21 ޖޫން 2022 - 12:38

ޕީޕީއެމްގެ އޮފީހުން ދިދަތަކެއް ނެރެގެން ގަލޮޅު ދަނޑު ސަރަހައްދަށް ގޮސް އަޑުއުފުލައި އެތަނަށް ގަދަކަމުން ވަދެގަނެ މިއަދު ހަމަނުޖެހުން ހިންގި، ޔޯގާ އިވެންޓް ބާއްވަން މާލޭ ސިޓީ ކައުންސިލުން ވެސް ފުރަތަމަ ހުއްދަދީ، ރަސްފަންނު ދޫކުރި ކަން އެނގިއްޖެ އެވެ.

ރަސްފަންނުގައި އެ ހަރަކާތް ބޭއްވިޔަސް މައްސަލައެއް ނެތް ކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ސިޓީ ކައުންސިލުން އެންގީ ޖޫން، 9ގަ އެވެ.
"ތިޔަ މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން 'އިންޓަނޭޝަނަލް ޔޯގާ ޑޭ' ފާހަގަކުރުމަށް ބާއްވާ ހަރަކާތް 21 ޖޫން، 2022 ވަނަ ދުވަހު ހެނދުނު 6:30 އިން 7:30 އަށް ރަސްފަންނުގައި ބޭއްވެވުން އެންމެ ރަނގަޅު ކަމުގައި ދެންނެވީމެވެ،" ސިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރު ސޮއި ކުރެއްވި ސިޓީގައިވެ އެވެ.
ރަސްފަންނުގައި ޔޯގާ ހަރަކާތް ބާއްވަން ދިން ހުއްދަ ބާތިލްކޮށްފައިވާ ކަން ސިޓީ ކައުންސިލުން އެންގީ މިދިޔަ ހޮނިހިރު ދުވަހެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ހަރަކާތާ ގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވުމެވެ.
މި އިވެންޓުގެ ސައުންޑް ހެދީ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއުގެ ކުންފުނި، އޮފިޝަލް އިވެންޓްސް އިންނެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި އެ ހަރަކާތް ހުއްޓުވީ ސިޔާސީ މަގްސަދެއްގަ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެކަމުގައި ޕީޕީއެމާއި ޖަމިއްޔަތުއްސަލަފްގެ ބައިވެރިވުން އެބައޮތެވެ.
ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަހްލޫފް މިއަދު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭރު މިކަން "ހަރާމް ކަމަކަށް" ނުވާ ކަމަށާއި، ޔޯގާ "ހަރާމްވީ މި އަހަރު" ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން ދިދަތައް ނެރެނިކޮށް ފޮޓޯތައް އާއްމުވެފައިވާ އިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ރަސްމީ އޮފީހުން ދިދަތައް ނެރެ ބައެއްގެ އަތަށް ދެނީ ފަތިހު، ފަހެއް ޖެހިއިރެވެ. އެއްވުން ބާއްވަން އޮތީ ހެނދުނު ހައެއް ޖެހިއިރެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވުމެއް ނުވަތަ ޖަލްސާއެއް ރޭވި ކަމެއް މިހާތަނަށް އެ ޕާޓީން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ޔޯގާ އިވެންޓް ހުއްޓުވަން ގޮވާލި އެއްވުމުގައި ހިފައިގެން ތިބީ، ރަސޫލާގެ ދިފާއުގައި މާލޭގައި ބޭއްވި އެއްވުމަށް ފަހު ޕީޕީއެމުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ. ހުދު ކުލައިގެ ދިދައިގައި ހުރީ ޝަހާދަތުގެ ދެކަލިމަ ލިޔެފަ އެވެ.
ކޮންމެ އަހަރެއްގެ ޖޫން، 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި އދ. އިން 2014 ގައި ކަނޑައެޅި ފަހުން ކޮންމެ އަހަރަކު ރާއްޖޭގައި ވެސް ޔޯގާ ހަރަކާތެއް ބާއްވަ އެވެ. ސޯޝަލް ސެންޓަރާއި ރަސްރަނި ބަގީޗާގައި ވެސް މީގެކުރިން ބާއްވާފައިވާ އިރު ވޭތުވެދިޔަ ސަރުކާރުތަކުގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.