20 ޖޫން 2022 - 22:44

ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ފުލުހަކު ހިމެނޭ ކަމަށާއި އޭނާ ފިލައިގެން އުޅޭ ކަަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ބަނގުރާ ކޭސްތަކެއް ހިފައިގެން ދިޔަ ފުލުހަކު ފިލިކަމަށް ނޫހަކުން ރިޕޯޓްކުރި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެ މައްސަލާގައި ފުލުހަކު ނުހިމެނޭ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނިކޮށް، ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަނިކޮށް ފެނުނު މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ދެ މީހުންނާ އެކު އުޅުނު އިތުރު ދެ ބިދޭސީއަކު ވަނީ ފުލުހުން ފެނުމާ އެކު ފިލައިފަ އެވެ.
އެ މައްސަލަ ތަހުގުގީގުކުރަމުން އަަންނަ ކަމަށް ބުންޏަސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ފުލުހުން ވަނީ މީޑިއާތަކުން ވެސް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ފުލުހުން ބަދުނާމުކޮށް މައުލޫމާތު ނުފެތުރުމަށާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގޮވާލައިފަ އެވެ.