ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟
ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟

- ސައުދުﷲ އިދުރީސް -

ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟
ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟

ސްކޫލް އުމުރު ކުދިންގެ ޓިއުޝަނަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މާ ވައިގައި ހިފާ މައުލޫއަކަށް ނުވިޔަސް، ދިވެހިރާއްޖޭގައި ކަން އޮތީ އެހެނަކުން ނޫނެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ފިސާރި ހޫނު ބަހުސެކެވެ. ދަރިންގެ ކާމިޔާބަކީ ލިބޭ "ސެޓްފިކެޓް ކަރުދާސްކޮޅު" ކަމުގައި ބެލެވި، ގޭދޮށު އަވަށްޓެރިޔާގެ ދަރިޔަށް ވުރެ، މަގޭ ދަރިއަށް ލިބޭ ގްރޭޑް ވަކިން ދަށްވެގެން ނުވާނެ ކަމުގެ ހޫނު ޖަޒްބާތުގައި އުފެދޭ ދުޅަހެޔޮ ނޫން ވާދަވެރި ކަމުގައި ވެސް މިއީ ބައެއް މީހުންގެ ހިތުގެ އެންމެ ކަނުގައި، ސިއްރު ސިއްރުން، އަބަދުހެންމެ އަންދައަންދާ އޮންނަ އަލިފާންގަނޑެކެވެ.

ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟
ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ތެރޭގައި ޓިއުޝަނުގެ ހޫނު މި ފެންވަރުގައި އޮތް އިރު ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދޭނެ އެންމެ މުހިއްމު ސުވާލަކަށް ވާނީ މި ޓިއުޝަނެއްގައި ނުޖެހި ސަލާމަތްވާނީ ކިހިނެއްތޯ ކަމުގައި ހީވެއެވެ. ޓިއުޝަނުގެ އަސަރުގަދަ މައުލޫގައި، އެއްބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރުމަކީ މިކަމުގައި އޮތް ހައްލެއް ނޫންކަން ޔަޤީނެވެ. ހައްލު އޮތީ މައުލޫގައި ޝާމިލްވާ އެންމެންގެ އަތްމަތީގަ އެވެ. މިއީ ގުޅިފައިވާ ބޮޅެކެވެ.

ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟
ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟

ނިކަން ފަސޭހައިން، ވަރަށް ގިނަ މީހުންގެ ދުލުކުރިއަށް އަންނަ ވާހަކައެއް އޮވެއެވެ. "ފަސް އިނގިލި އެއްވަރެއް ނުވާނެއެވެ." އެހެންވިއްޔާ، ފަސް ދަރިން ވެސް އެއްވަރު ނުވާނެތާ އެވެ. ވާކަށް ނުވެސް ޖެހޭނެ ނޫންހެއްޔެވެ؟ އެކަމަކު ވެސް، ދޮށީ ދަރިފުޅު ހޯދި މޮޅު ފާސް، ހަގަށްހުރި ދަރިފުޅު ވެސް އޮންނަނީ ހޯދަން މަޖުބޫރު ވެފަ އެވެ. އެ ގޯތި ކުއްޖާ ހޯދި ރަންވަނަ، މި ގޭ ކުދިން ވެސް ހަމަ ކޮންމެހެން ވެސް ހޯދަން ޖެހޭނެ އެވެ. ދެން ކޮން ފަސް އިނގިއްޔެއް ހެއްޔެވެ؟!

ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟
ޓިއުޝަނާ ނުލައި ކުރިއަށް ދާނީ ކިހިނެއް؟

ދިރިއުޅުމުގައި އަބަދުވެސް އެންމެ ކާމިޔާބު ހޯދަނީ އެންމެ މަތީ ފާސްތައް ހޯދާ ކުދިން ހެއްޔެވެ؟ ސްކޫލްގައި އެންމެ ލާނެތްކޮށް އުޅުނު، ކިރިޔާ ހަފޮޅުން އެތެރެވި ކިތައް ކުދިން މިއަދު ދިރިއުޅުމުގައި އެބަ "އުދުހޭ" ހެއްޔެވެ؟ އެ ކުދިން ހޯލުގައި އަތްތިލަބަޑިޖަހަން ބައިތިއްބާފައި ސްޓޭޖަށް އެތައް ފަހަރަކު އަރައި ފޭބި ކުދިން، ދިރިއުޅުމުގައި މާ ކަމެއް ނެތި އެބަ އުޅޭ ހެއްޔެވެ؟ ގަބޫލު ކުރަންވީ ކާމިޔާބު އެންމެ ބޮޑަށް ގުޅިފައި ވަނީ ހޯދައިދެވޭ ފާހަކަށް ވުރެ، ތަރައްގީ ކޮށްދެވޭ ޝަހްސިއްޔަތާއި، ހޯދައިދެވޭ ހުނަރުގެ މައްޗަށް ކަމެވެ. ކާމިޔާބުގެ ފޯކަސް އެންމެ ބޮޑަށް ބަހައްޓަންވީ މި ކަމަށެވެ.

