22 ޖޫން 2022 - 20:26

ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، ރާއްޖޭގައި ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާއި މާފުށީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ޓޫރިޒަމް ފުޅާވެފައި އޮތް މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތްކުރަން ސްޓެލްކޯ އިން ވަނީ އެއްބަސްވެފަ އެވެ. އެ ހިދުމަތާ އެކު، މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ގޭބީސީތަކުގެ ކުނި މެނޭޖްކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދިނުމުގެ ފަހުރު ސްޓެލްކޯއަށް ލިބުމަކީ ތާރީހީ ކަމެއް ކަމަށެވެ.
"މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު، ސްޓެލްކޯގެ މި ހިދުމަތާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފުށީގައި ދޭ ހިދުމަތް ރަނގަޅަށް ގެންދެވިއްޖެ ނަމަ އެ ހިދުމަތް ފުޅާކޮށް އެ އަތޮޅު ގުރައިދުއަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހް ވިދާޅުވި ގޮތުގައި އެ ރަށު ކުނި ގޮނޑުގެ އުނދަގޫ އެ ރައްޔިތުންނަށް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމަށް ހައްލެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ގޮނޑުން އަރާ ވިހަ ދުންތަކުގެ އަސަރާ ހެދި އެ ސަރަހައްދުގެ ބައެއް ގެތަކުގައި އުޅޭ މީހުންނަށް ފަރުވާދޭން ޖެހިފައި އެބަހުރި" ސޮލާހު ވިދާޅުވި އެވެ.
މާފުށިން ދުވާލެއްގެ މައްޗަށް ފަސް ޓަނުގެ ކުނި އުކާލަ އެވެ. އެ ތަކެތި އުކާލުމުގައި ބައެއް ފަހަރު މޫދަށް ވެސް އެޅެ އެވެ. ނަމަވެސް، ސްޓެލްކޯގެ މި ހިދުމަތާއެކު އެ ހުރިހާ ކަމަކަށް ހައްލު ލިބި ރަނގަޅުގޮތުގައި ކުނި މެނޭޖެކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.