31 ޖުލައި 2022 - 08:38

ލަންޑަން (ޖުލައި 31) - އާސެނަލްގެ ކެޕްޓަންކަން އުމުރުން 23 އަހަރުގެ ނޯވޭ މިޑްފީލްޑަރު މާޓިން އޮޑެގާޑާ ހަވާލުކޮށްފި އެވެ.
މިދިޔަ ސީޒަނުގައި އާސެނަލްގެ ކެޕްޓަންކަން ޕިއޭ އެމެރިކް އޮބާމެޔަން އަތުން ނެގުމަށް ފަހު ސީޒަނުގެ ބާކީ ބައި އާސެނަލް އިން ފުރިހަމަކުރީ ދާއިމީ ކެޕްޓަނެއް ނެތި އެވެ. ސީޒަނުގެ ބާކީ ބައިގައި ޓީމު ލީޑު ކުރީ ފޯވާޑް އެލެކްޒެންޑާ ލަކަޒޭޓް އެވެ.
ސީޒަންގެ މެދުތެރޭން އޮބާމެޔަންގް އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލު ވެފައި ވާއިރު، ލަކަޒޭޓް ވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވުމާ އެކު އޭނާ ކުރިން ވެސް ކުޅުނު ކުލަބް ލިޔޯން އަށް ބަދަލުވެފަ އެވެ.
އުމުރުން ހަގު ނަމަވެސް އޮޑެގާޑް އަކީ ނޯވޭގެ ސީނިއާ ގައުމީ ޓީމުގެ ވެސް ކެޕްޓަނެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން އޭނާއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މިހާތަނަށް ގައުމީ ޓީމަށް އޮޑެގާޑް ވަނީ 42 މެޗު ކުޅެދީ، ދެ ގޯލު ޖަހައިފަ އެވެ.
އޮޑެގާޑް އެންމެ ފުރަތަމަ އާސެނަލް އަށް އައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ސްޕެއިންގެ ރެއާލް މެޑްރިޑުން ލޯނު އުސޫލުންނެވެ. އޭނާ ވަނީ ސީޒަންގެ ފަހު ބައިގައި ފުރަތަމަ 11 އިން ގިނަ ފުރުސަތުތަކެއް ހޯދައި، ސީޒަންގެ ފަހު މެޗުގައި ލަނޑެއް ވެސް ޖަހައިފަ އެވެ.
އެ ސީޒަނަށް ފަހު ރެއާލް މެޑްރިޑުން އޮޑެގާޑް ނުވިއކަން އުޅުނު ނަމަވެސް، އާސެނަލް އިން ވަނީ ރެއާލް މެޑްރިޑަށް 41 މިލިއަން ޑޮލަރު ދީފައި އޮޑެގާޑްގެ ކޮންޓްރެކްޓް ދާއިމީ ކޮށްފަ އެވެ. އޭނާ ވަނީ އާސެނަލް އަށް މިދިޔަ ސީޒަނުގައި ލީގުގައި ކުޅެދިން 36 މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ.
އާސެނަލް އިން ވަނީ މި ސީޒަނަށް މެންޗެސްޓާ ސިޓީގެ ގެބްރިއެލް ޖީސަސް އާއި އޮލެކްސެންޑަ ޒިންޗެންކޯގެ ސޮއި ހޯދައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމާ ގުޅުނު ޕޯޗުގަލްގެ 22 އަހަރުގެ ވާތު ބެކް ނޫނޯ ޓަވަރޭސް ވަނީ ލޯނު އުސޫލުން ފްރާންސްގެ މާސޭ އަށް ދޫކޮށްފަ އެވެ.