20 ޖޫން 2022 - 18:31

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ވިނަރެސް ފްލެޓްތައް އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް ޗައިނާގެ ފަރާތުން ހަވާލުކުރެއްވީ ސީއެމްއީސީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ވިނަރެސް ފްލެޓުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ސީއެމްއީސީގެ އިސްވެރިން ވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ސީއެމްއީސީގެ ޗެއާމަން ސަން ބައި ވިދާޅުވީ ކޮވިޑް-19 އާ އެކު މަސައްކަތްކުރިއަށް ގެންދިއުމަށް އެތައް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުގެ އެހީގައި އެކަމުން އަރައިގަނެ މަސައްކަތް ނިންމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
މިވަގުތު އެ ކުންފުނިން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިލެކްޓްރިސިޓީ ސިސްޓަމާއި އޯޕަން އެކްސެސް ނެޓްވޯކިންގެ މަސައްކަތް ކުރަމުންނެވެ. ސީއެމްއީސީގެ ޗެއާމަން ވިދާޅުވި ގޮތުގައި 2023 އަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖަރު ސަހައިލް ވިދާޅުވީ ވިނަރެސްއަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދެވަނައަށް އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ކަމަށެވެ.
ހުޅުމާލޭ ހިއްކައި 430 ހެކްޓަރުގެ ރަށަކަށް އެރަށް ހަދާފައިވާއިރު އެތަނުގައި 200،000 އަށް ވުރެ ބޮޑު އާބާދީއެއް އެބަ އޮތް ކަމަށް ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީ އިން ބައިވެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.
ސުހައިލް ވަނީ ހުޅުމާލޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވީޑިއޯ އިންޓަވިއުއެއްގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސީއެމްއީސީން ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަމުންދާތާ މިވީ 13 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށް ކޮމްޕޮޓަބަލް ހައުސިން ޔުނިޓް އެޅުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ވިނަރެސް ފްލެޓްތައް ހެދުމަށް ބޭނުންކޮށްފައި ވަނީ ވަރަށް ކޮލިޓީ މެޓީރިއަލްތަކެވެ. އަދި އެތަނުގެ ޑިޒައިނާއި ލޮކޭޝަނުގެ ސަބަބުން އެ މަސައްކަތް އިތުރަށް ފުރިހަމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭއިރު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.