މޮޑެފައި އޮންނަ މަޑު ފުށްގަނޑަކަށް ބޭނުން ގޮތެއް ހަދާލެވިދާނޭ ބުނެ އުޅޭ ދޯއެވެ؟ ހެދެމުންދާ ޅަނދޮޅު ގަހެއް ލަންބާ، ބޭނުން ބައްޓަމެއް ވެސް ޖެއްސިދާނެ ނޫން ހެއްޔެވެ؟ ތުއްތުކުއްޖާ ވެސް ހަމަ މިފަދަ އެވެ. ދެބަހެއް ނުވަމެވެ. ކޮންމެ ކުއްޖަކީ ވެސް ވިސްނުމާއި، މިޒާޖާއި، ހުނަރުގެ ގޮތުން ވެސް ތަފާތު ކުއްޖެކެވެ. އެހެންކަމުން ކޮންމެ ކުއްޖަކީ އޭ ސްޓާ ހޯދާ ކުއްޖަކަށް ނުވާނެ އެވެ. ނަމަވެސް، އެންމެ ތުއްތު އިރުން ފެށިގެންވެސް ދަރިފުޅުގެ އުނގެނުމަށް ވިސްނުން ބެހެއްޓިއްޖެ ނަމަ އުނގެނުމުގައި ދަރިފުޅު ހަވާސާއިން ބޭރުނުވެ ސަލާމަތް ކުރެވޭނެއެވެ.

ލޯބިން ހޯދައިދޭ "ބޭކާރު" ހަދިޔާތަކުގެ ބަދަލުގައި، ކުދިންގެ ޢުމުރާ ގުޅޭ ގޮތަށް ހުންނަ، އުނގެނުމަށް ފަހިވާނެ ފަދަ ކުޅޭ ތަކެތި ހޯދައިދީ، އުނގެނުމުގެ ތެރެއަށް ނުސީދާކޮށް މަޑުމަޑުން ވެއްދުން މުހިއްމެވެ. ބްލޮކްސް، ޕަޒުލް، އެބަކަސް، ކުރަހާ ކުލަޖައްސާ ތަކެތި ފަދަ ތަކެތި މީ ގަންނަން ލިބެން ހުންނަ މިކަމަށް މަގު ފަހިކޮށްދޭ ބޭނުންތެރި ތަކެއްޗެވެ. ވެއްޔާ ކުޅުމާއި، ފެނާ ކުޅުމާއި، ތުއްތު ކުދިންނާ އެކު ކުޅެ، ގިނައިން ވާހަކަ ދައްކާ ހެދުން ފަދަ ކަންކަމަކީ އަގަކާ ނުލައި ލިބެންހުރި، އެހެނަސް އެންމެ ފައިދާ ކުރުވަނިވި ކަންކަމެވެ.

ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިއްމު ކަމަކީ އިންސާނާ ހެދި ބޮޑުވުމުގައި ވަކި ތަރުތީބަކުން ފުރިހަމަވަމުން އަންނަ ކަންކަން ހުންނަ ކަމާއި، ފިޔަ ނުފަޅަނީސް އުދުއްސައިގަންނަން ނޫޅޭށޭ ބުނާ ބީދައިން، ކިތަންމެ ބޭނުންވިޔަސް އެ ހިސާބަށް ނުދަނީސް ނުކުރެވޭނެ، ނުވަތަ ކުރަން އުޅެފި ނަމަ ރަނގަޅަށްވުރެ ގޯސް ވެދާނެ ކަންކަން ހުންނާނެ ކަމެވެ. ހަށިގަނޑުގެ ކުދި މަސްތަކާއި، ބޮޑެތި މަސްތަކާއި، ނާރުތަކާއި ވިސްނުން ވެސް ތަރައްގީވެގެން އަންނަނީ މަރުޙަލާތަކަކަށެވެ.

