މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ކ. މާފުށީގައި މިއަހަރުގެ އަލްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަގާފީ ކުޅިވަރުތަކާއި މަޝްހޫރު ފަންނާނުންގެ ޝޯއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

އީދު ދުވަހު ކުރިއަށްދާ ކުޑަކުދިންގެ ހަވީރުގައި ރާއްޖޭގައި މަޝްހޫރު ޑާންސަރު "ރޮބޯމޭން" ބައިވެރިވާން ހަމަޖެހިފައިވާއިރު، އެ ރޭ އޮންނަ ޝޯގައި ޓްރެފިކް ޖޭމް، މާފުށީ ބޮޑުބެރު ގްރޫޕް އަދި ފިލްމީ ތަރިންނާއި ގިނަ ނެށުންތައް ފެންނާނެ އެވެ. އެ ރަށުގައި ހަވާއަރުވާ އިރު، ރަށު މޫދުގައި ވަގުތީ ވޯޓާ ޕާކެއް ބާއްވާ ގޮތަށް ވެސް އެ ރަށުން ވަނީ ހަމަޖައްސައިފަ އެވެ.

މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
މާފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ދަފި ނެގުން، ކޯޑި ނެގުން، ވެދުމާއި ދިއުން އަދި މާލި ނެރުން ފަދަ ސަގާފީ ހަރަކާތްތައް އީދުގައި ކުރިއަށް ދާނެ ކަމަށް މާފުށި ކައުންސިލްގެ ރައީސް ހުސައިން ސޮލާހް ވިދާޅުވި އެވެ.

"ކައުންސިލުން މިހާރު މި މަސައްކަތް ކުރަނީ ރަށުގެ ޒުވާން ކުދިންކޮޅެއް ލައްވާ އެ ކުޅިވަރުތަކަށް ފަރިތަކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

ސޮލާހް ވިދާޅުވީ އީދާ ދިމާކޮށް މާލެއިން އެ ރަށަށް ކުރާ ލޯންޗު ދަތުރުތައް އިތުރު ކޮށް، ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި އީދު ދުވަހުގެ ރޭ އޮންނަ ޝޯ ނިންމާލުމަށް ފަހު ދަންވަރު ވެސް މާލެ އާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މާފުށި އީދު އުފާ 1443 ގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްޑަބްލިއުއެސްސީ، ދިރާގު، އޮފިޝަލް އިވެންޓްސް، އެރީނާ ހޮޓެލްސް، ދޮންމަނިކު ސްކައި ވިއު އަދި އެލިއާ އިންވެސްޓްމަންޓް އެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައި ވަނީ ހޮޓްލް ޖެން، އައިކޮމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޓްރައިޓަން ހޮޓެލްސް، ޝެޑޯ ޕާމް އަދި ބިރާގަން ސްޕޯޓްސް ކްލަބެވެ.

އިއްޔެ ހަވީރު ބޭއްވި ހަފްލާއެއްގައި މާފުށީ ކައުންސިލުން ވަނީ އީދު ހަރަކާތްތަކުގެ ސްޕޮންސަރުންނާއި، ޕާޓްނަރުން އަދި ފަންނާނުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ހިންގަމުން އަންނަ މާފުށީގެ ބެޑް ކެޕޭސިޓީ، އީދަށް އެއްކޮށް ބުކްވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.