ލަންދޫގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ
ލަންދޫގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ

ނ. ލަންދޫގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަނިކޮށެވެ.

މަރުވީ 53 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ 4:15 ހާއިރު ކަމަށާއި އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ މަރުވި މީހާގެ ގައިގައި ރުކެއްގެ ބުޑަކުން ޖެހުނީ ކަމަށެވެ. އަދި ރުކުގެ ބުޑުން ޖެހިފައި އޭނާ ވެއްޓުނީ ބަންޑުން ކަމަށާއި ވެއްޓުނު ގޮތަށް މަރުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރުކުގައި ހުންނާނީ ހަ ފޫޓު ވަރު. އެކަމަކު ރުކުގެ ބުޑުގަނޑު ވަރަށް ބޮޑު. ބުޑުގަނޑުގައި އިން ވެލިގަނޑު ނައްޓައިގެން އައިސް ޖެހުނީ އޭނާ ގައިގައި،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

"ވަގުތުން ނެގިން. އެކަމަކު އޭރު ވެސް ފުރާނައެއް ނެތް،"

ރުއްތަކަކީ ލަންދޫން އެ އަތޮޅުގައި އޮންނަ "ސިޔާމް ވޯލްޑް" ރިސޯޓަށް ގެންދާ ރުއްތަކެކެވެ. އެއީ ލަންދޫން ދިން 100 ގެވަޅުގައި ހުރި ރުއްތަކެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.