ސްޓެލްކޯ އިން މާލޭގެ ހުކުރު މިސްކިތް ސާފުކުރުމުގެ މަސައްކަތް ފަށައިފި
ސްޓެލްކޯ އިން މާލޭގެ ހުކުރު މިސްކިތް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ފެންވަޅުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯ އިން މާލޭގެ ހުކުރު މިސްކިތް ސާފުކުރުމުގެ މަސައްކަތް ފަށައިފި
ސްޓެލްކޯ އިން މާލޭގެ ހުކުރު މިސްކިތް ސާފުކުރުމުގެ މަސައްކަތް ފަށައިފި

އެއީ ސްޓެލްކޯ އިން ހެރިޓެޖް މިނިސްޓްރީ އާއި ނެޝަނަލް ސެންޓަ ފޯ ކަލްޗާ އެންޑް ހެރިޓެޖާއެކު ހަދާފައިވާ އެމްއޯޔޫއެއްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ މަސައްކަތެކެވެ.

މި އަހަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އިއްޔެ ވަނީ މުންނާރު ސާފުކޮށް، އެ މިސްކިތުގައި ހުރި ހަތަރު ވަޅުގެ ދިޔަ ހިއްކައި ސާފުކޮށްފަ އެވެ.

ސްޓެލްކޯގެ ގިނަ މުވައްޒަފުންނާއެކު، އެ ކުންފުނީގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އާއި އެމްޑީ ޝަރީފް އަދި އެހެން ބައެއް އިސްވެރިން އަމަލީ މަސައްކަތުގައި ބައިވެރިވަޑައިގަތެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވަކި ބައެއްގެ ކަމެއް ނޫން ކަމަށާއި އެއީ އެންމެންގެ ތަރިކައަކަށް ވުމުން އެއްބާރުލުން ދީގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކާއި ރިސޯޓުތަކުންނާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ވެސް އެއްބާރުލުން ބޭނުންވޭ. މިފަދަ ކަންކަމުގައި ސްޓެލްކޯ އިން އެ ދައްކައި ދެނީ ރަނގަޅު ނަމޫނާއެއް" ޔުމްނާ ވިދާޅުވި އެވެ.

ހުކުރު މިސްކިތުގެ މަސައްކަތްތަކާއި އެހެނިހެން ތަރިކަ ރައްކާތެރިކުރުމުގައި ސްޓެލްކޯ އިން ދޭ އެއްބާރުލުމަށް ޔުމްނާ ޝުކުރު އަދާކުރެއްވި އެވެ.

"މި ދޭތެރޭގައި ފެނިގެން ދިޔަ މުންނާރު ކުޑަކޮށް، ހަޑިވެފައި ހުރި ތަން. އެހެން ނަމަވެސް ކުރިމަގުގައި މަހުން މަހަށް އެ ތަން ބަލައި ޗެކުކޮށް، ސާފުކުރުމާއި ރަނގަޅަށް ބެލެއްހެއްޓުމުގެ ޒިންމާ އަޅުގަނޑުމެން ނަގާނަން" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.

ހުކުރު މިސްކިތް ބެލެހެއްޓުމުގެ އިތުރުން އެހެން ތަރިކަތަކާއި އާސާރީ ބައެއް ތަންތަން ބެލެހެއްޓުމުގެ ކަންކަން ސްޓެލްކޯގެ އަމިއްލަ ހަރަދުގައި ކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ހެރިޓެޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގު ވިދާޅުވިގޮތުގައި، މާލޭގައި ހުރި ހުރިހާ އާސާރީ ތަންތަން ސާފުކޮށް، ބެލެހެއްޓުމަށް ސްޓެލްކޯ އިން ވަނީ އެއްބަސްވެފަ އެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ ރާއްޖޭގެ އިސްލާމީ ސަގާފަތާ ގުޅިފައިވާ އެންމެ ތާރީހީ އެއް ބިނާ އެވެ.