ހޮންކޮންގެ ފްލޯޓިން ރެސްޓޯރެންޓް ކަނޑަށް ފެތިއްޖެ
ހޮންކޮންގެ ފްލޯޓިން ރެސްޓޯރެންޓް ކަނޑަށް ފެތިއްޖެ

ހޮންކޮންގެ މަޝްހޫރު ޖަންބޯ ފްލޯޓިން ރެސްޓޯރެންޓް އެހެން ތަނަކަށް ބަދަލުކުރަން ގެންދަނިކޮށް ކަނޑަށް ފެތިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ރެސްޓޯރެންޓް ފެތުނީ ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ޕެރަސެލް އައިލެންޑްސްއާ ގާތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޮންކޮންގެ ބަނދަރެއްގައި ބާއްވައިގެން ހިންގަމުން އައި އެ ފްލޯޓިން ރެސްޓޯރެންޓް އެ އޮތް ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް އެ ރެސްޓޯރެންޓް ގެންދަނީ ކޮންތާކަށް ކަމެއް އޭގެ ވެރިފަރާތުން ނުބުނެ އެވެ. އެކަމަކު، އެ ފެތުނީ އެހެން ބަޔަކަށް އެތަން ހިންގަން ހަވާލުކުރަން ގެންދަނިކޮށް ކަމަށްވެ އެވެ.

އެ ރެސްޓޯރެންޓްގެ ބެލެނިވެރި ކުންފުނިން ކަމަށްވާ އަބަދީން ރެސްޓޯރެންޓް އެންޓައިޕްރައިސަސް އިން އިއްޔެ ބުނީ، ރެސްޓޯރެންޓް ފެތުމުން ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެތަނުގެ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާ ކަމަށެވެ.

އެ ރެސްޓޯރެންޓް އެހެން ތަނަކަށް ބަދަލުކުރުމުގެ ކުރިން މެރިން އިންޖީނިއަރުން ލައްވައި، އެތަން އިންސްޕެކްޓް ވެސް ކުރިވި ކަމަށާއި ހުރިހާ މަސައްކަތެއް ކުރީ ހުއްދަތައް ލިބިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ތިން ފުލޯ ހުންނަ އެ ރެސްޓޯރެންޓް މިހާރު ވަނީ ކަނޑުގެ 1،000 މީޓަރު އަޑިއަށް ގޮސްފަ އެވެ.

ކޮވިޑާ ގުޅިގެން މާޗު 2020 ގައި އެ ރެސްޓޯރެންޓް ބަންދުކުރި ގޮތަށް ނުހުޅުވަ އެވެ.

އެ ފްލޯޓިން ރެސްޓޯރެންޓަކީ 1976 ވަނަ އަހަރު ހުޅުވި ތަނެކެވެ. ތިން މިލިއަނަށް ވުރެ ގިނަ މީހުން އެތަނުން ހިދުމަތް ހޯދާފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު ދޭކާއި އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫސް ކަހަލަ ތަރިން ވެސް ހިމެނެ އެވެ. އަދި އެތަނުގައި "ޖޭމްސް ބޮންޑް" ކަހަލަ މަޝްހޫރު ބައެއް ފިލްމުތަކުގެ މަންޒަރުތައް ވެސް ނަގާފައިވެ އެވެ.

އެ ރެސްޓޯރެންޓް ހިންގާ ކުންފުނިން މިދިޔަ މަހު ބުނީ 2013 ވަނަ އަހަރުން ފެށިގެން އެތަނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އަދި އެތަން ހިންގަނީ ގެއްލުމުގައި ކަމަށް ވެސް ބުންޏެވެ.