20 ޖޫން 2022 - 09:22

ސަރުކާރުން ސަބްސިޑީ ދޭނެ ކަމަށް ބަރޯސާވެގެން ތިބުން ނިމުމަކަށް ގެނެސް، ސްޓެލްކޯއަކީ ރައްޔިތުން އިތުބާރު ކުރާ ކުންފުންޏަކަށް ހަދާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ސްޓެލްކޯ ހިންގަމުން އައި މިސްރާބު އެއްކޮށް ބަދަލު ކޮށްލަން ޖެހޭ ކަމަށާއި ސަރުކާރަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އެ ކުންފުނިން އެހެން ވިޔަފާރިތަކަށް ވަދެ އާމްދަނީ ހޯދައިގެން ކަރަންޓުގެ ހިދުމަތް އަގު ހެޔޮ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިދުމަތުގެ އަގު އިރާދަކުރެއްވިއްޔާ ކުޑަ ކުރާނީ އަމިއްލަ ބާރުގައި. އަމިއްލަ އާމްދަނީ ހޯދައިގެން އެ އަގު ސަބްސިޑައިޒް ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ އިން މިހާރު ވެސް ބައެއް ހިދުމަތްތައް ދެމުން އަންނަނީ ގެއްލުމުގައި ކަމަށާއި އެގޮތުން ބައެއް ރަށްރަށުގެ ނަރުދަމާގެ ހިދުމަތާއި ކަރަންޓު ފޯރުކޮށްދިނުން ވެސް ކުރަމުން އަންނަނީ އެހެން މަސައްކަތްތަކުން ލިބޭ އާމްދަނީން ސަބްސިޑައިޒް ކޮށްގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެ ކުންފުނިން އަމިއްލަ ފައިމައްޗަށް ތެދުވުމާ ދިމާލަށް މިސްރާބު ޖަހަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި މެނޭޖްމަންޓާއި މުއައްޒަފުންގެ އެހީތެރިކަމާއެކު އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދޭ މައި ކުންފުންޏެއް ގޮތުގައި ސްޓެލްކޯ އޮތް ނަމަވެސް އެ ކުންފުންޏަށް ރައްޔިތުންގެ އިތުބާރު ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.
ޗެލެންޖު ކުރައްވައި ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުން ނުކުރާ ކަރަންޓެއް ސްޓެލްކޯ އިން ބިލް ނުކުރާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިމަގުގައި އަޅުގަނޑުމެން އެ ޗެލެންޖު ނަގާނަން. އަޅުގަނޑުމެން ރައްޔިތުންގެ އިތުބާރު ހޯދާނަން. ރައްޔިތުންނަށް ޔަގީންކޮށް ދޭނަން ބިލު ކުރަނީ ރައްޔިތުން ބޭނުން ކުރާ ކަރަންޓަށް ކަން،" ޝަރީފް ވިދާޅުވި އެވެ.