ޗައިނާ އިން ރޮނާލްޑޯ އަށް 275 މިލިއަން ޕައުންޑުގެ ބިޑެއް
ޗައިނާ އިން ރޮނާލްޑޯ އަށް 275 މިލިއަން ޕައުންޑުގެ ބިޑެއް

މެޑްރިޑް (ޑިސެމްބަރު 30) - ދާދި ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޗައިނާގެ ކްލަބަކުން 275 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވާ ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ބުނެފި އެވެ.

މެންޑޭސް ބުނީ މި ހުށަހެޅުމުގައި ބުނާގޮތުން ރޮނާލްޑޯ އަށް މަހަކު 85 މިލިއަން ޕައުންޑަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށެވެ.

"ޗައިނާގެ ކްލަބަކުން ރޮނާލްޑޯ އަށް ވަނީ 275 މިލިއަން ޕައުންޑް (300 މިލިއަން ޑޮލަރު)ގެ ހުށަހެޅުމެއް ލިބިފައި. މިއީ މުސާރަ އަށް ބަލާއިރު އަހަރަކު 85 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު)،" މެންޑޭސް ބުންޏެވެ.

އެހެން ނަމަވެސް އޭނާ ބުނީ ރޮނާލްޑޯ ޗައިނާ އަށް ނުދާނެ ކަމަށެވެ.

"ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން. ރޮނާލްޑޯ ރެއާލުގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން. އޭނާ ޗައިނާ އަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް،" މެންޑޭސް ބުންޏެވެ.

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާގެ ކާލޯސް ޓެވޭޒް އިއްޔެ ވަނީ ޗައިނާގެ ޝަންހާއި ޝެންހުއާ އަށް ސޮއިކޮށްފަ އެވެ. އޭނާގެ އިތުރުން ބްރެޒިލްގެ އޮސްކާ އާއި އަލެކްސް ޓަކްސޭރާ އާއި ރަމިރޭސާއި ޖެކްސަން މާޓިނޭޒް ފަދަ ކުޅުންތެރިން އަންނަނީ ބޮޑު މުސާރައަކަށް ޗައިނާ ކްލަބްތަކަށް ކުޅެމުންނެވެ. ޝަންހާއީ ޝެންހުއާ އަށް މީގެ ކުރިން ޑިޑިއާ ޑްރޮގްބާ އާއި ނިކޮލަސް އަނެލްކާ ވެސް ވަނީ ކުޅެފަ އެވެ.

މެންޑޭސް ބުނީ ޗައިނާ މާކެޓަކީ ޔޫރަޕަށް އޮތް ބިރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ކުޅުންތެރިން ބޮޑު އަގުގައި ޗައިނާ އަށް ބަދަލުވުމަކީ ޔޫރަޕްގެ ކްލަބްތަކަށް އޮތް ބިރެއް. މިކަން ކޮންމެވެސް ސިސްޓަމެއްގެ ތެެރެެއިން ހުއްޓުވަން ޖެހޭ. މިއީ އިންސާފުވެރި ގޮތެއް ނޫން،" މެންޑޭސް ބުންޏެވެ.

ދާދި ފަހުން ޗައިނާގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކޮށްފަ އެވެ.