މިސާލަކަށް، ތުއްތުކުއްޖާ ދެ އިނގިލިކުރިން ތަކެތީގައި ހިފަން ފަށަނީ 9 މަހާއި 12 މަހާ ދޭތެރެ އެވެ. އިނގިލިކުރިން ކްރޭއޯން ފަދަ ތަކެތީގައި ހިފައި ބޭނުންކުރަން ފެށެނީ ދޮޅުއަހަރާ ދެ އަހަރާ ދެމެދު އެވެ. އެހެންކަމުން، މާކުރިން، ކުއްޖާ ލައްވާ އަކުރު އަޅުވަން އުޅުނަސް އެއީ ފޫނެތް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށް ވުން އޮންނާނީ ދާދި ގާތުގަ އެވެ. އަކުރު ދަސްކުރުމާއި، ލިޔަން ކިޔަން ދަސްކުރުމާއި، ހިތުދަސްކުރުމާއި، ވިސްނުން ތަރައްގީ ވުން ވެސް ހަމަ މިފަދަ އެވެ.

ތުއްތު ކުއްޖާއާ ގިނައިން ވާހަކަ ދެއްކުމާ، އެ ކުދިންނާ އެކު ވަގުތު ހޭދަކޮށް، ވާހަކަ ކިޔައިދިނުމާއި، ސުވާލު ކުރުމާއި، ކުރަހާ، ކުލަ ޖެއްސުމާއި، ބޮޑުވަމުން އަންނަ ވަރަކަށް މިކަންކަން މަޑުމަޑުން އުމުރާ ގުޅޭ ގޮތަށް މައްޗަށް ޖައްސަމުން ގެންދިއުމަކީ ދަންނަވަން މިއުޅޭ ވާހަކައިގެ ހުލާސާ އެވެ. މި ކަންކަމުގެ ތެރެއިން، ކުދިން ގެންގުޅޭ ތަކެތި ތަރުތީބުން ގެންގުޅުން ފަދަ އުނގެނުމުގެ ޒިންމާ ކުދިން އަމިއްލަ އަށް ނެގުމާ ގުޅުން ހުރި ކަންކަމަށް ހާނުވަން ވާނެ އެވެ.

އުނގަންނައި ދޭންވީ ކުދިންގެ އުނގެނުމަށް އެ ކުދިން ޒިންމާވާން ޖެހޭނެކަން ގަބޫލު ކުރެވޭނެ ގޮތަށެވެ. "ތަގުރީރު ދިނުން" ދޫކޮށް، ކުދިންގެ ބައިވެރިވުން ބޮޑުކޮށް، އެކްޓިވް ލާނިން (ހަރަކާތްތެރި އުނގަންނައި ދިނުމުގެ) ވައްޓަފާޅި އަށް ކިޔަވައިދިނުމަކީ މިކަމަށް އޮތް ހައްލެވެ.

ބައެއް ދިރާސާވެރިން ކުރައްވާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އުނގަންނައި ދިނުމުގައި "ތަގުރީރު" ކުރުން ގެންގުޅޭ ނަމަ އެފަދަ ފިލާވަޅުތަކުގެ 40 ޕަސެންޓް ވަގުތަކީ ދަރިވަރުން ސަމާލުކަން ނުދޭ ވަގުތެވެ. އަދި މިފަދަ ގަޑިތަކުގައި ކިޔައިދޭ އެއްޗަކުން ކުދިންގެ ސިކުނޑީގައި ހަރުލެއްވެނީ ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭގައި އިވޭ އެއްޗެކެވެ. ފިލާވަޅުގެ ފަހުކޮޅުން ކިރިޔާ ވެސް ނަގައި ގަނެވެނީ އެންމެ ވިއްސަކަށް ޕަސެންޓެވެ.

އަޑުއަހައިގެން ދަސްކުރަން ފަސޭހަ ކުދިންނާއި، ބަލައިގެން ދަސްކުރަން ފަސޭހަ ކުދިންނާއި، ޢަމަލީ ގޮތުން ކޮށްގެން ދަސްކުރަން ފަސޭހަ ކުދިން ތިބޭއިރު، މިފާޑުގެ އުނގަންނައި ދިނުމުން ފައިދާއެއް ކުރިއަސް ކުރާނީ އަޑުއަހައިގެން ދަސްކުރަން ފަސޭހަ ކުދިންނަށް އެކަންޏެވެ. މިއީ އާއްމު ގޮތެއްގައި، ގިނަވެގެން ކްލާހެއްގެ ތިންބައިކުޅަ އެއްބައި ކުދިންނެވެ. ޢުމުރުން ހަގު ކުދިންތަކަކަށް އުނގަންނައި ދިނުމުގައި އަމުދުން މި އަދަދު ދަށްވެފައި، ކުދިންގެ ފުށުން ފެންނާނެ ފޫހިކަން ބޮޑުވާނެ އެވެ.

