30 ޑިސެމްބަރ 2016 - 09:55

މެންޗެސްޓާ (ޑިސެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ ފޯވާޑް އެންތަނީ މާޝިއަލް ސްޕެއިނުގެ ސެވިއްޔާ އަށް ބަދަލުވާން އެޓީމާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާގެ އޭޖެންޓް ފިލިޕޭ ލަމްބޯލޭ ބުނެފި އެވެ.
މި ސީޒަނުގައި ހޯސޭ މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ފަހުން މާޝިއަލް އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދުންނެވެ. އެއާ އެކު ފްރާންސް ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި މާޝިއަލް އަށް މާގިނަ ފުރުސަތެއް ލިބިފައިނުވެ އެވެ.
މާޝިއަލް ވަނީ ޓީމުން ފުރުސަތު ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާގެ އޭޖެންޓް ލަމްބޯލޭ ބުނީ ސެވިއްޔާ އިން އަންނަނީ މާޝިއަލް ގެންދަން މަޝްވަރާ ކުރަމުން ކަމަށެވެ.
"ސެވިއްޔާ އިން މާޝިއަލް ބޭނުންވޭ. ސެވިއްޔާ އަކީ ރަނގަޅު ކްލަބެއް. އެ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި. ޗެމްޕިއަންސް ލީގުގައި ކުޅޭ ރަނގަޅު ކޯޗެއް ހުރި ކްލަބެއް. މިއީ މި ވަގުތަށް އަހަރެން ބުނަން ބޭނުންވާ އެއްޗަކީ،" ލަމްބޯލޭ ބުންޏެވެ.
މާޝިއަލް ޔުނައިޓެޑަށް ސޮއިކުރީ 2015 ވަނަ އަހަރު އެވެ. ލުއީ ވެން ހާލް ޔުނައިޓެޑަށް އޭނާ ގަތީ މޮނާކޯ އަށް 36 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށް ފަހު އެވެ. އޭރު މާޝިއަލްގެ އުމުރަކީ 19 އަހަރެވެ. މިއީ ޓީނޭޖް ކުޅުންތެރިޔެއްގެ އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.
މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 17 ލަނޑު ޖެހި މާޝިއަލްއާ ޔުނައިޓެޑުގެ ގުޅުން ގޯސްވީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވި ޒަލަޓަން އިބްރަހިމޮވިޗަށް މާޝިއަލް ކުޅެމުން އައި 9 ނަންބަރު ދިނުމުންނެވެ.
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ދާދި ފަހުން ވަނީ އެ ކްލަބް ބަދަލުކުރަން ބޭނުންވާ ކުޅުންތެރިޔަކަށް އެ ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. އަދި މާޝިއަލް އަށް ޔުނައިޓެޑުގައި މުސްތަގުބަލު އެބައޮތް ކަމަށާއި އޭނާ މިސާލަކަށް ބަލަންވީ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ހެންރިކް މިކިތާރްޔަން ފުރުސަތު ހޯދިގޮތް ކަމަށް މޮރީނިއޯ ބުންޏެވެ.