ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ
ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ

ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ޚާރިޖީ މަސްލަހަަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރަން އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން.

- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން.

- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.

- އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން.

ގާނޫނުލްއުގޫބާތަށް ގެންނަ މި އިސްލާހު އޮތް ގޮތުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާއްޖޭގައި ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހުރަސްއެޅޭ ގޮތަށެވެ. އިންޑިއާ އައުޓް ބެނާ ދެމުމާއި އެ ގައުމުގެ މީހުން ފޭބުން ގޮވާލުން ފަދަ ކަންކަން ވެސް މިއޮތީ، މި ބިލުން ކުށަކަށް ހަދައިފަ އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ.

އެ ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ އެފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވައިފައިވެ އެވެ.

މި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް އިދިކޮޅުން ބުނެ އެވެ.

ޕީޕީއެމާއި ޕީއެންސީން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ އެ ހަރަކާތެއް ނުހުއްޓުވޭނެ އެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ދިވެހި ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމަށާއި ސިފައިން ގައުމުން ފައިބަންދެން މުޒާހަރާ ހުއްޓާނުލައްވާނެ ކަަމަށް އެ މަނިކުފާނު ވެސް ވިދާޅުވެފައިވެ އެވެ.

މި ކެމްޕޭނަށް ފާޑުކިޔައި ސަރުކާރުން ބުނެފައި ވަނީ ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާ އެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުންފާޅުކުރުން ކަމަށެވެ.