ކަންކަން އަމަލީކޮށް ކުރުމާއި، ސުވާލު އުފެއްދުމާއި، އަމިއްލަ އަށް ހައްލު ހޯދަން ފުރުސަތު ދިނުމާއި، ކުރެވުނު މަސައްކަތްތަކަށް އަމިއްލަ އަށް ވިސްނައި، ފާޑުކިޔަން ދިނުމާއި، އެހެން ކުދިންގެ މަސައްކަތްތަކަށް ވެސް ބިނާކުރަނިވި ފާޑުކިޔަން ފުރުސަތު ފަހިކޮށް ދިނުމާއި، އެ ކުއްޖަކަށް އުނގެނެން ފަސޭހަ ގޮތެއް އިޚްތިޔާރު ކުރުމުގެ މަގު ފަހިކޮށް ދިނުމާއި، އުނގެނުމުގައި ހެދޭ "ގޯސް" އެއީ ގޯހެއް ނޫން ކަމާއި އެއީ ވެސް ދަސްކުރުމުގެ ބައެއް ކަމުގައި ކުދިންނަށް ވިސްނައިދީ، އުނގަންނައިދޭ މީހާ ކްލާސް ލީޑް ނުކޮށް، އުނގެނުން ލީޑްކުރަން ކުދިންނަށް ފުރުސަތު ދީ، ޑެމޮސްޓްރޭޓްކޮށް މަގުދައްކައިދޭން ހުރުމަކީ "ހަރަކާތްތެރި" ގޮތުގައި އުނގަންނައިދީ، އުނގެނުމުގައި ކުދިން ޒިންމާ ނަގަން ދަސްކޮށްދެވޭނެ މަގެވެ. މިފަދަ އުނގަންނައި ދިނުމުން، ދަސްކުރާ އެއްޗެއްގެ 70 ޕަސެންޓާއި އާއި 90 ޕަސެންޓާ ދެމެދު ހާސިލްކުރެވޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އުނގެނުމުގެ އެއް ނަޒަރިއްޔާ ކަމުގައިވާ ކޮންސްޓްރަކްޓިވިޒަމް ނަޒަރިއްޔާގައި ބުނާގޮތުން މައުލޫމާތު ލިބި، ލިބޭ މަޢުލޫމާތު މާނަހުރި އެއްޗަކަށް ހެދެނީ ކުރެވިފައިވާ ތަޖުރިބާއާއި ލިބޭ މައުލޫމާތު ގުޅުވައި ލެވުމުންނެވެ. އަދި މިކަން ކުރުމަށްޓަކައި އުނގެނޭ މީހާގެ ދައުރު ބޮޑުކުރަން ޖެހެއެވެ. ޙަރަކާތްތެރި އުނގެނުމުގެ ގޮތަކީ މިކަމަށް ވަރަށް ބޮޑަށް މަގުފަހިކުރާ ވައްޓަފާޅިއެކެވެ. އުނގެނޭ އެއްޗަކީ މާނައެއްހުރި އެއްޗެއް ކަމުގައި އުނގެނޭ މީހާއަށް ގަބޫލު ނުކުރެވޭ ހިނދެއްގައި، އުނގެނޭ އެއްޗަކަށް ދެވޭ ސަމާލުކަން ކުޑަވުމުގެ އިތުރުން، ދަސްވާ އެއްޗެއް ވެސް ފަސޭހައި ހަނދާނުން ފޮހެވިގެން ދާނެއެވެ.

ފުރަތަމަ ތިމާ ދެނެގަންނާށެވެ. އެނގެނީ އަދި ނޭނގެނީ ކޯންޗެއް ހެއްޔެވެ؟ ދަސްކުރަން ބޭނުންވެގެން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ ދަސްކުރަން ފަސޭހައީ ކޮން ގޮތަކަށް ހެއްޔެވެ؟ އުނގަންނައިދިނުމުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ދެކެލައްވާ ގޮތުގައި ދަސްކުރުމުގެ މައިގަނޑު ތިން ސްޓައިލެއް ވެއެވެ. އަނެއްބައި ބޭފުޅުން ހަތަރު ސްޓައިލަށް އިތުރު ކުރައްވައެވެ. އެއީ ބަލައިގެން ދަސްކުރުމާއި، އަޑުއަހައިގެން ދަސްކުރުމާއި، ކޮށްގެން ދަސްކުރުމާއި، ކިޔައިގެން ނުވަތަ ލިޔެގެން ދަސްކުރުމެވެ.

