21 ޖޫން 2022 - 21:46

އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން މިރޭ އިލްތިމާސްކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވިޔަސް ވީހާ ވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، ކޮވިޑްގެ ކޭސްތައް މި މަހުގެ ދެވަނަ ހަފުތާ އާއި ތިންވަނަ ހަފުތާގައި 180 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގައި މި މަހު ތިން މީހަކު މަރުވެފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ.
މި ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ މީހުން އެތެރެ އާއި ރާއްޖޭން ބޭރަށް ދަތުރުކޮށް، އެއްވުންތަކާއި ހަފުލާތައް ބޭއްވުމަށް ރާވަމުންދާތީ އެޗްޕީއޭ އިން ވަނީ ސަމާލުވާން ޖެހޭ ކަންކަން ބަޔާން ކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރު ކުރުމުގެ ކުރިން ދަތުރުކުރާ ރަށުގެ ނުވަތަ ގައުމުގެ ކޮވިޑްގެ ހާލަތު ދެނެގަތުމާއި ހައިރިސްކު މީހުން ގޮވައިގެން ދަތުރުކުރާ ނަމަ އަދި ކޮވިޑް ގިނަ ތަންތަނަށް ދާ ނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމެވެ.
ދަތުރުކުރުމުގެ ކުރިން، ދާ ގައުމެއްގެ ކޮވިޑް ޓެސްޓު އަދި ވެކްސިން ޖެހުމުގެ އުސޫލުތައް ރަނގަޅަށް ބެލުމަށާއި ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަން ޖެހޭ ނަމަ ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑް އަލުން ހަދަން ޖެހޭ ނަމަ އެކަން ދުރާލައި ކުރުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ޓެސްޓުކޮށް ނެގެޓިވް ވުމުން ނޫނީ ދަތުރު ނުކުރުމަށާއި ރާއްޖޭން ބޭރަށް ދިއުމުގެ ކުރިން އިންޝުއަރެންސް ނެގުމަށް އެ އެޖެންސީން ބާރު އަޅަ އެވެ.
އެޗްޕީއޭގެ ބަޔާނުގައި ވަނީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅެން އެޗްޕީއޭ އިން އެދެ އެވެ.
މި މަހުގެ 12 އިން 18 އަށް 405 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ ބަލާއިރު ގިނަ އަދަދެކެވެ. މި މަހުގެ 5-11 އަށް ކޮވިޑަށް ޕޮޒިޓިވް ވީ 142 މީހެކެވެ.