ފްލޯޓިން ސިޓީ ނުހެދޭނެ ކަމަށް ލަފާއަރުވަން ނަޝީދު ވިސްނަވަނީ
ފްލޯޓިން ސިޓީ ނުހެދޭނެ ކަމަށް ލަފާއަރުވަން ނަޝީދު ވިސްނަވަނީ

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް ނެދަލޭންޑްސްގެ ކުންފުނިން ހިންގާ ބިޔަ މަޝްރޫއު ސަރުކާރުން ހުއްޓުވާފައިވާ ކަމުގެ ތުހުމަތާ އެކު އެކަން ދެން އިތުރަށް ނުގެންދެވޭނެކަން އެ ކުންފުންޏަށް ލަފާއަރުވަން ވިސްނަވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީ ނުހެދޭނެ ކަމަށް ލަފާއަރުވަން ނަޝީދު ވިސްނަވަނީ
ފްލޯޓިން ސިޓީ ނުހެދޭނެ ކަމަށް ލަފާއަރުވަން ނަޝީދު ވިސްނަވަނީ

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ފްލޯޓިން ސިޓީ ތަރައްގީކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ. މި ފްލޯޓިން ސިޓީގައި 5،000 ގެ އެޅުމަށް ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފަށާފައިވާ ފްލޯޓިން ސިޓީގެ ޕްލޭނުގައިވާ ގޮތުން އެތަނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ އެވެ. އޭގެތެރޭގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް ހަދާނެ އެވެ.

ބައިނަލްއަގުވާމީ މީޑިއާގައި ސަމާލުކަން ލިބިފައިވާ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ވާހަކަ މީޑިއާތަކުގައި ދެކެވުނަސް ސަރުކާރުން ވަނީ އެކަން ހުއްޓުވާފައި ކަމަށެވެ. އެ ސިޓީ ކުރިއަށް ނުގެންދަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑަޗް ޑޮކްލެންޑްސް އަށް އެކަން ކުރެވޭނެ އެއްގޮތެއް ވެސް ސަރުކާރުން ނުދެއްކި އެވެ.

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކަމުން ކުރިއަށް ނުގެންދަވަނީ. އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މި ނަގާލަނީ ދަރަނި ނެތް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އެއީ "ބޮޑުވަރު" ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިޔަސް މި ޕްރޮޖެކްޓް ހުއްޓިފައި އޮތް ކަމެއް ސަރުކާރުން އަދި ޑަޗް ޑޮކްލޭންޑްސް އިން ބުނެފައެއް ނުވެ އެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ސޮއިކޮށްފައި އޮތް ގޮތަށް ބަދަލުތަކެއް ގެނައުމަށް ޑަޗް ޑޮކްލޭންޑުން ސަރުކާރަށް ހުށަހަޅައި އެކަމަށް އިކޮނޮމިކް ކައުންސިލްގެ ރުހުން ނުލިބުނު ކަން އެނގިފައިވެ އެވެ. އެ ކުންފުނިން ހުށަހެޅީ ފްލޯޓިން ސިޓީގެ ރިސޯޓެއްގެ ފަޅެއްގެ ތެރޭގައި ސޯޝަލް ހައުސިންގެ އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައުމަށެވެ. އެކަމަކު އެ ހުއްދަ ނުދޭން ސަރުކާރުން ނިންމާފައި ވަނީ، އެކަން އެގޮތަށް ކުރެވެން އަންނަނީ ގާނޫނަށް ވެސް ބަދަލުތަކެއް ގެނެސްގެން ކަމަށް ވާތީ އެވެ.

ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ ދައްކާލަން ދިން ތާރީހަކީ މިދިޔަ ރޯދަ މަހެވެ. އެކަމަކު އެ މުއްދަތަށް އެތަން ނުނިމުނެވެ. އެންމެ ފަހުން ބުނެފައި ވަނީ ކުރިއަށް އޮތް އީދު ތެރޭގައި އާއްމުންނަށް ދައްކާލާނެ ކަމަށެވެ.