މޮރީނިއޯގެ އެހީތެރިކަން ހަނދާން ނުނެތޭނެ: ކަރަންކާ
މޮރީނިއޯގެ އެހީތެރިކަން ހަނދާން ނުނެތޭނެ: ކަރަންކާ

ލަންޑަން (ޑިސެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ފަރާތުން ލިބުނު އެހީތެރިކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް މިޑްލްސްބަރާގެ ކޯޗު އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އައިޓޯ ކަރަންކާ ބުނެފި އެވެ.

މޮރީނިއޯ 2010 ވަނަ އަހަރު ރެއާލަށް ކޯޗުކޮށްދިންއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަަކަށް މަސައްކަތް ކުރީ ކަރަންކާ އެވެ. މޮރީނިއޯއާ އެކު ތިން ސީޒަން މަސައްކަތް ކުރުމުން، ޓީމަކާ ހަވާލުވުމަށް ހިތްވަރު ލިބުނު ކަމަށް ކަރަންކާ ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގައި މާދަމާރޭ މޮރީނިއޯގެ ޔުނައިޓެޑާ ދެކޮޅަށް މިޑްލްސްބަރާ ގޮވައިގެން ކަރަންކާ ނުކުންނާނެ އެވެ.

ކަރަންކާ މިޑްލްސްބަރާއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ފުޓްބޯލް ލީގު ޗެމްޕިއަންޝިޕްގެ ދެ ވަނަ މިޑްލްސްބަރާ އަށް ހޯދައިދިނުމަށް ފަހު އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފަ އެވެ.

"ކުޅުން ހުއްޓާލުމަށް ފަހު އަހަރެން ހުރީ ފުޓްބޯޅަ އިން ދުރަށް ދާން. އެކަމަކު މޮރީނިއޯގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އަހަރެން އޭގެ ބޭނުން ހިފީ. މޮރީނިއޯގެ ފަރާތުން ލިބުނު ހިތްވަރުގެ ސަބަބުން އަހަރެންނަށް މި ހިސާބަށް އާދެވުނީ. މޮރީނިއޯގެ އެހީތެރިކަން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ކަރަންކާ ބުންޏެވެ.

ކަރަންކާ ބުނީ މޮރީނިއޯގެ ޓެކްޓިކްސް އާއި އެހެން ބައެއް ކަންތައްތައް އޭނާ އަށް އެނގުނު ނަމަވެސް މާދަމާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު މުޅިން ތަފާތު ވާނެ ކަމަށެވެ.

"މޮރީނިއޯ އަކީ އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ މޮޅު ކޯޗު. އޭނާގެ ޓެކްޓިކްސް އާއި އެހެން ބައެއް ކަންތައްތައް އަހަންނަށް އެނގޭ. އެކަމަކު މާދަމާގެ މެޗަށް ނުކުންނައިރު އެކަމާ އަހަރެން ނުވިސްނަން. އެއީ އޭނާ މިހާރު އެހުރީ ތަފާތު ކްލަބެއްގައި ކަމަށްވާތީ،" ކަރަންކާ ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ޔުނައިޓެޑް މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. މިޑްލްސްބަރާ އިން ވަނީ މި ސީޒަނުގައި ރަށުންބޭރުގައި މެންޗެސްޓާ ސިޓި އާއި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްފަ އެވެ.

ޔުނައިޓެޑް 18 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އޮތްއިރު، މިޑްލްސްބަރާ ލީގުގެ 15 ވަނައިގައި އޮތީ 18 މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑާއި މިޑްލްސްބަރާ ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.