ވޯލްޑް ޗެމްޕިއަންޝިޕުގައި ސައުސަން، މުބާލް، އާން އަދި ހަމްނާ ގައުމީ ރެކޯޑް އާ ކޮށްފި
ވޯލްޑް ޗެމްޕިއަންޝިޕުގައި ސައުސަން، މުބާލް، އާން އަދި ހަމްނާ ގައުމީ ރެކޯޑް އާ ކޮށްފި

ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސްވިމިން ސްކޮޑްގައި ހިމެނޭ ހަތަރު ފެތުންތެރިންކަމަށްވާ، އައިޝަތު ސައުސަން އާއި މުބާލް އައްޒާމް އިބްރާހިމް އަދި މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު ލޯންގް ކޯސް ގައުމީ ފެތުމުގެ ރެކޯޑް އާ ކޮށްފި އެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި ހުކުރުދުވަހު ފެށި ވޯލްޑް ޗެމްޕިއަންޝިޕުގައި، މުބާލް ގައުމީ ރެކޯޑް އާކުރީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް، ފަސް މިނިޓާއި 14.91 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

މީގެ ކުރިން މުބާލް މި އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 2018 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި ފަސް މިނިޓާއި 35.41 ސިކުންތުން އިވެންޓް ނިންމައިގެންނެވެ. ޗޯލްޑް ޗެމްޕިއަންޝިޕުގައި އޭނާ ރެކޯޑް އާކުރީ 20.50 ސިކުންތުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

ހަމަ އެއާ އެކު މުބާލް ވަނީ ފިރިހެން 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވެސް ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރެކޯޑް އާކުރީ ދެ މިނިޓާއި 36.74 ސިކުންތުން އިވެންޓް ކާމިޔާބު ކޮށްގެންނެވެ. މީގެ ކުރިން ރެކޯޑް އޮންނަނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން މިނިޓާއި 3.11 ސިކުންތުން އިވެންޓް ފުރިހަމަ ކުރި އަހުމަދު އަޒްޔާން ޒާހިދު އަތުގަ އެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ފެތުންރެތިޔާ ސައުސަން އާކުރީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓެވެ. ސައުސަން މި އިވެންޓް ނިންމީ އެއް މިނިޓާއި 18.76 ސިކުންތުންނެވެ. މިއީ 2018 ގެ އޭޝިއަން ގޭމްސްގައި އޭނާ މި ރެކޯޑް އާކުރި ވަގުތަށް ވުރެ 0.20 ސިކުންތުގެ ކުރިއެރުމެކެވެ.

އާން، އާކޮށްފައި ވަނީ ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް ރެކޯޑެވެ. އޭނާ ރެކޯޑް އާކުރީ އެއް މިނިޓާއި 5.77 ސިކުންތުން އިވެންޓް ނިންމައިގެންނެވެ. މީގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑް އޮންނަނީ މިދިޔަ އަހަރު ކްރޮއޭޝިއާގައި ބޭއްވި ގޯލްޑެން އޯލެންޑޯ މުބާރާތުގައި އެއް މިނިޓާއި 9.07 ސިކުންތުން އިވެންޓް ނިންމި އަލީ އިމްއާން އަތުގަ އެވެ.

ހަމްނާ ވަނީ އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓު 34.53 ސިކުންތުން ނިންމައިގެން، ސައުސަން އަތުގައި އޮތް ގައުމީ ރެކޯޑް އާކޮށްފަ އެވެ. ސައުސަން ވަނީ 2019 ގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގައި 35.41 ސިކުންތުން އިވެންތް ނިންމައިފަ އެވެ.

ސައުސަން އާއި ހަމްނާ އަދި އާން ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީނާ ސްވިމިން ވޯލްޑް ކަޕުގައި ވާދަކުރި ރާއްޖޭގެ ގައުމީ ސްކޮޑުގައި ވެސް ހިމެނިފަ އެވެ. މި ތިން ފެތުންތެރިންގެ އިތުރަށް އެ ޓީމުގައި ދެން ހިމެނުނީ އިމްއާން އަލީ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.

ބުދަޕެސްޓުގައި ވޯލްޑް ޗެމްޕިއަންޝިޕް އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.