީ، އެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިކުރުމުގެ އިޖުރާއާތުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް، މެމްބަރު ގައުމުތަކުން ނިންމުމުންނެވެ. އެ އިޖުރާއާތުތައް ފުރިހަމަކޮށްގެން ވިލާތުގެ އިއްތިހާދުގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަމަޖެހުމަށް، ދެ އަހަރެއްހާ ދުވަސް ހޭދަވާނެ އެވެ.

ވިލާތުގެ އިއްތިހާދުގެ ވެރިންގެ ބައްދަލުވުން މިއަދު ބްރަސެލްސްގައި ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވަނީ، އެ އިއްތިހާދުގެ ބައެއް ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ. ރައީސް ޒެލެންސްކީ ރޭ އާންމުކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ، ވިލާތުގެ އިއްތިހާދުގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށްދެއްވުމަށް، އެ އިއްތިހާދުގެ 11 މެމްބަރު ގައުމެއްގެ ވެރިން ގާތުގައި އިއްޔެ އެދިވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ވެރިންނާ އެކުގައި މިއަދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިލާތުގެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިކުރުމާ މެދު، އެ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ މެދުގައި މާބޮޑު ޚިޔާލު ތަފާތުވުންތަކެއް ނެތެވެ. އެހެންކަމުން، މިއަދާއި މާދަމާގެ މަޝްވަރާތަކަށް ފަހު، އެ އިއްތިހާދުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން ރަޝިޔާ އިން މިހާރު ދެމުންދާ ހަމަލާތައް އެންމެ ވަރުގަދަ ކޮށްފައިވާ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ތެރެއިން ޑޮނެޓްސްކް ސަރަހައްދުގައި ތިބި ޔޫކްރޭން ސިފައިން ބުނާ ގޮތުގައި އެ ސަރަހައްދުގެ 45 ޕަސެންޓް އަދިވެސް އޮތީ ޔޫކްރޭންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ޑޮނެޓްސްގައި މިހާރު ވެސް ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން މިހާރު ތިބީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފަ އެވެ.

އެ ގޮތުން އެ ސަރަހައްދުން މިހާރު ކަރަންޓު ކެނޑިފައިވާ އިރު، ކައްކާ ގޭސް ވެސް މިހާރު ނުލިބޭ ކަމަށް، ޑޮނެޓްސްގައި ތިބި ޔޫކްރޭން ސިފައިންގެ ވެރިޔާ ވިދާޅުވެ އެވެ. ރަޝިޔާ ސިފައިންނާއި ޔޫކްރޭންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ގިނަ އިމާރާތްތައް މިހާރު ހުރި ބިމާ ހަމަވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.