މީގެ އިތުރުން، މަޝްހޫރު ޑިވެލޮޕްމަންޓަލް ސައިކޮލަޖިސްޓް، ޕްރޮފެސަރ ހަވާޑް ގާޑްނާގެ މަޝްހޫރު މަލްޓިޕްލް އިންޓެލިޖެންސް ތިއަރީ ބުނާގޮތުން އިންސާނެއްގެ ކިބައިގައި ހުންނަނީ ދަސްކޮށް ދެނެގަތުމުގެ ހަމައެކަނި އެންމެ ވައްތަރެއްގެ ގާބިލްކަމެއް (އިންޓެލިޖެންސެއް) ނޫނެވެ. މި ތިއަރީގައި ތަފާތު ނުވަ ވައްތަރެއްގެ އިންޓެލިޖެންސް ފާހަގަކޮށްފައި ވެއެވެ. މީގެ ތެރެއިން އެ މީހަކާ އެންމެ ގުޅޭ ގޮތްތަކެއް ޚިޔާރު ކުރުމުން ދަސްކުރަން ފަސޭހަ ވެއެވެ. ދަސްކުރުމުގެ ގާބިލްކަމާއި ދަސްކުރުމުގައި ތިމާއަށް ފަސޭހައީ ކޮން ގޮތެއްކަން ދެނެގަންނަން ދަތި ނަމަ، އިންޓަނެޓްގެ އެހީގައި ވެސް މި ޒަމާނުގައި، ނުރަސްމީ ސިފައެއްގައި މިކަންކަން ބަލައިލެވިދާނެ އެވެ.

ދަސްކުރަން އެންމެ ފަސޭހައީ ޗާޓާއި، ގްރާފާއި ޑައިގްރާމާއި ފޮލޯ ޗާޓް ފަދަ ތަކެތި ބަލައިގެން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެއީ، ދަސްކުރުމުގެ މައިގަނޑު ހަތަރު ސްޓައިލްގެ ތެރެއިން ބަލައިގެން ކަންކަން ދަސްކުރަން ފަސޭހައީ ކަމުގައި ވެދާނެ އެވެ. އެހެން މީހުން ދައްކާ ވާހަކަ އަޑުއަހައި، އަދި އެހެން މީހުންނާ ވާހަކަ ދައްކައިގެން ދަސްކުރުން އެއީ އެންމެ ފަސޭހަ ގޮތް ކަމުގައި ތަޖުރިބާ ކުރެވިފައި ވާނަމަ ތިއީ އަޑުއަހައިގެން ދަސްކުރަން ފަސޭހަ ކުއްޖެއް ކަމުގައި ބަލަމާ ހިނގާށެވެ. އަތްލައި، ތަޖުރިބާކޮށް ޢަމަލީ ގޮތުން ކުރުމުން ދަސްކުރަން ފަސޭހަ ވުމަކީ ވެސް ދަސްކުރުމުގެ އެއް ސްޓައިލެވެ. ކިޔުމާއި ލިޔުމުން ދެވޭ އެސައިންމަންޓް ފަދަ މަސައްކަތްތަކުން މަތީ މާކްސް ހޯދަން އަބަދުވެސް ފަސޭހަކަމަށް ވާނަމަ ކިޔައިގެން ނުވަތަ ލިޔެގެން ދަސްކުރަން ފަސޭހަ ކުއްޖެއްކަމަށް ނިންމިދާނެ އެވެ. ދަސްކުރަން އެންމެ ފަސޭހަ ގޮތެއް ބޭނުން ކުރާށެވެ.

އެންމެފަހުން ލިބުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެއީ ހަމަ އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން ވެސް ވީ ވަރު ހެއްޔެވެ؟ ނޫންނަމަ ބައެއް ކަންކަން ރަނގަޅުކޮށް ލެވުނުނަމަ ނަތީޖާ މާ ރަނގަޅު ކުރެވުނީސް ހެއްޔެވެ؟ ހަނދާނުގައި ބަހައްޓާށެވެ! ވަރަށް ހިތްވަރު ކޮށްފައިކަމަށް ކަނޑައަޅާ ދުރު ލަނޑުދަނޑި އަށް ކުރަންޖެހޭ މަސައްކަތް ބުރަވާނެއެވެ. އެންމެ ފުރަތަމައިން މާ ބުރަކޮށް ހިފަން ވެއްޖެ ނަމަ އިސާހިތަކު ވަރުބަލިވެ ފޫހިވާ ގޮތް ވެދާނެއެވެ. ޔަގީނުން ވެސް ވާސިލްވެވޭނެ، އެހެންނަމަވެސް ފާހަގަ ކުރެވޭ ވަރުގެ ހެޔޮ ބަދަލަކަށް އަމާޒު ކުރާށެވެ. މަޑުމަޑުން ކާމިޔާބު ލިބެން ފެށުމުން އުފެދޭ ޝައުގާއި، އަމިއްލަ ނަފްސަށް އުފެދޭ އިތުރުބާރު މި ގޮތުން އިތުރުކުރަން ފަސޭހަ ވާނެއެވެ. ނަގާ ޗެލެންޖް މަޑުމަޑުން އިތުރުކުރާށެވެ.

