ޔޯގާ އިވެންޓުގައި ހަމަނުޖެހުން އުފައްދައިގެން ބަޔަކު ހައްޔަރުކޮށްފި
ޔޯގާ އިވެންޓުގައި ހަމަނުޖެހުން އުފައްދައިގެން ބަޔަކު ހައްޔަރުކޮށްފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން އުފައްދައިގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޔޯގާ ދުވަސް މީގެ ކުރިން ވެސް ރާއްޖޭގައި ފާހަގަކުރެ އެވެ. އެކަމަކު އެއީ ހިންދީން ކުރާ އަޅުކަމެއްގެ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ބައެއް ދީނީ މީހުން ވަނީ ނުކުމެފަ އެވެ. އެހެންވެ، ކުރިން ރަސްފަންނު ސަރަހައްދުގައި ބާއްވަން ހަމަޖެއްސި އެ އިވެންޓަށް މާލޭ ސިޓީ ކައުންސިލުން އެ ތަން ދޫވެސް ނުކުރެ އެވެ. ގަލޮޅު ދަނޑުގައި އިވެންޓް ބާއްވަން ހަމަޖެއްސީ އެ ސަބަބާ ހެދި އެވެ.

ގަލޮޅު ދަނޑުގައި މިއަދު އެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް އެތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭއްލަވަމުން ދިޔަ އެވެ. އެ އިވެންޓް ހިނގަމުން ދިޔައިރު ފުލުހުންނެއް ނެތެވެ. އެހެންވެ، އޭރު ޔޯގާ ހަދަން ތިބި މީހުން އެތަނުން ނުކުތެވެ.

އެ އިވެންޓަށް ހުރަސް އަޅައި ހަމަނުޖެހުން ފެށުމާ އެކު، ފުލުހުން އެތަނަށް ގޮސް ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ.