22 ޖޫން 2022 - 10:38

ފ. ދަރަނބޫދު އަށް ރޭ އެރި ކޮޅިގަނޑެއްގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ރަށު ކައުންސިލް މެންބަރު އާދަމް ހަލީމް މިއަދު ވިދާޅުވީ ވައި ބާރުވެ، ކޮޅިގަނޑެއް އެރީ ރޭ މެންދަމު ކަމަށެވެ. އަދި ގަދަ ވަޔާއެކު، ގިނަ ގަސްތަކަކާއި ރުއްތަކެއް ވެއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވި ގޮތުގައި މީހުންގެ ގެތަކަށް ވެސް، ގަސް ވެއްޓި ވަނީ ގެއްލުން ވެފަ އެވެ. ގެއެއްގެ ފުރާޅު މައްޗަށް، އެ ގެޔާ ޖެހިގެން ހުރި ގޭގެ ބަނބުކެޔޮ ގަހެއް ވެއްޓި ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ. އެ ގޭގެ ޓިނުތަކަށް ގެއްލުންވީ ނަމަވެސް، ދިިރިނޫޅެވޭ ވަރަށް ގެއްލުމެއް ނުވެ އެވެ.
"މީހަކަށް ގެއްލުމެއް ނުވޭ، ޓިނުތަކަށް ގެއްލުންވެފައި ހުރީ،" އާދަމް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ރަށު ބޯޅަ ދަނޑުގެ ފެންސު މައްޗަށް ވެސް ގަހެއް ވެއްޓި ފެންސު ވަނީ އަރިއަޅައިލައިފަ އެވެ. އަދި އެ ރަށު ސްޕޯޓްސް އެރީނާ އަށް ވެސް ގެއްލުންވި ކަމަށް އާދަމް ވިދާޅުވި އެވެ. އަދި ކޮޅިގަނޑުގައި އެ ރަށުގެ ދަނޑުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
"އެއް ދަނޑުން ތިރީސް ފަސް ފަޅޯ ގަސް ބިންދައިގެން ގޮސްފައި ހުރީ. އެހެން ދަނޑުތަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުން ވެފައި ހުރީ،" އާދަމް ވިދާޅުވި އެވެ.
ދަރަނބޫދު އަށް ވެފައިވާ ގެއްލުންތަކުގެ ފޮޓޯތައް ސޯޝަލް މީިޑިއާގައި ދައުރުވަމުން ދާއިރު، ބައެއް ރުއްތަކާއި ގަސްތައް މުލުން ލުހިފައިވާ ތަން ފެނެ އެވެ. އަދި ގެއެއްގެ ފުރާޅުމައްޗަށް ބިޔަކޮށް ހެދިފައިހުރި ބަނބުކެޔޮ ގަހެއް ވެއްްޓިފައިވާ މަންޒަރާއި ދަނޑުތަކުގައި ފަޅޯ ގަސްތައް ވެެރިފައި ހުރި މަންޒަރު ވެސް ފެނެ އެވެ.
މީގެ މަހެއްހާ ދުވަސްކުރިން ޖެހިޖެހިގެން ދެ ރެޔަކު އެ ރަށުގެ ދަނޑުތަކަށް ވަނީ ބަޔަކު ގެއްލުން ދީފަ އެވެ. އެ ރަށުގައި ދަނޑުވެރިކަން ހުއްޓި ދާނެތީ އެ ފަހަރު ކައުންސިލުން ކަންބޮޑުވުން ފާޅު ކުރި އެވެ.