ދުވަހެއްގައި ވަކި މާއްދާއެއް ފަރިތަކުރުމަށްވުރެ، ދެތިން މާއްދާއެއް ފަރިތަކުރުން ރަނގަޅެވެ. ޚާއްޞަ ގޮތެއްގައި ގުޅުން ބޮޑު މާއްދާތައް އެއް ދުވަހެއްގައި ފަރިތަކުރެވި ދާނެއެވެ. މިގޮތަށް ފަރިތަކުރުމުން ލިބޭ މަޢުލޫމާތު އެއް މާއްދާ އަނެއް މާއްދާއާ ގުޅުވާލަން ފަސޭހަ ވާނެއެވެ. ދަސްކުރާ އެއްޗެއްގައި ވާނުވާ ބޮޑަށް އެނގި، މާނަހުރި އެއްޗެއްގެ ގޮތުގައި ނަގައިގަންނަން މީގެ ސަބަބުން ފަސޭހަ ވެއެވެ.

ކްލާހުގައި ވެސް، ގޭގައި ވެސް ކިޔަވައި، ފިލާވަޅު ދަސްކުރާއިރު ނޯޓް ހަދާށެވެ. ނޯޓް ލިޔަން ހާއްސަ ފޮތެއް ގެންގުޅޭށެވެ. ފަހުން ބަލައިލަން ބޭނުންޖެހޭ އިރު ފަސޭހައި ހޯދާލެވޭނެ ގޮތަށް، އަދި މައުލޫމާތުގެ ތަރުތީބުކަން ވެސް ހިފެހެއްޓޭ ގޮތަށް، ނޯޓް ލިޔުމުގައި ތަރުތީބެއް ގެންގުޅޭށެވެ. ނޯޓަކީ ނޯޓެވެ. ދިގު ޕެރެގްރާފްތަކެއް ނޫނެވެ. މައިގަނޑު ނުކުތާތައް، އަސްލު ނުގެއްލޭ ގޮތަށް ނޯޓް ކުރާށެވެ. މައިންޑް މެޕާއި، ފޮލޯ ޗާޓް ފަދަ ތަކެތި ވެސް ނޯޓްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ނަގާ ނޯޓްތައް އަބަދު ވެސް ކިޔާ ހަދާށެވެ.

ތިމާއަށް މި ހުރެވެނީ ކޮން ހިސާބެއްގައިކަން ނޭނގޭނަމަ ދެން ދާންވީ ދިމާލެއް ނޭނގޭނެއެވެ. އެހެންކަމުން، އަބަދުވެސް ދަސްވަމުންދާ މިންވަރު ބަލާ ވަޒަންކުރުމަކީ ކޮންމެހެން ކުރަންވާނެ ކަމެކެވެ. އެއްގޮތަކަށް ވެސް ސްކޫލް އިމްތިހާނަށް މަޑުނުކުރާށެވެ. ނަމޫނާ ސުވާލު ކަރުދާހާއި، ކުއިޒް ފަދަ ތަކެއްޗަކީ މިގޮތުން ބޭނުންކުރެވިދާނެ ތަކެއްޗެވެ. މީގެ އިތުރުން، ކުރިން ކޮށްފައި ހުންނަ މަސައްކަތްތައް އަލުން ތަކުރާރުކޮށް ކޮށްލުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ.

ގަބޫލުކޮށް ޔަގީން ކުރާށެވެ. މީހަކު ބުނެދީގެން ދަސްކޮށް ހަނދާން ބެހެއްޓުމަށްވުރެ އަމިއްލައަށް ހޯދާ، ބަލައި، ފަރިތަކޮށް ހަދައިގެން ދަސްވާ އެއްޗެއް މާ ބޮޑަށް ވެސް ހަނދާނުގައި ހަރުލާ ހުންނާނެއެވެ. ވާނުވާ މާ ރަނގަޅަށް އެނގޭނެއެވެ. އެހެނަސް މިކަމުން އެކަށޭނަ ފައިދާއެއް ކުރާނީ ވަރުގަދަ އާދައަކަށް މިކަން ހެދިގެންނެވެ. އުނގެނުމުގައި ކުޑަ ކޮށިކަމެއް ހުރިނަމަ އެންމެ ފުރަތަމަ މިއީ އުނދަގޫ، ފޫހި ކަމެއް ކަމަށް ހީވެދާނެއެވެ. ދޫނުކޮށް ހިތްވަރު ކޮށްލާށެވެ. މަޑުމަޑުން ނަތީޖާ ފެންނަން ފެށުމުން މީގެ ފައިދާ ބޮޑުކަން ޤަބޫލް ކުރެވޭނެއެވެ. ކްލާސް މުދައްރިސާއި، ރައްޓެހިންނާއި، އިންޓަނެޓަކީ މިކަމަށް ގާތުން ލިބެންހުރި ހުރި ރިސޯސްތަކެވެ. ފުރިހަމައަށް ބޭނުން ހިފާށެވެ.

