ސާޖަރީ އަށް ފަހު ވިމްބެލްޑަންގެ ކުރިން ބެރެޓީނީ ކުއީންސް މުބާރާތް ދިފާއުކޮށްފި
ސާޖަރީ އަށް ފަހު ވިމްބެލްޑަންގެ ކުރިން ބެރެޓީނީ ކުއީންސް މުބާރާތް ދިފާއުކޮށްފި

ލަންޑަން (ޖޫން 19) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުރިން ދުނިޔޭގެ 10 ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ މަޓެއޯ ބެރެޓީނީ، އިންގްލެންޑު ބާއްވާ ކުއީންސް ޗެމްޕިއަންޝިޕް ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ ކުއީންސް ކްލަބް ޗެމްޕިއަންޝިޕް އޭޓީޕީ 500 ސީރީސް މުބާރާތް ވެސް ކާމިޔާބު ކުރި ބެރެޓީނީ، މިއަހަރު ކާމިޔާބު ހޯދީ ފައިނަލުގައި ސާބިއާގެ ފިލިޕް ކްރަޖީނޮވިޗާ ވާދަކޮށް 7-5، 6-4 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

"ސާޖަރީ އަށް ފަހު އެނބުރި އައިސް ޖެހިޖެހިގެން ދެ ތަށި ހޯދޭނެ ކަމަށް ހަގީގަތުގައި އުންމީދު ވެސް ނުކުރެވޭ،" ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރި ބެރެޓީނީ ބުންޏެވެ.

މިއާ އެކު އެންމެ ފަހުން ވިނަ ކޯޓުގައި އޭނާ ކުޅުނު 21 މެޗުގެ ތެރެއިން ވަނީ 20 މެޗު ކާމިޔާބު ކޮށްފަ އެވެ. ވިނަ ކޯޓުގައި އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ވިމްބެލްޑަން ފައިނަލުގައި، ނޯވަކް ޖޮކޮވިޗް އަތުންނެވެ.

މިދިޔަ އަހަރުގެ ވިމްބެލްޑަން އޯޕަން ފައިނަލަކީ 26 އަހަރުގެ ބެރެޓީނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ބެރެޓީނީ ވަނީ މިމަހު ކުރީކޮޅު ޖަރުމަނުގައި އޮތް ސްޓަޓްގާޓް އޯޕަން މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. ވިނަ ކޯޓުގައި އެ މުބާރާތް އޭނާ ކާމިޔާބު ކުރީ އިނގިރޭސިވިލާތުގެ އެންޑީ މަރޭ ބަލިކޮށްފަ އެވެ. އޭނާ ސްޓަޓްގާޓް މުބާރާތަށް ދިޔައީ ވެސް ކަނާތުގެ ސާޖަރީއެއް ހެދުމަށް ފަހު އެވެ.

އޮސްޓްރޭލިއަން އޯޕަންގައި ވާދަކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްގެން ދުނިޔޭގެ ރޭންކިންގެ ހަވަނައަށް ވެސް އުފުލުނު ބެރެޓީނީ އަށް އަނިޔާވީ މާޗު މަހު މަޔާމީ އޯޕަން މުބާރާތަށް ތައްޔާރު ވަނިކޮށެވެ. އެއާ ގުޅިގެން ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް މުބާރާތް ވެސް ދޫކޮށްލަން ޖެހުނީ އެވެ.

ވިމްބެލްޑަން އޯޕަން ޓެނިސް މުބާރާޓް ފަށާނީ މި މަހުގެ 27 ގައެވެ.