އަމީތާބުގެ ޕޯސްޓަކާ އެކު ޑޮން 3ގެ އަޑު އަނެއްކާވެސް ގަދަވެއްޖެ
އަމީތާބުގެ ޕޯސްޓަކާ އެކު ޑޮން 3ގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

"ޑޮން 2" ރިލީޒްކުރިތާ މިއަހަރަށް 11 އަހަރު ފުރޭއިރު އެ ފިލްމުގެ ތިން ވަނަ ބައެއް ވަރަށް އަވަހަށް އަތުވެދާނެ ކަމުގެ އިޝާރާތެއް، އެކްޓަރު އަމީތާބު ބައްޗަންކޮށްފި އެވެެ.

ޑޮން 3 ނެރޭނެ ކަމުގެ އަޑުތައް 2017 އިން ފެށިގެން އިވެ އެވެ. އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތްކުރާ ކަމަށް ބުނެ އޭރު އަޑުތައް ފެތުރުނަސް ފަހުންވީ ގޮތެއް ނޭނގެ އެވެ. އަނެއްކާ ވެސް އެ އަޑުތައް އެރީ އަމީތާބު އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓަކާ އެކު އެވެ.

ޑޮން 2 ގެ ލީޑު ތަރި ޝާހުރުކް ހާނާ އެކު ނަގާފައިވާ އެ ފޮޓޯގެ ކެޕްޝަނުން ވެސް ބޮޑަށް ބުރަވެވެނީ ކުރިއަށް އޮތީ ޑޮން 3 ކަމަށެވެ.

ބެލެވޭ ގޮތުގައި ޑޮންގެ ތިން ވަނަ ބައިގައި ޝާހު އާއި އަމީތާބު ވެސް ފެންނާނެ އެވެ. އެކަމަކު ފިލްމުގައި ރޯމާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ފެންނާނެ ކަމެއް ނޭނގެ އެވެ. ފިލްމުގެ ލީޑު ބަތަލާ ބަދަލުވި ކަމެއް ނުވާ ކަމެއް ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފަރްހާން އަކްތަރު ޑައިރެކްޓްކުރާ ޑޮން 3 ގެ މަސައްކަތް ނުފެށި އޮތީ އޭނާ އެހެން ޕްރޮޖެކްޓެއްގެ މަސައްކަތުގައި ވެސް އުޅޭތީ އެވެ. "ޖީލޭޒަރާ" ގެ ނަމުގައި ފަރްހާން ނެރޭ އެ ފިލްމަކީ ޕްރިޔަންކާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމެކެވެ.

އެކަމަކު ތިން ލީޑު ތަރިންގެ މަސައްކަތްތައް ހުރި ގޮތުން އެކުގައި މަސައްކަތް ކުރުން ލަސްވާތީ ޑޮން 3 ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިހާތަނަށް ފަރްހާން އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ޝާހްރުކް ހާނު ލީޑު ރޯލު ކުޅެފައިވާ "ޑޮން" ގެ މިހާތަނަށް ރިލީޒްކުރި ދެ ފިލްމަކީ ވެސް ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.