ވިނަރެސް ފްލެޓަކީ މި ސަރުކާރުގެ މަސައްކަތެއް: އަސްލަމް
ވިނަރެސް ފްލެޓަކީ މި ސަރުކާރުގެ މަސައްކަތެއް: އަސްލަމް

ހުޅުމާލޭގެ "ވިނަރެސް" ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ދައުވާކުރައްވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި އެ ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމައި އެޗްޑީސީއާ ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ އޭނާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ ވަރަށް އުފާވެރި އަދި ފަހުރުވެރިކަމާ އެކު ކަމަށެވެ. ސަަބަބެއްގެ ގޮތުގައި ވިދާޅުވީ ވިނަރެސްގެ 1،344 ޔުނިޓުގެ މަސައްކަތް ފެށުނީ 2009 ވަނަ އަހަރު އޭނާ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށްވާތީ އެވެ.

"ދެ ހާސް ނުވަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހައުސިން މިނިސްޓްރީ އާއި ސީއެމްއީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ބިނާކުރެވިގެންދިޔަ ޕްރޮޖެކްޓްތަކެއްގެ ތެރެއިން އެންމެ ފަހުން ނިންމަން އޮތް ބައި ނިންމައި ހޭންޑްއޮވާ ކުރުމުގެ ހަފްލާގައި މި ތިބީ. މިކަން ފެށުނީ އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާ އެކީގައި. އަޅުގަނޑުމެންގެ ސަރުކާރެއްގެ ފެށުމެއްގެ ގޮތުގައި މިކަން ފެށިފައި މިއޮތީ. މިކަން ނިންމާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބޭ ފަހުރެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 1،000 ހައުސިން ޔުނިޓް ބިނާކުރުމުގެ އީޕީސީ ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އޭނާ ކަމަށެވެ. އޭގެ ދަށުން ހިންގި 1،500 ހައުސިން ޔުނިޓްގެ އީޕީސީ ކޮންޓްރެކްޓުގައި ވެސް ސޮއިކުރެއްވި އަސްލަމް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ޔާމީންގެ ވެރިކަމުގައި އެ މަސައްކަތުގެ އީޕީސީ ކޮންޓްރެކްޓުގައި ސޮއިކުރެވުނަސް އެ ޕްރޮޖެކްޓް އުފަންވީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ބާކީ އޮތް މިހާރު މި ނިމިގެން ހަވާލުކުރެވޭ ހައުސިން ޔުނިޓްތަކުގެ ކޮންޓްރެކްޓުގައި ސޮއިކުރެވުނީ އޭގެ ފަހުން އުފެދިގެން އައި ސަރުކާރުގައި. އުފަންވެގެން އައީ 2009 ވަނަ އަހަރު،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައިއިރު އެ މަޝްރޫއުގެ މަސައްކަތް ކިރިޔާ ފެށުނީ އެވެ. ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު މަސައްކަތެއް ކޮށްފައިވަނީ މި މަޝްރޫއުގައި ކަމަށެވެ.

ވިނަރެސް ފްލެޓްގެ މަސައްކަތް ބެެއްލެވި ކަމަށާއި އެ ތަނުގައި ބޭނުންކޮށްފައިވާ މެޓީރިއަލްގެ ކޮލިޓީ އާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިއަށް ވުރެ ރަނގަޅަށް ހިންގިފައި އޮތް ހައުސިން ޕްރޮޖެކްޓެއް މިހާތަނަކަށް ނެތް."

ޗައިނާގެ ލޯނު އެހީއެއްގެ ދަށުން ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދިޔަ ފުރަތަމަ ޗައިނާގެ ކުންފުންޏަކީ ސީއެމްއީސީ ކަމަށާއި އެ ކުންފުނިން ވިނަރެސްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ވެސް ދިން ޔަގީންކަމަކީ އެތަނުގެ ކޮލިޓީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައުސިން މަސައްކަތްތަކަކީ އެއް ދުވަހުން ދެ ދުވަހުން ނިންމޭނެ މަސައްކަތެއް ނޫން ކަމަށާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށް އެބަ ދާ ކަމަށެވެ. އަދި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.