ހިނި، ފަރުބަދަ ކެނޑިއޭ ވެސް ކިޔައި އުޅެއެއް ނޫން ހެއްޔެވެ؟ އެއީ ކިހިނެއް ހެއްޔެވެ؟ މިތަނުގައި މެސެޖަކީ ހިތްވަރާއެކު ދޫނުކޮށް ތަކުރާރު ކޮށްފިނަމަ ނެރެވޭނެ ނަތީޖާގެ ބޮޑުކަމެވެ. ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެވެ. ހަމަ މި ބީދައިން، ކަމެއް އެތައް ފަހަރަކު، ތަފާތު ގޮތްގޮތުން ތަކުރާރު ކުރުމަކީ އެކަމަކަށް މީހާ ފަރިތަވާނެ ކަމެއް މެއެވެ. ހަނދާނުގައި އެކަމެއް ބިންވަޅު ނެގޭނެ މުޖައްރިބު ގޮތެކެވެ.

ހިސާބު ފޯމިއުލާތައް ހަމައެކަނި ދަސްކޮށްފައި ދޫކޮށް ނުލާށެވެ. އަމަލީ ގޮތުންވެސް ތަޖުރިބާ ކުރާށެވެ. މިފަދަ ކަންކަން ފޫހި ފިލުވޭ ކަމެއްގެ ގޮތުގައި، ގޭގެ އެހެން ކުދިންނާއި މީހުންނާ އެކު ވެސް ކުރެވިދާނެއެވެ. އެކި މާއްދާތަކުގެ ފަން ފެކްޓްސް ފަދަ ކަންކަން ދަސްކޮށް، އެހެން މީހުންނަށް ކިޔައިދީ "ހައިރާން" ކޮށްލުމަކީ ވެސް ދަސްކުރުމުގެ ހަމަ މަޖާ ގޮތެކެވެ. މިފަދަ ކަންކަމުން އެހެން މީހުންގެ ފަރާތުން ތައުރީފް ލިބުމުގެ ފުރުސަތު އޮންނާނެތީ މިއީ އިތުރަށް ދަސްކުރުމަށް ލިބޭ ހިތްވަރަކަށް ވެސް ވާނެއެވެ. އަމިއްލަ ނަފްސަށް ލިބޭ އިތުބާރު ވެސް ބޮޑުކޮށް ދޭނެއެވެ. ދަސްކުރާ އެއްޗެއް "ލޯންގް ޓާމް މެމޮރީ" އަށް ގެންދިއުމަށް ތަކުރާރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

އެއްވެސް އެއްޗެއް ކިޔަންވާނީ ހަމަ ކިޔާލާކަށް ނޫނެވެ. ކިޔަންވާނީ ކިޔޭ އެއްޗަކާ ދޭތެރޭ ވިސްނުން ހިންގަމުންނެވެ. ސުވާލު އުފައްދަމުންނެވެ. ކުރިން ދަސްވެފައި ހުރި މައުލޫމާތާއި، ކުރެވިފައި ހުރި ތަޖުރިބާއާއި، އަމަލީ ދިރިއުޅުމާއި، އުޅޭ މާޙައުލާއި ދުނިޔޭގައި ކަން ހިނގަމުންދާ ގޮތްތަކާ ، އަމިއްލަ ޝައުގާ ކިޔަމުންދާ އެއްޗަކާ ގުޅުވަމުން، ފިކުރު ހިންގަމުން ކިޔަން ފަރިތަ ކުރެވިއްޖެނަމަ ސިކުނޑީގައި އެ މައުލޫމާތެއް ރަނގަޅު ގޮތެއްގައި ރައްކާކުރަން ފަސޭހަ ވާނެއެވެ.

