29 ޑިސެމްބަރ 2016 - 20:23

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިދިޔަ ޖުލައި މަހުގެ ތެރޭގައި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފި އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގެ ތަހުގީގަށް އޭނާ މިއަދު ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކުރާކަން އެންއައިސީން ވެސް ކަށަވަރުކޮށްދިނެވެ.
އެންއައިސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ދަށުން، މި އަހަރުގެ ޖުލައި މަހު ތެރޭގައި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގައި މަހްލޫފް ހިޔާލުފާޅުކުރައްވަނިކޮށް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ފުލުހަކު އައިސް މަހްލޫފް ހައްޔަރުކުރީ ޖިނާއީ އެއްވެސް ކުށެއް ނުކުރައްވަނީސް ކަމަށް ވެސް މައްސަލާގައިވެ އެވެ.
އެންއައިސީ އަށް މައްސަލަ ހުށަހެޅި މީހާ އެދިފައި ވަނީ، އެކަން ތަހުގީގުކޮށް ގާނޫނާ ހިލާފުވި ފުލުސް މީހާއާ މެދު ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިދިނުމަށެވެ. އަދި އެ ފުލުސް މީހާ މަހްލޫފް ހައްޔަރުކުރީ ފުލުހުންގެ އިސްވެރިންގެ އަމުރަށް، ޣައިރު ގާނޫނީ އަމުރަކަށް ތަބާވުމުގެ ގޮތުންތޯ ބަލައި އެގޮތަށް ކަން ހިނގާފައިވާ ނަމަ އަމުރު ކުރި މީހެއްގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.
އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.
މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ. އެކަމަކު އަޑުއެހުންތައް އަދި ނުފަށަ އެވެ.