23 ޖޫން 2022 - 10:21

ޕެރިސް (ޖޫން 23) - ޕީއެސްޖީން ދޫކޮށްލަން ބޭނުން ވިޔަސް، ނޭމާ ޖޫނިއާގެ މުސާރަ އާއި ޓްރާންސްފާ ފީ ބޮޑުވުމުން އޭނާ ގެންދާނެ ކްލަބެއް ނުވުމުން ޕީއެސްޖީން އެ މަސައްކަތް ހުއްޓާލައިފި އެވެ.
ބާސެލޯނާގައި ހުއްޓައި ޕީއެސްޖީން ނޭމާ ގަތީ ދުނިޔޭގެ ރެކޯޑް ފީ އެއް ކަމަށްވާ، 234 މިލިއަން ޑޮލަރަށެވެ. ނޭމާ ދޫކޮށްލުމުގެ ހިޔާލު ޕީއެސްޖީން ގެންގުޅެން ފެށީ އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ކަމާ ލުއިސް ކަމްޕޯސް ހަވާލުވި ފަހުންނެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ޕީއެސްޖީން ވަނީ، އެކި ކްލަބްތަކަށް ނޭމާ ހުށަހަޅައިފަ އެވެ. އެކަމަކު އޭނާގެ ޓްރާންސްފާ ފީ އާއި މުސާރަ ބޮޑު ކަމުން އޭނާ ގެންދާނެ ކްލަބެއް ނުވި އެވެ.
ޕީއެސްޖީގެ ރައީސް ނަސީރް އަލް ޚެލާފީ ވެސް މި ހަފުތާގައި ވިދާޅުވީ ބައެއް ކުޅުންތެރިން ކްލަބް ބަދަލު ކުރަން މަސައްކަތްތައް ހިނގަމުންދާ ކަމަށް ބުނެފަ އެވެ.
"މީޑިއާގައި އެ ވާހަކަތަކެއް އަހަންނަކަށް ނުދެއްކޭނެ. ބައެއް ކުޅުންތެރިންދާން އަނެއް ބައި ކުޅުންތެރިން ޓީމަށް އަންނާނެ. އެކަން ކަމަކީ ޕްރައިވެޓްކޮށް މަޝްވަރަ ކުރެވޭ ކަންކަން،" ސްޕެއިންގެ "މާކާ" އަށް ދިން އިންޓަވިއުގައި އެލް ޚެލާފީ ވިދާޅުވި އެވެ.
ޕީއެސްޖީން ނޭމާ އަށް ކުރި ހަރަދުގެ ދެ ބައި ކުޅަ އެއް ބައިވެސް އަދި ފޫނުބެއްދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕީއެސްޖީގެ މުސާރައިގެ ބިލަކީ ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ބޮޑު މުސާރަ ބިލެވެ. ނޭމާގެ މުސާރަ އަށް އަހަރަކު 51.6 މިލިއަން ޑޮލަރު ޕީއެސްޖީން ހޭދަ ކުރެ އެވެ. އަދި އޭނާގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތެވެ.
"މާކާ" ގެ އިންޓަވިއުގައި އަލް ޚެލާފީ ވިދާޅުވި ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ އެ ކްލަބަށް މަރުދޭނެ ކުޅުންތެރިން ކަމަށެވެ. އަދި އެ ކުޅުންތެރިން ވާން ޖެހޭނީ ކްލަބަށް ވުރެ މަތީގައި ނުތިބޭނެ ކުޅުންތެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރެމެން ބޭނުން ވަނީ ކަމަށް ކަމޭ ހިތާ ޒުވާން ކުޅުންތެރިން. މޮޅުވުމުގެ ވިސްނުން ހުންނަ ކުޅުން. މި ކްލަބަށް މަރުދޭނެ ކުޅުންތެރިން. އަހަރެމެން ބޭނުން ވަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކުޅުންތެރިން. އަދި ޓީމަށް ވުރެ ބޮޑު ނުވާނެ ކުޅުންތެރިން،" އެލް ޚެލާފީ ވިދާޅުވި އެވެ.
ނޭމާ ޕީއެސްޖީގައި ހޭދަ ކުރި ފަސް އަހަރު، އޭނާ އަށް ވަނީ ކޮންމެ ސީޒަނެއްގައި އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ.