20 ޖޫން 2022 - 14:25

މިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހު 12 އިން 18 އަށް 405 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 231 މީހުންނަކީ މާލެއިން ޕޮޒިޓިވް ވީ މީހުންނެވެ. އަދި 95 މީހުން ރަށްރަށުން ޕޮޒިޓިވްވީ އިރު 79 މީހުންނަކީ އެހެން ތަންތަނުން ޕޮޒިޓިވް ވީ މީހުންނެވެ.
މިދިޔަ ހަފްތާގެ ނަންބަރުތަކާ އެކު ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 180،384 އަށް އަރައިފަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 300 އަށް އަރައިފަ އެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 17 މީހަކު ކޮވިޑް ޖެހިގެން ވަނީ މިދިޔަ ހަފްތާގައި އެޑްމިޓް ކޮށްފަ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވަނީ އެޑްމިޓް ކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެެވެ. އަދި އެެއީ ކޮމިއުނިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ ކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ބަލިމީހުންނަށް ޒިޔާރާތްކުރާ މީހުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ކޮންމެހެން ޒިޔާރާތްކުރަން ޖެހިގެން ނޫނީ ޒިޔާރާތް ނުކުރުމަކީ އެންމެ ރަނގަޅު ގޮތް،" ޑޮކްޓަރު ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް އިތުރުވިޔަސް، އިތުރު ފިޔަވަޅެއް އަޅަން ނިންމައިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ނަމަވެސް، އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް އިލްތިމާސް ކުރެ އެެވެ.