މީގެ އިތުރުން، ދަސްކުރި އެއްޗެއް (ލޯންގް ޓާމް މެމޮރީގައި ހަރުލެއްވި އެއްޗެއް) ހަނދާނަށް ގެނައުމުގައި ހިމެނޭ މުހިއްމު ތިން ކަންތައް ކަމުގައިވާ މީނިންފުލް އެންކޯޑިން، އިލެބަރޭޝަން އަދި އެކްޓިވިޓީއަށް ސަމާލުކަން ދިނުމަކީ ހަނދާން ގަދަކުރުމަށް ވަރަށް ވެސް މުހިއްމު ބަހާތަކެކެވެ. ކުރީގެ ޕެރެގްރާފް ތަކުގައި، އެހެން އިބާރާތްތަކުން މި ވާހަކަ އެވަނީ ކިޔައިދެވިފަ އެވެ. އިތުރަށް ހުލާސާ ކޮށްލާ ނަމަ މީނިންފުލް އެންކޯޑަކީ ދަސްކުރާ އެއްޗެއް ކަންކަމާ ގުޅުވާލައި، މާނައެއް ހުރި އެއްޗެއްގެ ގޮތުގައި ސިކުނޑީގައި ރައްކާކުރުމެވެ. އިލަބެރޭޝަނަކީ ދަސްކުރަމުންދާ އެއްޗަކާ އަމިއްލަ މިސާލުތަކާ ކަންކަމާ ގުޅުވާލުމެވެ. މުހިއްމު ނުކުތާތައް ގުޅުވައިލާ، މާނައެއް އުފެއްދުމާއި، ކަންކަމާ ގުޅުވާލައި މާނައެއް ހުރި އެއްޗެއް އުފެއްދުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް "އާސީނުތަށި" އެއީ ކޯންޗެއްކަން އެނގޭ ދޯއެވެ؟ އެކްޓިވިޓީއަކީ އަމިއްލައަށް ކުރާ ކަންކަމެވެ. ފަރިތަކުރުން ހެދުމާއި، ސުވާލު ކުރުމާއި، ދިރާސާ ކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.

ކުއްޖާ މަތީ ކްލާސްތަކަށް ދިއުމުގެ މާކުރިން، އެންމެ ތުއްތު އިރުން ފެށިގެން ބެލެނިވެރިން ކުދިންގެ އުނގެނުމަށް ފޯކަސްކުރާށެވެ. ހޯދައިދެވޭ ތަކެއްޗާއި އެކުގައި ހޭދަކުރާ ވަގުތުތަކަކީ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ވިސްނުމުގެ ދުޅަހެޔޮކަން ތަރައްގީކުރާ ކަންކަމުގެ ގޮތުގައި ބެލެނިވެރިން ހަދާށެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމާ، ކޮންމެހެން އެންމެ ކާމިޔާބު ކުއްޖަކީ އެންމެ މަތީ ވަނަ ގެންނަ ކުއްޖާ ކަމުގައި ނުދެކެމާ ހެއްޔެވެ؟

އުނގަންނައި ދިނުމުގައި ގެންގުޅޭ ވައްޓަފާޅިއަކީ ކުދިންގެ ދައުރު ވީ އެންމެ ބޮޑަކަށް ދެވޭ ވައްޓަފާޅިއެއް ކަމުގައި ހަދަންވީ އެވެ. "ލަވައިދީގެން" ކިޔަވައި ދިނުމަކީ ޒަމާނަށް ނުފެތޭ ގޮތެއްކަން މުދައްރިސުންނާއި ބެލެނިވެރިންވެސް ގަބޫލުކުރަންވީ އެވެ. ކުދިން އެންމެ ބޮޑަށް ގަބޫލް ކުރަންވީ އުނގެނުމުގެ އެންމެ މުޖައްރިބު ގޮތަކީ އުނގެނުމުގައި އަމިއްލަ ދައުރާއި އަމިއްލަ ޒިންމާ ބޮޑުކުރުން ކަމެވެ. ކަމެއް ހަމަ ނޭނގޭއިރަށް އަވަހަށް ކޮންމެވެސް މީހެއްގެ ގާތުން އޮޅުން ފިލުވަން ދިމާކުރުމަކީ އުނގެނުމުގެ ވަރަށް ކަންނެތް ގޮތެކެވެ. ސިކުނޑީގެ ޤާބިލްކަން ދައްކުރާ ކަމެކެވެ. އަމިއްލަ މީހާ ދެނެގަންނާށެވެ. އަމިއްލައަށް ދިރާސާކޮށް، ހޯދާ، ބަލައި، ފަރިތަކޮށް ހެދުން އެއީ ވަރުގަދަ އާދައަކަށް ހަދާށެވެ. އެއިރުން ޓިއުޝަނުގެ މަތިން ހަނދާން ނެތިދާނެއެވެ.

އެޑިޓަރުގެ ނޯޓް: ސައުދުﷲ އިދުރީސް އަކީ އުލިގަމު ސްކޫލުގެ ޕްރިންސިޕަލް އެވެ. އޭނާ އަކީ ތައުލީމީ ދާއިރާގައި 23 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.