ބަންސާލީގެ ފިލްމަކުން ކްރިތީ އާއި އަދިތުޔާ
ބަންސާލީގެ ފިލްމަކުން ކްރިތީ އާއި އަދިތުޔާ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި އަދިތުޔާ ރޯއީ ކަޕޫރާއި ކަރިތީ ސަނޮން މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލޯބީގެ ފިލްމަކަށް ކްރިތީ އާއި އަދިތުޔާ ނެގުމަށް ބޭނުންވީ ބަންސާލީ އެވެ. އަދި އެކަމާ ގުޅިގެން ދެ ތަރިންނާ ވާހަކަ ދައްކައިގެން އެ މީހުން ފިލްމުގައި މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށްވެ އެވެ.

އެ ފިލްމުން ދެ ތަރިން އެކުގައި ފެނިއްޖެ ނަމަ، މިއީ އެމީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތްކުރާނީ މި ދެތަރިން ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ކްރިތީ އާއި އަދިތުޔާ ވަނީ 2019 ވަނަ އަހަރު ދަރްމާ ޕްރޮޑަކްޝަނުން ނެރުނު "ކަލަންކް" ގެ ލަވަ އައިރާ ގައިރާ އިން ފެނިފަ އެވެ. ބެލުންތެރިންގެ ލޯބި އެ ލަވައިން އެ ޖޯޑު ހޯދި އެވެ.

ބަންސާލީއަކީ ހިޓް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ "ގަންގޫބާއީ ކަތިއާވާޑީ" އެވެ. އެ ފިލްމަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ.