22 ޖޫން 2022 - 10:34

މައްސަލަ ބޮޑުވެފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ތަކުރާރުކޮށް ނިންމުމަށް ފަހު، އެ އިމްތިހާނު އެންމެ ފަހުން އަންނަ ނޮވެމްބަރު މަހަށް ބާ ކައުންސިލުން ފަސްކޮށްދީފި އެވެ.
މީގެ ދެ ދުވަހެއް ވަރުކުރިން ބާ ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުޖން ހަދަންޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ އެ އިމްތިހާނު ފަސްކޮށްދެވެން ނެތް ކަމަށެވެ.
އެކަމަކު ރޭ ނެރުނު ބަޔާނުގައި ބާ ކައުންސިލުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ބާ އިމްތިހާނު މި އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހަށް ފަސްކޮށްްދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ މި މަހުގެ 25 ގައި ބާއްވަން ނިންމި އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓްރީވި ދަރިވަރުންނާއި ރަޖިސްޓްރީވުމަށް ފަހު ނަން ނެގި ދަރިވަރުން ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ.
ނޮވެމްބަރުގައި އޮންނަ އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބާ އިމްތިހާނު ފަސްކުރިއިރު އެ އިމްތިހާނަށް ޝަރުތު ހަމަވާ ގިނަ ބަޔަކު ރަޖިސްޓްރީ ނުކުރާތީ އެ އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގެ އިންތިހާބީ އެކްސްކޯ އިން ވެސް އެދުނެވެ.
އެހާ ބޮޑު ހަރަދެއްކޮށްގެން ބާއްވާ އިމްތިހާނަށް 1000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވިޔަސް އެ އިމްތިހާނަށް ރަޖިސްޓްރީވީ 200 އެއްހާ މީހުންނެވެ. ބާ ކައުންސިލްގެ އިމްތިހާނު ފީއަކީ 10،000ރ. އެވެ.
އެ އިމްތިހާނުގެ ފީ ބޮޑުވުމާއި ސިލަބަސް ސާފު ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.